ޚަބަރު ސަރުކާރު

ޓެލެމެޑިސިންގެ ހިދުމަތް އަލުން ފަށަން ދިރާސާ ކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ހަލީލު ރަށެއްގެ ސިއްހީ މަރުކަޒަކުން ދެމުން އަންނަ ހިދުމަތްތައް ބައްލަވާލައްވަނީ / ފޮޓޯ:ހެލްތު މިނިސްޓްރީ

ޓެލެމެޑިސިންގެ ހިދުމަތުން މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ކަމާ ގުޅުންހުރި ބައެއް ދިރާސާތައް ހަދަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ސިއްހީ ނިޒާމުގައި ހުރި ފާހަގަކުރެވޭ ކަންކަމަށް އަލިއަޅުއްވާ ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ ރާއްޖެއަކީ ޑޮކްޓަރުން ބަދަލުވާ ބަދަލުވުން ނިސްބަތުން އެންމެ ގިނަ އެއް ގައުމު ކަމަށެވެ. އެއީ ދިމާވެފައިވާ ބޮޑު މައްސަލައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދެން އޮތީ ޓެކްނޮލޮޖީގެ ތެރެއިން ކަމަށެވެ.

މީގެކުރިން ޓެސްޓްތައް ހަދަމުން އައީ ލެބޯރެޓަރީތައް ހަދައިގެން ނަމަވެސް މިހާރު އެކަން ކުރަނީ ކުދިކުދި ގެޖެޓުތަކެއް އެހީގައި ކަމަށާއި އިމަޖެންސީ ހާލަތުގައި ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ހެދޭނެ އިންތިޒާމް ކޮންމެ ރަށެއްގައި ހަމަޖައްސާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެކަމުގެ އިތުރުން ޓެލެމެޑިސިންގެ ނިޒާމުގެ ތެރެއިން މީގެކުރިން ހިދުމަތް ދިނުމުގެ މަސައްކަތް ކުރި ނަމަވެސް އެކަން އެދެވޭ ގޮތެއްގައި ކުރިއަށް ގޮސްފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ބެލިބެލުމުން އެކަން ކުރުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެވިފައިވާ ކަމަށެވެ.

"މިއަށް ޑެޑިކޭޓެޑް ހާއްސަ ލައިނެއް އެބަ ބޭނުންވޭ. ރާއްޖޭގައި މިހާރު ގާތްގަނޑަކަށް ހުރިހާ ރަށަކީ 5ޖީ ގެ ހިދުމަތް ލިބޭ ރަށްރަށް. ނޫނީ ފައިބާ ކޭބަލް އެޅިފައި ހުރި ރަށްރަށް. ގާތްގަނޑަކަށް ހުރިހާ ރަށްރަށަކަށް. މިހެން ދެންނެވިޔަސް ހުރެދާނެ ބައެއް މަދު ރަށްރަށް،" ހަލީލު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެލެމެޑިސިންގެ މަސައްކަތްތައް މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމުގަ އެވެ.

ނިޒާމުގެ ތެރެއިން ގުޅާލެވިފައިވާ ތަންތަނުގައި ތިބޭ ހާއްސަ ޑޮކްޓަރުންނަށް މުއާމަލާތް ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި އަދި އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގައި ވިދާޅުވި އެވެ.

ރަށްރަށުން ބޭސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ޝަކުވާ ލިބެމުންދާކަން ފާހަގަކުރައްވާ ހަލީލު ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ޑްރޯންގެ ހިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޑްރޯންގެ ޓެސްޓް ދަތުރުތަކެއް ކުރެވިފައިވާކަން ހަލީލް ފާހަގަކުރެއްވި އެވެ.

"މާލަސްތަކެއް ނުވެ އޭގެ ހިދުމަތްތައް ވެސް ކޮންމެވެސް އެއް އަތޮޅެއްގައި އަޅުގަނޑުމެން ފުރަތަމަ މި ފަށަނީ. ކޮންމެވެސް އެއް އަތޮޅެއްގައި މާލަސްތަކެއް ނުވެ އަޅުގަނޑުމެންނަށް އެ ހިދުމަތް ވެސް ފެށިގެންދާނެ،" ހަލީލު ވިދާޅުވި އެވެ.

އެ އާއެކު ކޮންމެ އަތޮޅެއްގައި ވެސް ހޮސްޕިޓަލް ހުންނަ ރަށަކުން އެހެން ރަށްރަށަށް ބޭސް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށާއި އަދި މާލެއިން ފަސޭހަ ނިޒާމެއްގެ ތެރެއިން ބޭސް ފޮނުވޭނެ ނިޒާމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

އެގޮތުން ޓެކްނޮލޮޖީގެ އެހީގައި ގާއިމުކުރެވޭ "ކަނެކްޓިވިޓީ" އަކީ ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގައި ދެއްވި ތަގުރީރުގައި އަލިއަޅުއްވާލެއްވި ކަންކަމާ އެކު ރާއްޖެއަށް ޝައުގުވެރިވާ ފަރާތްތަކުން ހިދުމަތްތައް ފޯރުކޮށްދިނުމަށް އަންނާނެ ކަމަށެވެ.

Ads by Ooredoo