ރިޕޯޓް

ސައީދު އުސްތާޛު: އެދުރުންގެ އެދުރެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ރަސްމީ އެހެން ދުވަހެކޭ މާ ތަފާތެއް ނެތް މާލޭގެ ގަދަ ހޫނުދޭ ދުވަހެކެވެ. ތަނަކީ "ދެން"ގެ ސްޓޫޑިއޯއެވެ. އިންޓަވިއު ދެއްވަން ސްޓޫޑިއޯއަށް ވަތްތަނާ "ދަ ބެސްޓް ޕްރިންސިޕަލް"އަކީ ތިޔައީއޭ ސައީދު ސަރގެ ދަރިވަރަކު ބުނުމުން އެ ދަރިވަރަށް ޖަވާބުގައި ވިދާޅުވިއެވެ. ރައީސުލް ޖުމްހޫރިއްޔާ އަތްޕުޅުން ލިބޭ އިނާމަކަށް ވުރެ ވެސް ބޮޑު އިނާމަކީ ތިޔައީއޭ ވިދާޅުވެ ގިރުވާނު ކޮޅަށް ޖައްސަވައިލެއްވިއެވެ. އަދި އެ ދަރިވަރާ ސަލާމްކޮށްލަވައި ތައުލީމު ފެތުރުމުގެ ސަފްޙާތަކަށް މި ފީނައިލައްވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ސައީދު އަހްމަދު (ސައީދު ސަރ)އެވެ.

Ads by STELCO

ކިޔަވައިދިނުމުގެ ތެރެއަށް ވަދެވުނު ގޮތް

ސައީދު ސަރ ކިޔަވައިދިނުން ފެށީ އީޕީއެސް ސްކޫލު ގްރޭޑް 10ގައި ކިޔަވަމުން ދަނިކޮށް އެ ސްކޫލުގެ މެނޭޖްމެންޓްއިން ގްރޭޑް 3ގައި ހިސާބު ކިޔަވައިދިނުމަށް ދިން ފުރުސަތުންނެވެ. ސްކޫލު މެނޭޖްމެންޓުން ސައީދު ސަރއަށް ޕާޓް ޓައިމް ޓީޗަރަކަށް ވުމުގެ ފުރުސަތު ދިނީ މާގިނަ ދުވަހުގެ ނޯޓިސްއަކާ ނުލައެވެ. ކިޔެވުމުގެ ދާއިރާއަށް ސައީދު ސަރ ގެ ޝައުގުވެރިކަން އުފެދުނީ އެ ހިސާބުންނެވެ.

"އޭރުގައި ދެން ޖެހެނީ މެންދުރު 1ޖަހާއިރު ވަޒީފާއަށް ނިކުމެ، ފަސް ޕީރިއެޑް ނަގަން. އޭރުގައި އޮންނާނީ ބައި ގަޑިއިރުގެ އެއް ޕީރިއެޑް. ޖެހިޖެހިގެން ފަސް ޕީރިއެޑް ގްރޭޑް 3އަށް ކިޔަވައިދީފައި ގެއަށް ގޮސްފައި ޔުނިފޯމް ލައިގެން 15 މިނެޓް ތެރޭގައި ތައްޔާރުވެގެން ގްރޭޑް 10ގެ ކުލާހަށް ކިޔަވަން ދަނީ"

10 ނިމުނުއިރުގައި އޮތީ އިނގިރޭސި ވިލާތަށް ކިޔަވަން ފޮނުވަން މީހުން ހޯދަންވެގެން އިއުލާނެއް ކޮށްފައެވެ. އެ ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން ސައީދު ސަރ އެ ކޯހަށް ކިޔަވަންދާން ކުރިމަތިލިއެވެ.

"އޭރުގައި ހުންނަނީ އީޖީސީ (ދިވެހިރާއްޖޭގެ ތައުލީމު ކުރުމުގެ މަރުކަޒު) އެ ތަނަށް ގެންދަވައިފައި ޓެސްޓެއް ދެއްވި. ޓެސްޓު ދެއްވައިފައި އިންޓަވިއު ކުރައްވައިފައި ހޮއްވެވީ."

