ރިޕޯޓް މީހުން ލައިފްސްޓައިލް

އަޒޫ މިސް ކިޔައި މި ދެނީ މައްސަލަތަކަށް ހައްލުހޯދަން "ހިސާބު" ޖެހިދާނެ ގޮތްތަކެއްގެ ވާހަކަ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ކިޔަވައި ދިނުމަކީ ހުނަރެކެވެ. ނޭނގޭ އެއްޗެއް ފަސޭހައިން އެނގޭނެ ފަދަ މޭރުމަކުން ބުނެދިނުމަކީ ޒާތަކަށް ބުނާ ކަމަށް ވަންޏާ ފަންނެކެވެ. އެކަން ދަސްކުރުމަށް ކަމާ ގުޅުންހުރި ކޯސްތައް ހަދަން ޖެހެ އެވެ. ހުނަރު ތަރައްގީ ކުރުމަށް ތަމްރީނުތައް ފުރިހަމަ ކުރަން ޖެހެ އެވެ. މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ގިނަ ތަޖުރިބާތަކެއް ހޯދަން ޖެހެ އެވެ. ގިނަ ބަޔަކަށް ކަން ހިނގަނީ ބުނެވިދިޔަ ބީދައިން ނަމަވެސް މަދު ހާލަތްތަކެއްގައި، އެ ފަންނުގައި ބައެއް މީހުން ދައްކާ ޖާދުލަކީ އަދި މުޅިން ތަފާތު ކަމެކެވެ. ކޯހެއް، ތަމްރީނުތަކެއް އަދި މާގިނަ ތަޖުރިބާތަކެއް ނެތި ތަފާތު ދައްކަން ފަށަ އެވެ. އެފަދަ މީހުންނަށް ނިސްބަތްކޮށް އެއީ އުފަންވާއިރު ވެސް ހުންނަ ހުނަރެކޭ އަހަރެމެންގެ ތެރޭގައި ކިޔައި އުޅެ އެވެ.

Ads by Hajj Corporation

ދައްކަން މި އުޅެނީ މަދަރަސަތުލް އިފްތިތާހުގައި މެދު މަދަރުސީ ދައުރު ފުރިހަމަ ކުރަމުން އައި ދަރިވަރެއްގެ ސިކުނޑީގައި އުފެދުނު ހިޔާލެއް، ޝައުގުވެރި ކަމަކަށް ބަދަލުވެ އެންމެފަހުން އެކަމަށް ހިތުން ހާއްސަ ޖާގައެއް ދެވުނު ގޮތުގެ ވާހަކަ އެވެ. ކަމުގެ ތެރެއަށް ވަދެ، ރަނގަޅަށް ފައި ހަރުލައްވާލަން ދަތިތަކުގެ ތެރެއިން ވެސް ހިތްވަރު އެލުވާނުލާ ގަދަ ހިތްވަރާ އެކު މަސައްކަތް ކުރަމުން އަންނަ ޒުވާނެއްގެ ވާހަކަ އެވެ.

ޓީޗަރުންނަށް ހާއްސަ ކުރެވޭ މި ދުވަހު ޅ. ނައިފަރަށް އުފަން ފާތިމަތު އަޒްލިފާ، އަޒޫ މިސް ކިޔައި މި ދެނީ ޓީޗަރެއްގެ ގޮތުގައި ފެށި ދަތުރުގައި މި ހިސާބަށް އާދެވުނު ގޮތާއި ކުރެވުނު ތަޖުރިބާ އާއި ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަންކަމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އޭނާ ދެކެން ބޭނުންވާ ކަންތައްތަކެއްގެ ވާހަކަ އެވެ.

ޓީޗަރަކަށް ވުމުގެ ހުވަފެން އަޒޫ ދެކެން ފެށީ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި ދުވަސްވަރުގަ އެވެ. ކުދިންނަށް ނޭނގޭ އެއްޗެހި ބުނެދިނުމަކީ އޭރުވެސް އޭނާ ކުރަމުން އައި ކަމެކެވެ. ގިނަ ކުދިންނަށް އުދަނގޫވި ހިސާބު މާއްދާވީ އަޒޫގެ ޝައުގުވެރިކަން ދަމައިގަތް އެއްޗަކަށެވެ. ޒާތަކަށް ބުނާނަމައީ ހިސާބު ވީ އޭނާއަށް ފެން މެޓަލެއް ކަހަލަ އެއްޗަކަށެވެ.

