ޝަރީއަތުގެ މަރުހަލާ އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
އެކި ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ޝަރީއަތުގެ މަރުހަލާ އަވަސް ކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދާއި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް މަޝްވަރާ ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޯޓުގެ އިސް ގާޒީ، ޕީޖީއާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ. ޕީޖީ އާއެކު ބޭއްވި ބައްދަލުވުމުގައި މައްސަލަތައް ޖަމާވުން މަދުކުރުމަށާއި މިހާރު ބަންދުގައި ތިބި މީހުންގެ ޝަރުއީ މަރުހަލާ އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެ އިތުރުން ކޯޓުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލާފައި ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބެން ޖެހޭ ޖެހުމަށް ހައްލު ހޯދުމަށް ގެންގުޅުއްވާ ތަސައްވަރާ ގުޅޭގޮތުން އައްބާސް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މައްސަލައިގެ ތަހުގީގު ފެށޭ ހިސާބުން ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ އުސޫލަކީ ގާނޫނު އަސާސީގެ ދަށުން ބަޔާންކޮށްފައި އޮންނަ އުސޫލެއް ކަމުގަ އެވެ. އެކަމަށް ހައްލު ގެނައުމަކީ ގާނޫނު އަސާސީއަށް ވެސް ބަދަލު ގެންނަން ޖެހިދާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރަށް މިހާރު ސަރުކާރުން އިޖުރާތު ގާނޫނަށް ހުށަހަޅުއްވާފައި އޮތް އިސްލާހުތަކުން ބަދަލުތައް ގެނެވުމުން ވެސް މި ކަމަށް ހައްލުތަކެއް ލިބިގެންދާނެ ކަމުގަ އެވެ. މުޅި މައްސަލައަށް ހައްލު ލިބޭނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ކޯޓުތަކުން އަވަހަށް ހުކުމް ކުރެވޭ ގޮތަށް ނިޒާމް ބައްޓަން ކުރެވިގެން ކަމުގަ އެވެ.
ކޯޓުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ވިދާޅުވެފައި ވަނީ ހުޅުމާލޭގައި ހަދަމުން އަންނަ ވަގުތީ ކޯޓާ އެކު ހައްލުތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މުޅި މައްސަލައަށް ހައްލު ހޯދޭނީ ވަށާ ޖެހޭ ދިރާސާއެއްގެ ތެރެއިން އަސްލު މައްސަލަ ދެނެގަނެ، ހުރިހާ ފަރާތްތަކެއް އެއްކޮށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މައްސަލަތައް ގާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކާ އެއްގޮތަށް ވީހާވެސް އަވަހަށް ނިމިގެން ދިއުން މުހިންމުކަން ވެސް އައްބާސް ފާހަގަކުރައްވާފައިވެ އެވެ.
ޕީޖީގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އައްބާސް ވަނީ ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ ވެރިންނާ ވަކިވަކިން ބައްދަލު ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް، އާދަމް ޝާމިލް އާއި ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ބަންޑާރަނައިބު އަހްމަދު އުޝާމް އާ ވަނީ ބައްދަލު ކުރައްވާފަ އެވެ.