އިންޓަވިއުއިން ހޮވިގެން، ދެން ލިބުނީ ސްކޫލުގެ ހެޑް މާސްޓަރު ޓްރެއިންގެ ވަޒީފާއެވެ. އެ ވަޒީފާގައި މާ ގިނަ ދުވަހެއް ނުވަނީސް ސްކޫލު ހިންގުމާ ހަވާލުވާން ޖެހުނީއެވެ. އޭރުގައި މާގިނަ ތަމްރީން ލިބިފައި ތިބި ހެޑް މާސްޓަރުން ނެތުމުން ޖެހުނީ ހުސް ތަކުލީފެވެ. އެހެންވެގެން ފުރަތަމަ ތިން މަސްދުވަސް ދިޔައީ މި ކަމާ ބެހޭ މައުލޫމާތު ހޯދުމުގައެވެ.

ސައީދު ސަރ ތައުލީމު ތެރެއަށް އެންމެ ފުރަތަމަ ނިކުތް އިރު، އެއީ 1980ވަނަ އަހަރު މެދެއްހައި ހިސާބު ފެށިގެން އެ އަހަރު ނިމެންދެން ބ އަތޮޅު ތައުލީމު މަރުކަޒުގެ ހެޑް މާސްޓަރެވެ.

ދެން އެ އަހަރު ނިންމައިފައި، 1981ވަނަ އަހަރުގައި، ސައީދު ސަރ ބަދަލުކުރީ އޭނާގެ އުފަން ރަށް ކުޅުދުއްފުށީ ހުންނަ ހދ އަތޮޅު ތައުލީމު މަރުކަޒު ހިންގުމަށެވެ.

އެ މަރުކަޒުގައި މަސައްކަތް ކުރައްވަނިކޮށް އިނގެރޭސިވިލާތުން ތަމްރީންވުމުގެ ފުރުސަތު ލިބުނެވެ. ތަމްރީން ނިންމުމަށް ފަހު ފުރަތަމަ ލިބުނީ ރ އަތޮޅު ތައުލީމު މަރުކަޒުގެ ހެޑް މާސްޓަރުގެ ވަޒީފާއެވެ. ދެން ޖެހިގެން އައި އަހަރުގައި ގދ.އަތޮޅު ތައުލީމު މަރުކަޒުގެ ހެޑް މާސްޓަރުގެ މަގާމު އެންމެ ފުރަތަމަ ފުރިހަމަ ކުރީ ސައީދު ސަރއެވެ.

ތިނަދޫގެ ފަން މަދަރުސާ އުވައިލައިފައި 700 ކުދިންނާ އެކީގައި ސަރުކާރުގެ ތައުލީމު މަރުކަޒު ފެށި އިރުގައި ތަމްރީން ލިބިފައި ތިބި ޓީޗަރުން ކޮންމެވެސް ވަރަކަށް ތިބި ކަމަށް ސައީދު ސަރ ފާހަގަކުރިއެވެ.

"ދެން އެހެން ނަމަވެސް ހުރިހާ މުދައްރިސުންނަކީ ތަމްރީން ލިބިފައި ތިބި މުދައްރިސުނެއް ނޫން.

އޭރުގައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދެނީ މީހުން ދެކޭނެ ގޮތަކާ މެދުގައި ނުވަތަ އެމީހުން ބަލައިގަންނާނެ މީހަކަށް ވުމަށެވެ. އެގޮތުން އޭރުގައި އޮތް އުސޫލުތަކާ ހިލާފަށް ވަރަށް އާ ހިޔާލުތަކެއް ތަންފީޒު ކުރެވެން ފެށިފައި އޮތް ދުވަސްވަރަކަށް ވެގެންދިޔައީ ތިނަދޫގައި ހުރި ދުވަސްވަރެވެ.

އޭގެ ކުރީގައި ވެސް އެކި ރަށްރަށުގައި އެކި ފެންވަރުގައި ކިޔަވައިދިން ކަމުގައި ވިޔަސް، އޭރުގެ އުސޫލުން ޒަމާނީ ފެންވަރެއްގައި އެ ޒަމާނީ ހިޔާލުތަކާ މިހާރުގެ ހިޔާލުތަކާ އެއްގޮތް ނޫންކަން ސައީދު ސަރ ފާހަގަކުރި އެވެ.