"ހިސާބުގައި ވާގޮތަކީ ކޮންމެ ގޮތެއް ހަދާފައި ވެސް އެބަ ޖެހޭ ޖަވާބު ގެންނަން. ލައިކް ޕްރޮބްލެމްއެއް މި އިންނަނީ. މައްސަލައަށް ހައްލު ހޯދަން އެބަ ޖެހޭ. އާންމު ދިރިއުޅުމުގައި ވެސް ކަމެއް ދިމާވެއްޖިއްޔާ ހައްލު ހޯދާ ހިތްވޭ. ސޯ މެތްސްގެ ތެރެއިން ވަރަށް ގިނައިން އެގޮތަށް ޕްރޮބްލެމް، ސޮލިއުޝަން އެގޮތަށް ހޯދާ. ވަރަށް އިންޓްރެސްޓިން އަޅުގަނޑަށް،"

އަޒޫ "ދެން" ގެ ސެޓުގައި / ފޮޓޯ:ދެން އިމޭޖްސް

އަޑިގުޑަންތަކުގެ ތެރެއިން ވެސް ކިޔަވައިދިނުމަށް އޮތް ލޯބި ފަނޑެއް ނުވި

ޓީޗަރަކަށްވުމުގެ ހުވަފެނެއްގައި ގެނބެމުން އައި އަޒޫ ބޭނުންވީ އޭނާ އާ އެކު އުޅުނު ރަހުމަތްތެރިންނެކޭ އެއްގޮތަށް 2013 ވަނަ އަހަރު އޭލެވެލް ނިންމާފައި ޓީޗިން ކިޔެވުމަށް މާލެ އަންނާށެވެ. އެހެނަސް ކަން ދިމާކުރި ގޮތުން ކިޔެވުމައިގެން ކުރިއަށް ނުދެވި ޖެހުނީ އަމިއްލަ ވަޒަނުގައި މަޑުކޮށްލާށެެވެ. ހުހަށް ހުރުމުގެ ތެރޭގައި ރަށުގައި ހިންގަމުން އައި ނޫރާނީ ޕްރީ ސްކޫލާ އެ އަހަރު ގުޅުނެވެ. އެއީ އޭނާގެ ފުރަތަމަ ވަޒީފާ އެެވެ. ދެ އަހަރު ދުވަސް ވަންދެން ކުޑަކުދިންނަށް ކިޔަވައި ދޭން އުޅުނުއިރު ފައުންޑޭޝަން ކޯހެއް ހެދި އެވެ. އެފަހުން މިސްރާބު އަނބުރާލައި އަޒޫ ދިޔައީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ. އެ ތަނުގައި އިންޓަޕްރެޓާއަކަށް އަހަރު ދުވަސް ވަންދެން އުޅުނެވެ.

އެ އުޅުނު އުޅުމުގެ ތެރެއިން ޒަވާޖީ ހަޔާތެއް ފަށައި، އަލަތު ދަރިއަށް ބަނޑުބޮޑުވުމުން އަޒޫގެ ދިރިއުޅުން ދެން ގެނެސްދިނީ މާލެ އަށެވެ. އެހެންނަމަވެސް ދަރިފުޅަށް ހަ މަހުގައި 2017 ވަނަ އަހަރުގެ ވަކި ހިސާބަކުން އަނބުރާ ރަށަށް ބަދަލުވާން ޖެހުނެވެ. އެ ހިސާބުން އޭނާ ބޭނުންވީ އާމްދަނީ ހޯދުމަށް އަމިއްލައަށް މަސައްކަތެއް ފަށާށެވެ.

"ދެން މިވީ ގޮތަކީ ފުރަތަމަ ދަރިފުޅު ލިބިގެން އުޅުނުއިރުގައި ރައްޓެހި ކުއްޖެއް، އޭނާ ބޭނުން ވަނީ އަޅުގަނޑާ އެއްކޮށް ޓިއުޝަން ދޭން ފަށަން. ދެ މީހުންގެ ހިޔާލު ވަރަށް އެއްގޮތް ވާނެ. ކްރިއޭޓިވް މައިންޑެއް މި އިންނަނީ ދެ މީހުންގެ ވެސް،"

