ޚަބަރު

އެމްޑީޕީ ބައެއް މެމްބަރުން ދައުލަތުގެ ވެރިންނަށް "ވިކިފައިވާ" ކަމަށް ހާމިދުގެ ތުހުމަތު

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ 65 ގޮނޑިއާއެކު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައިވާ ސްޕަރ މެޖޯރިޓީގެ މެޖޯރިޓީ ދައުލަތުގެ ވެރިން ގަނެގެން އުޅޭ ކަމުގެ ތުހުމަތު ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސް ޕާސަން ހާމިދު ޢަބުދުލްޣަފޫރު ކުރައްވައިފިއެވެ.

Ads by STELCO

އެމަނިކުފާނު މި ތުހުމަތު ކުރެއްވީ ނުޙައްގު މުއްސަނދިކަން ކުށަކަށް ހެދުމާއި ގުޅޭ ގޮތުން ނޫހެއްގައި ގެނެސްދީފައިވާ ލިޔުމަކަށް ފާޅު ކުރެއްވި ޚިޔާލެއްގައެވެ.

އެޚިޔާލުގައި އެމަނިކުފާނު ވިދާޅުވީ ނުޙައްގު މުއްސަނދިކަން ކުށަކަށް ހެދޭނީ އެމްޑީޕީގެ ސްޕަރ މެޖޯރިޓީގެ މެޖޯރިޓީ ނުހައްގު ގޮތުގައި ގަނެގެން އުޅޭ ދައުލަތުގެ ވެރިން މައިތިރި ކުރެވިގެން ކަމަށެވެ.

“އަދި ވިކިގެން ތިބި އެމްޑީޕީގެ އެމްޕީން ތިލަވެ،ފާޅުވެ ޕާޓީގެ ހަގީގީ މެޖޯރިޓީއެއް އޮތްތޯ ނުވަތަ ނެތްތޯ ވެސް ޔަގީން ވެގެން” ޙާމިދު ވިދާޅުވިއެވެ.

 

ޙާމިދު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ތެރޭގައި ނުތަނަވަސްކަން ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މި ނުތަނަވަސްކަން އުފެދިފައިވަނީ “ ބުރޯ ހެދިގެން ނޫޅެވޭނެ ކަމަށް”ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަގާމުން ދުރުކުރުމުގެ މަސައްކަތް ރައީސް ނަޝީދު ފެށުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު މި މަސައްކަތް ކުރެއްވި ނަމަވެސް ރައީސް ޞާލިޙް ވިދާޅުވީ ފައްޔާޒުގެ މަގާމު ދިފާއު ކުރައްވާނެ ކަމަށާއި މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ފައްޔާޒާއި ދެކޮޅަށް 30 މެމްބަރުން ސޮއި ކުރި ނަމަވެސް އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުން ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް މައުލޫމާތު ލިބެއެވެ. ވިކިގެން ތިބި މެމްބަރުން ކަމަށް ،ރައީސް ނަޝީދުގެ ގާތް ބޭފުޅެއް ކަމަށްވާ ޙާމިދު އެ ތުހުމަތު ކުރައްވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ މެމްބަރުންނަށް ކަމަށް ބެލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!