"މިއީ އަނެއްހެން ވަރަށް މުހިންމު މަރުހަލާއެއް އަޅުގަނޑު ދަންނަވާނީ. އެއީ އެދުވަސްވަރަކީ އާންމުކޮށް މި ތައުލީމު ކަންތައްތައް ވަރަށް ނެތް ދުވަސްވަރެއް. އަނެއްކާ ސަރުކާރުން ވަކި ސިސްޓަމެއް ގާއިމްކޮށްގެން އެ އުސޫލުން މި ހުރިހާ ރަށެއްގައިވެސް ކަންކަން ކުރަން ފެށިފައި އޮތީ."

އޭރުގެ އާބާދީ އާއި ސްކޫލު އާބާދީއާއި ތަނުގެ ވަސީލަތް ހުރި ގޮތުން ތިން ދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދަން ޖެހުނު ކަމަށް ސައީދު ސަރ ބުންޏެވެ.

"ދެ ދަންފަޅިއަށް ސްކޫލު ހިންގައޭ ބުނީމަ އޭގެ މާނައަކީ ފުރަތަމަ ދަންފަޅިއަށް ކިޔަވާދޭ ޓީޗަރުންނެއް ނޫން ދެވަނަ ދަންފަޅިއަށް ކިޔަވާދޭނީ. އަދި އެއް މެނޭޖްމެންޓެއް އޮތް ކަމުގައި ވިއަސް"

ނަމަވެސް އޭރުގައި ދެ ދަންފަޅި އަށް ނޫނީ ތިން ދަންފަޅިއަށް އޮތަސް އެ ހުރިހާ ދަންފަޅިއަކު ވެސް ކިޔަވާދޭން ތިބޭނީ އެއް ބަޔަކު ކަމަށް ސައީދު ސަރ ބުންޏެވެ. އަދި އެ ހާލަތުގައި ވެސް ހުރިހާ ޓީޗަރުން ވެސް ވަރަށް ބުރަކޮށް ހީވާގިކޮށް މަސައްކަތްކުރި ކަމަށް ސައީދު ސަރ ފާހަގަކުރިއެވެ.

ދެތިން އަހަރުގައި ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ހޭދަކޮށްފައި ދެން، އަނެއްކާ ވެސް ސައީދު ސަރ މަސައްކަތް ކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

1979ވަނަ އަހަރުގައި އެ ސްކޫލަށް ބަދަލުވީ އިރު އެތަން ހިންގުމާ އެންމެ ފުރަތަމަ ހަވާލުވެގެން ހުރީ މުސްތަފާ ލުތުފީއެވެ. އޭގެ ފަހުން 1987ވަނަ އަހަރުގައި ސައީދު ސަރ އެތަނާ ހަވާލުވީއިރުގައި އެތަން އޮތީ އެކަށީގެންވާ ފެންވަރަކަށް ގާއިމް ކުރެވިފައެވެ.

ސްކޫލުގެ ތަރައްގީއަށް ޓަކައި ހުރިހާ މުދައްރިއްސުން އެކީގައި މަސައްކަތް ކުރިކަމަށް ސައީދު ސަރ ފާހަގަކުރިއެވެ.އަދި ރަށުގެ އެހެނިހެން ބޭފުޅުންނާ ވެސް ގުޅިގެން އެ ބޭފުޅުންގެ ލަފާ އެކުގައި އޭރުގައި ސްކޫލު ހިންގަމުންދާކަމަށް ވެސް ސައީދު ސަރ ފާހަގަކުރިއެވެ.