އެއާ އެކު ރަހުމަތްތެރިއެއްގެ ގޭގައި ޓިއުޝަން ސެންޓަރެއްގެ "ފީލް" އަންނަ ގޮތަށް ކުޑަ ތަންކޮޅެއްގެ ތެރޭގައި އުފަންވެގެން އައީ "ތަސްކީން" އެވެ. ފުރަތަމަ ދަރިފުޅަށް އެއް އަހަރުގައި 2018 ވަނަ އަހަރު ފެށި އެ މަސައްކަތުގައި ވަގުތު ވީ ވަރަކުން އަޒޫ ދިޔައީ އުޅެމުންނެވެ. ތަނަކީ ބޮޑު ތަނެއް ނޫން ނަމަވެސް ބެލީ ކިޔަވައިދިނުމުގައި އާންމު އުސޫލުން އަމަލު ކުރަމުން އަންނަ ގޮތާ ތަފާތުކޮށް ކަން ކުރެވޭތޯ އެވެ.

"އަޅުގަނޑުމެން ބެލީ ޓިއުޝަން ދޭއިރުގައި ތަންކޮޅެއް މަޖާ ގޮތަކަށް ގެންދެވޭތޯ. ބޭރަށް ވެސް ގެންދިޔައިން. އެކިއެކި ހަރަކާތްތައް ހިންގިން ޓިއުޝަން ސެންޓަރު ތެރޭގައި،"

ފުރަތަމަ ދަރިފުޅަށް އަހަރެއްހާ ދުވަހުގައި ފެށި މަސައްކަތުގައި އުޅެނިކޮށް، ދެ ވަނަ ފަހަރަށް ބަލިވެ އިންނަން ޖެހުނެވެ. ދެ ވަނަ ދަރިއަކު 2019 ވަނަ އަހަރު ލިބުނު އިރު ވެސް މަސައްކަތް ކުރަމުން އައީ އެތަނުގަ އެވެ.

ދެ މީހުން ގުޅިގެން އިތުރު ދެ ޓީޗަރުންގެ އެހީ އާއެކު އެކުގައި ހިންގަމުން އައި ތަސްކީންއަށް ހުއްޓުމެއް އައީ ގާތްގަނޑަކަށް ތަނަށް ދެ އަހަރު ދުވަސްވީ ތަނާ އެވެ. އެކުގައި އުޅުނު ރަހުމަތްތެރިޔާ އޭރު މާސްޓާސް ފުރިހަމަ ކުރަނީ އެވެ. ދެން ތިބި ދެ ޓީޗަރުން ކޯހަށް މާލެ ބަދަލުވާން ޖެހިއްޖެ އެވެ. އެ ހިސާބުން ޓިއުޝަން ސެންޓަރު ދޫކޮށް އަމިއްލަ ގޭގައި މަސައްކަތް ފެށި އެވެ.

ގޭގައި ކުރަން ފެށި ފަހުން ވެސް ގިނަ ބެލެނިވެރިން ބޭނުންވީ ގިނަ މާއްދާތަކެއް އެއްކޮށްލައިގެން ކިޔަވައިދޭށެެވެ. ޓިއުޝަން ދޭން ފެށިއިރެކޭ އެއްގޮތަށް އަޒޫ އައީ ހަތަރު ފަސް މާއްދާ ނަގައިދެމުންނެވެ. ގިނައީ ފަސް މާއްދާ ކިޔަވައިދޭން ޖެހުނު ފަހަރުތަކެވެ.

"ފާހަގަވި ކަމަކީ އެކަނި ކަމަށްވީމަ ކަމަށް ވެސް ވެދާނެ، އަހަރަކަށް ވުރެ އަހަރެއް މޯޓިވޭޝަން ދަށްވަމުން ދަނީ. އެކަނި ކުރަން ވީމާ. އެއްވެސް އެޕްރެޝިއޭޝަނެއް ނުލިބެއޭ. އެކަހަލަ ފީލްއެއް އަސްލު އައި. ދެން ވަރަށް ޑަވްންވެފައި ހުރީ. ބޭނުމެއް ނުވި ގިނަ އެއްޗެހި ކިޔަވައިދޭކަށް ވެސް،"

ވަގުތު "މެނޭޖް" ކުރުމުގައި ދިމާވި ދަތިކަމާ ހުރެ އެކަންވީ އޭނާއަށް އުދަނގޫ ކަމަކަށެވެ. ފަސް މާއްދާ އެއްކޮށް ނަގައިދެމުން އައިއިރު ސްކޫލާ އެއްވަރަށް "ސިލަބަސް ކަވާ" ނުކުރެވޭތީ އެވެ. ކަމާ ގުޅިގެން ޓިއުޝަން ދިނުން ހުއްޓާލައި، އަޒޫ ދެން ބޭނުންވީ ހަމައެކަނި ހިސާބަށް ހާއްސަ ވާށެވެ. އެކަން އޭނާއަށް ފުރިހަމަވީ "ބްރައިޓް މައިންޑްސް" އިން އޭނާގެ އަތުގައި ހިފި ހިސާބުންނެވެ.

ވާހަކަ އެ ހިސާބަށް ކުރުކޮށްލާފައި އަޒޫ ދެން ފެށި ވާހަކައަކީ ފަހަރުގައި ބައެއް ޓީޗަރުންގެ ހިތްތަކުގެ ޝުއޫރަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ ދޭދޭ ޓީޗަރުންގެ މެދުގައި ދެކެވެމުން އަންނަ ވާހަކައަކަށް ވުމަކީ ވެސް ވަރަށް ހަމަ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް މިއީ އާންމުކޮށް އަހަރެމެންނަށް މިހެން ކިޔާލަން ނުލިބޭ ނުވަތަ ޓީޗަރެއްގެ ދުލުން އަޑު ނީވޭ ކަންތައްތަކެއްގެ ވާހަކަ އެވެ.

އަޒޫ "ދެން" ގެ ސެޓުގައި / ފޮޓޯ:ދެން އިމޭޖްސް

ބަންދުކޮށްގެން ނޫނަސް ކިޔަވައި ދެވިދާނެ

ކިޔަވައިދިނުމުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތަކަކީ އަޒޫއަށް ބަލައިގަންނަން އެހާ ފަސޭހަ އުސޫލުތަކަކަށް ނުވެ އެވެ. އެއް ކަމަކީ ބަންދު ކްލާސް ރޫމެއްގެ ތެރޭގައި ތިބެގެން ކުދިންނަށް ކިޔަވަން ޖެހުމެވެ. އޭނާ ސިފަކުރީ އެއީ ކިޔެވުމާ މެދު ދަރިވަރުން ފޫހި ކުރުވާނެ ކަމެއް ކަމަށެވެ. އޭނާގެ ވިސްނުމުގައި ކިޔެވުމަކީ އެއަށް ވުރެ "ފަންކޮށް ގެންދެވޭނެ" ކަމެކެވެ. އެކަމުގެ އިތުރުން އޭނާއަށް ފެންނަ ކަންކަމުގެ މައްޗަށް އަލިއަޅުވާލި އެވެ.

"އަސްލު ވަރަށް މުހިންމު ކަމެއް އެއީ ކުއްޖާ ސްކޫލަށް ގޮސްފައި އެއީ ގިނަ ވަގުތު އިންނައިރު، ކުއްޖާ ކޮމްފޯޓަބަލް ކްލޯތިންއެއް ވެސް އިނުން. އެހާ ހޫނު ގަދައެއް ނޫންތޯ ރާއްޖޭގައި. އަޅުގަނޑަކަށް ކަމަކު ނުދޭ ކުދިން އެހާ ހޫނުގަދައިރުގައި އެ ވައްތަރު ޔުނީފޯމް ލައިގެން ދާކަށެއް. ކިޔެވުމަށް ބުރޫއަރާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،"

މިހާރު ޔުނީފޯމުގެ ގޮތުގައި ބޭނުން ކުރަމުންދާ ވަރަށް ވުރެ ކުދިން ލާ އެއްޗެހި "ކޮމްފޯޓަބަލް" ކޮށްލެވިދާނެ ކަމަށެވެ. އެގޮތަށް އެކަން ކުރާއިރު ހުރިހާ ކުދިންނަށް އެއްވައްތަރުގެ ޔުނީފޯމެއް ބޭނުން ކުރެވިދާނެ ކަމަށެވެ. ގިނަ ވަގުތު ސްކޫލުތަކުގައި މަސައްކަތް ކުރަން ޖެހޭތީ ޓީޗަރުން ވެސް ބޭނުން ވާނީ ތަންކޮޅެއް "ކޮމްފޯޓަބަލް ކްލޯތިން" އެއް ކަމަށެވެ. މިފަދަ ކަންކަމަކީ ރަނގަޅު ކުރަން ހުރި ކަންކަން ކަމުގައި އަޒޫ ފާހަގަކުރި އެވެ.