"އޭރުގައި އަދި އަތޮޅު އޮފީސް ހުންނަނީ ކުޅުދުއްފުއްޓަކު ނޫން، އެހެން ނަމަވެސް ރަށުގެ އިސްވެރިންނާއި އެ ހުރިހާ ދާއިރާގެ މެންބަރުންގެ އެހީތެރިކަމާއި އެއްބާރާލުމާ އެކީގައި ސްކޫލު ތަރައްގީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދިޔައީ"

1995ވަނަ އަހަރުގައި ސިންގަޕޫރަށް ކިޔަވަންދާން ފުރުސަތު ލިބިގެން ސައީދު ސަރ ފުރީއެވެ. ސިންގަޕޫރުން އެއް އަހަރު ދުވަހުގެ ކޯހެއް ނިންމައިފައި އަައިސް ދެން މަސައްކަތް ކުރީ އައްޑޫ ސެކަންޑަރީ ސްކޫލުގައި އަބްދުލް ޒަމީރު އަރިހުގައި އެސިސްޑެންޓް ޕްރިންސިޕަލްގެ މަގާމުގައެވެ.

"ވަރަށް ހާއްސަ ޕްރެޖެކްޓެއްގެ ގޮތުގައި ސާނަވީ ތައުލީމު ރާއްޖެތެރޭގައި ގާއިމްކުރުމަށް ފެއްޓި ފުރަތަމަ ޕްރޮޖެކްޓް އެއީ އެ ސްކޫލަކީ. އެހެންވީމަ އެ ސްކޫލުގައި ހިދުމަތްކުރަން ލިބުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ހާއްސަ ތަޖުރިބާއެއް"

އެ އަހަރު ނިންމާފައި ސައީދު ސަރ ފުރީ އޮސްޓޭލިއާއަށް މާސްޓަސްއަށް ކިޔަވާށެވެ. މާސްޓަސް ފުރިހަމަކޮށްގެން އައިސް ސައީދު ސަރ މަސައްކަތް ކުރީ ޖަލާލުއްދީން ސްކޫލުގެ އެސިސްޓެންޑް ޕްރިންސިޕަލްގެ މަގާމުގ އެވެ. އެތަނުގައި މަސައްކަތް ކުރާތާ 5 އަހަރު ފަހުން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެގެން ގޮސް 2012ވަނަ އަހަރުގެ މެދާހަމައަށް ހުރީ ޕްރިންސިޕަލްގެ މަގާމުގައެވެ.

"މުޅިއެކު އެ ސްކޫލުގައި 14 އަހަރު، ފުރަތަމަ 5 އަހަރު ފިޔަވާ ދެން ބާކީ އޮތް ބައިގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރީ އަޅުގަނޑު. އެސިސްޓެންޓް ޕްރިންސިޕަލް މަގާމުން ފެށީ، ދެން ފަށައިގެން ސީނިއާ ޕްރިންސިޕަލްގެ މަގާމުން ގޮސް ޕްރިންސިޕަލްގެ މަގާމަށް ހުރީ ޖަލާލުއްދީން ސްކޫލުގައި 14 އަހަރު"

މާލެ އަންނަން ފުރުސަތު ލިބިގެންދިޔައީ ސައީދު ސަރއަށް މި ދާއިރާގައި ހިތްވަރު ދީ މަގު ދެއްކި ޑރ. އަންވަރުގެ ފަރާތުންނެވެ. އެ ފުރުސަތު ނުހިފަން ހުއްޓާ ވެސް އަންވަރުގެ ވަރަށް ބޮޑު އެދުމަކަށް 2012ވަނަ އަހަރުގެ ޖުލައި މަހުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ހަވާލުވީއެވެ.

"މިއަހަރުގެ ޖޫން ގެ ނިޔަލަށް 12 އަހަރު ފުރެންދެން މި ހުރީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި. ދެން މިހާރު އެ ސްކޫލު ޕްރިންސިޕަލްއަކަށް ހުންނެވީ އެހެން ބޭފުޅެއް، ދެން އަޅުގަނޑަށް މިހާރު ފުރުސަތު ދެއްވީ ކޮލެޖުގައި ހަމަ އެކަޑަމިކް ދާއިރާގައި މަސައްކަތް ކުރާނެ ފުރުސަތު"

ހައި ސްކޫލުގެ ދާއިރާ ނިމި މިހާރު ކޮލެޖް ދާއިރާގައި!

ރާއްޖޭގެ ތައުލީމަށް އެހާ ބޮޑު އިންގިލާބެއް އައީ ރައީސް ނާސިރުގެ ދުވަސްވަރުގައި އަތޮޅު ތައުލީމީ މަރުކަޒުތައް ގާއިމް ކުރުމުން ކަމަށާއި ރައީސް މައުމޫން ދައުރުގައި ވަރަށް ބޮޑަށް އެ ޕްރޮޖެކްޓް ތަންފީޒް ކުރުމަށް އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަކަމަށް ސައީދު ސަރ ފާހަގަކުރިއެވެ.

"އަބަދުވެސް ބަދަލު އަންނާނެ، އެހެން ނަމަވެސް ސަރުކާރުން މުޅި ރާއްޖޭގައި ތައުލީމީ ނިޒާމެއް ވަރުގަދަ ނިޒާމެއް ގާއިމް ކުރުމަށް ބުރަ މަސައްކަތެއް ފެށުނު ހިސާބު މިއީ އަތޮޅު ތައުލީމީ މަރުކަޒު"

ކޮންމެ ކަމަކާ ހަމައަށް ފޯރުމުގެ ކުރިން އަމާޒުތަކެއް ކަނޑައަޅައެވެ. އެގޮތުން ޕްރައިމަރީ ތައުލީމު މުޅި ރާއްޖެއަށް ފެތުރުމުގެ ލަނޑު ދަނޑިއެއް ކަނޑައަޅައިގެން އެކަން ހާސިލްކޮށްފައި ވަނީ 1990ގެ އަހަރުތަކުގައެވެ.

މި މަސައްކަތުގެ ފަހުން ސާނަވީ ތައުލީމު ޔުނިވަލައިޒްކުރުން ނުވަތަ މުޅި ރާއްޖެއަށް ފެތުރުމުގެ މަސައްކަތް ކުރިއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ މަތީ ސާނަވީ ހުރިހާ ރަށެއްގައި ގާއިމްކުރުމުގެ މަސައްކަތެވެ.

ކިޔަވާ ދިނުމުގައި އޭރު ހުރި ގޮންޖެހުންތައް

އޭގެ ކުރީގައި ވެސް އެކި ރަށްރަށުގައި އެކި ފެންވަރުގައި ކިޔަވައިދިނެވެ. ނަމަވެސް އޭރުގައި ކިޔަވައިދެނީ ޒަމާނީ ފެންވަރެއްގައި އެ ޒަމާނީ ހިޔާލުތަކާ އެއްގޮތަކަށް ނޫނެވެ.

އޭރުގައި ތައުލީމު މަރުކަޒުތައް ހެދިއިރުގައި ވަށާ ފާރު ހުންނާނީ ވަރަށް ތިރިކޮށެވެ. އަދި ބޭރުގައި މީހުން ބަލަން ތިބެއެވެ.

"އެމީހުންނަށް ވަރަށް ޝައުގުވެރިވާ، އެކި މީހުންނަށް އެކި މިޒާޖުގައި ޝައުގުވެރިވަނީ. އެކި މީހުން އެކި ނަޒަރުން ދެކެނީ ކިޔަވާދޭ ގޮތް. ކްލާހަށް ދާއިރު ބައިވަރު އެއްޗެހިތަކެއް ހިފައިގެން ގޮސް އެއްޗެހި ދައްކައިގެން ޓީޗިން އެއިޑްސް. އޭރުގައި އޮތް މާހައުލުގައި މުދައްރިއްސުން ކަންކުރާ ގޮތެއް ނޫން. އެހެންވީމަ އެމީހުން އެކަން ބަލަން ވެސް ތިބޭނެ އެކި ރަށްރަށުގައި.

އޭރުގައި ތަރައްގީއަކީ ވަރަށް މަދު ރަށްރަށުގައި އޮންނަ ކަމެކެވެ. ހާއްސަކޮށް ބައެއް ސްކޫލުތަކުގައި މިކަމުގައި އެކި ތަކުލީފުތައް އުފުލަން ޖެހެއެވެ. އޭރުގައި އެންމެ ބޮޑު މައްސަލައެއް ދިމާވަނީ އޭރުގެ އާބާދީއާއި ސްކޫލު އާބާދީއާއި ތަނުގެ ވަސީލަތް ހުރި ގޮތުން ތިން ދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދަން ޖެހުމެވެ. އަދި އޭރުގައި ދެ ދަންފަޅިއަށް ނޫނީ ތިން ދަންފަޅިއަށް އޮތަސް އެ ހުރިހާ ދަންފަޅިއަކު ވެސް ކިޔަވާދޭން ތިބޭނީ ހަމަ އެއް ބައެކެވެ.

"އަޅުގަނޑަކީ ސްކޫލު ހިންގަން ހުރި އިސްމީހާ އެކަމަކު އަޅުގަނޑަކީ އިނގިރޭސި ޓީޗަރު. އެހެންވީމަ އަޅުގަނޑު ހަމަ އެހެން ޓީޗަރުންނެކޭ އެއްގޮތައް ޓައިމް ޓޭބަލަށް ހަމަ ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ހުރިހާ ޝެޝަނެއްގައި ވެސް ކިޔަވައިދެން"

އޭރުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ބާރު މިނުގައެވެ. ކޮންމެ އަތޮޅެއްގައި ވެސް އަތޮޅު ތައުލީމު މަރުކަޒުވެސް ހެދީ ޔުނިސެފް ގެ އެހީގައެވެ. އެހެން ނަމަވެސް އިމާރާތް ކުރުން އޮންނަ ގޮތަކީ ސަރުކާރުން އިމާރާތް ކުރަން ބޭނުންވާ ތަކެތި ދިނީމަ ރަށުގެ ރައްޔިތުން މި މަސައްކަތް ކޮށްދެނީ ހިލޭ ސާބަހަށެވެ.

މުދައްރިއްސުންނަށް އޭރާއި މިހާރުގައި އައި ބަދަލުތައް

އޭރުގައި މުދައްރިއްސުން ތަމްރީން ކުރަން މާލެ ދާން ފުރުސަތު ލިބެނީ ރަށުގެ ވެރިންގެ ތެރެއިން މީހަކު ހޮވާލާ މީހަކަށެވެ. އޭރުގައި ކިޔަވައިދިނުމަކަށް އެހާ ބޮޑު ޝައުގުވެރިކަމެއް ނޯވެއެވެ.

"ދެން އޭރުގައި ފުރަތަމަ ފެށުނީ ވެސް އެއް އަހަރު ދުވަހުގެ ދިވެހި ބަހުން މުދައްރިއްސުން ތަމްރީން ކުރާ ކޯހުގައި އެއް އަހަރު ދުވަހުގެ ސެޓްފިކެޓް ކޯހެއް"

މި ތަމްރީން ހޯދަން ލިބޭ މީހުންނަކީ އޯލެވެލް އިމްތިހާނު ފެންވަރު ހުންނަ މީހުނެއް ނޫނެވެ. މި މީހުންނަކީ ވަރަށް އާދައިގެ ތަޖްރިބާ ހުރި ބައެކެވެ. އެހެން ނަމަވެސް އޭރުގައި ތަމްރީން ހޯދާ މީހުންގެވެސް ޕްރައިމެރީގައި ކިޔަވާ ދިނުމުގެ ފެންވަރު ހުރެއެވެ.

"އެހެން ނަމަވެސް އަޅުގަނޑު ވަރަށް ގާތުން ދުށިން މި ތަމްރީން ކުރެއްވުމުގެ މަސައްކަތް. އެއީ ކޮންމެ ބެޗެއްވެސް ނިމުމުގެ ކުރިން އެ ބޭފުޅުން ރާއްޖެތެރޭގެ ކޮންމެވެސް ސްކޫލަކަށް އެ ހުރިހާ ދަރިވަރުން ގެންދަވާނެ ޓްރެއިން ޓީޗަރުންގެ ގޮތުގައި"

އެހެން ނަމަވެސް މިހާރު ހުރިހާ ޓީޗަރުންވެސް ވަޒީފާގެ މާހައުލަށް ނިކުންނަނީ ޓީޗިން ޑިގްރީ ހަދައިގެންނެވެ. ނަމަވެސް ކިޔަވާދިނުމުގެ އަމިއްލަ ތަޖުރިބާ މި ސެޓްފިކެޓް ލިބުމުގެ ކުރިން ލިބޭ ފެންވަރާ ގާތަކަށްވެސް ނުލިބެއެވެ.

"އެހެން ނަމަވެސް އަޅުގަނޑަކަށް ހިޔެއް ނޫން އެ ފެންވަރަކަށް ކްލާސް ރޫމް ގެ މަސަައްކަތުގެ ތަޖުރިބާ ލިބޭހެން މިހާރު އުޅޭ ޓީޗަރުންނަކަށް. އެ ބޭފުޅުން ހައްދަވާ އެސައިމެންޓްތައް ވަރަށް ފުރިހަމަ ވެދާނެ. ލިޔުއްވާ އެކަމަށް ހަދާ ދިރާސާތައް ވަރަށް ފުރިހަމަ ވެދާނެ."

އުނގަނައިދިނުމުގައި މިހާރު މި ގެންދާ އުސޫލު މިއީ އެންމެ ރަނގަޅު ގޮތް ބާއޭ ސައީދު ސަރ ސުވާލު އުފެއްދި އެވެ. އަދި ޓީޗަރުން ސެޓްފިކެޓް ހާސިލްކޮށްގެން ކިޔަވައިދިނުމުގެ ތެރެއަށް ނިކުންނައިރު އެކަށީގެންވާ ތަޖުރިބާ ލިބޭ ބާއޭވެސް ސައީދު ސަރ ސުވާލު ކުރެއްވި އެވެ. އަދި އޭރުގައި އެހާ އާދައިގެ ފެންވަރެއްގެ މަދަރުސީ ފުރުސަތު ލިބިފައި ތިބި ބަޔަކު ތިބި އިރުވެސް ވަރަށް ގާނައިގެން މުދައްރިއްސެއް ނެރޭ ކަން ސައީދު ސަރ ފާހަގަކުރެއްވި އެވެ.

 

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ބަރާނަރު 12 އަހަރު ދުވަހު ޕްރިންސިޕަލްގެ މަސައްކަތް ކުރެއްވުމަށްފަހު ދަސްވެނިވެ ވަޑައިގެން މިހާރު ސައީދު ސަރ މަސައްކަތް ކުރައްވަނީ ވިލާ ކޮލެޖުގައެވެ. ކޮންމެ ސުކޫލެއް, ކޮލެޖެއް, ޔުނިވަރސިޓީއެއްގައި މަސައްކަތް ކުރެއްވި ނަމަވެސް ޔަގީންވާ ކަމަކީ, ސައީދު ސަރ ވެގެންދާނީ ކޮންމެ ކުރައްވާ ކޮންމެ ކަމެއްގައި ވެސް ހަމަ "ބެސްޓް"އަށެވެ.

Ads by Allied Insurance
  1. ކަމަނަ

    އަޅުގަނޑު ވަރަށް ހަނދާްން ވޭ ކުޅުދުއްފުށީ ސްކޫލްތަކުގަ އިސްވެރިއެއްގެ ގޮތުގައި ސައީދު ހުންނެވިއިރު ، ވަރަށް ގިނަބަޔަކަށް ސައިދު ކަމުދިޔަކަން، ވިލާގަ އުޅުއްވަން ފެއްޓެވިފަހުން ކުޅުދުއްފުށިން ވެސް ސައިދުއަށް ތައުރީފު ކުރާެއަޑު އިވޭ، ޖަލާލުއްދީންގަ އުޅުއްވިއިރު އެތާނގެ ބެލެނިވެރިންނަށް ކަމުގޮއްސަ ހުރި މީހެއް ތީ

    • ކަމަނަ

      ބުނަން ކުދިންނޭ ވާހަކައެއް، ކޮމެންޓް ޖަހަންވާނީ ކޮމެންޓް ކުރި މީހާ ފޮނުވިގޮތަށް، އެހެން ނޫނީ ކޮމެންޓް ނުޖަހާ،

  2. ކުންނާރު ސައީދުބެ އާ ހާދަ ވައްތަރޭ