އަޒޫ "ދެން" ގެ ސެޓުގައި / ފޮޓޯ:ދެން އިމޭޖްސް

ސްކޫލުތަކުގައި ކިޔަވައިދެނީ އެކި ގޮތަށް، އެއްގޮތްވާން ޖެހޭ

ޓިއުޝަން ނަގައިދެމުން އަންނައިރު ދިމާވާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަޒޫ ބުނި ގޮތުގައި އޭގެ ތެރެއިން އެއް ކަމަކީ ރަށްރަށުގައި ކިޔަވައިދެމުން އަންނަ ގޮތް ކަމުގަ އެވެ. "ޓޮޕިކް ވައިސްކޮށް" ބަލާއިރު ވެސް، އެކި ކުދިން ކިޔަވަނީ އެކި "ޓޮޕިކް" ތައް ކަމުގަ އެވެ. ކިޔަވައިދިނުމުގައި އެއް އުސޫލަކުން އަމަލު ނުކުރަނީ ކީއްވެތޯ މިސާލަކާ އެކު ސުވާލު އުފެއްދި އެވެ.

"ހުރިހާ ރަށެއްގައި ވެސް ގްރޭޑް އެއިޓަށް ވެއްޖިއްޔާމުން ވަކި ލެސަންއެއް. އަލްޖިބްރާ ކިޔަވައިދެންޏާ، އަލްޖިބްރާ އޭ ގެންދަން ޖެހޭނީ ހުރިހާ ރަށެއްގައި ވެސް. އެކަމަކު އެއްބައި ސްކޫލުތަކުގައި ފޮތުގެ ފަހަތުން ގެންދަނީ. އަނެއް ބައި ސްކޫލުތަކުގައި ކުރީގައި ހުންނަ ޓޮޕިކްތައް. އަނެއް ބައި ސްކޫލުތަކުގައި މެދުން އެބަ ގެންދޭ. ވަރަށް ބޮޑަށް މިކްސްޑްއަޕްވެފައި އޮންނަނީ،"

ގްރޭޑް އަށަކަށް ކިޔަވައިދިނުމުގައި ގެންގުޅޭ ހަމަތަކަށް ބަދަލުތަކެއް ގެނެސްފައި ވިނަމަވެސް އޭގެ ދަށް ގްރޭޑުގައި ވެސް އެ މައްސަލަ ދިމާވާ ކަމުގަ އެވެ. އެކި ޓީޗަރުން ކިޔަވައިދޭ "މެތަޑް" ތަފާތު ވިނަމަވެސް، "ޓޮޕިކް ވައިސް" ކޮށް ބަލައި ހުރިހާ ރަށްތަކެއްގައި އެކައްޗެއް ކިޔަވައިދެވޭނެ ގޮތަށް، ކަންކަން ތަރުތީބު ކުރެވޭނެ ގޮތެއް ނޯންނާނެތޯ އެހި އެވެ.

"އަޅުގަނޑު މިސާލަކަށް ލެސަންއެއް ކިޔަވައިދޭން ބަލާއިރުގައި އެއްބައި ކުދިންނަށް އެ ކިޔަވާފައެއް ނީނދޭ. އަނެއް ބައި ކުދިން ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި އިންނަނީ އޭގެން. އަޅުގަނޑަށް ކުޑަކޮށް އުދަނގޫވޭ އެ ހިސާބުން. އެކަމަކު އަޅުގަނޑު ބަލަނީ ބޭސިކް އެއްޗެހި ކިޔަވައިދީފައި އޭގެ ބޮޑެތި އެއްޗިއްސަށް ދާން. އެއީތާ އިންނަން ޖެހޭނެ އުސޫލަކީ،"

ތަފާތު ދައްކަން ރަނގަޅު ޓިއުޓަރެއްގެ ބޭނުން ބޮޑު

ބައެއް ދަރިވަރުންނަށް ސްކޫލުގައި ކިޔަވައިދޭ ގަޑީގައި ނަގައިދޭ ފިލާވަޅުގައި ބުނާ އެއްޗެއް ފަހުމުނުވާ ފަހަރު އާދެ އެވެ. ކުލާހެއްގައި 25 އެއްހާ ކުދިން ތިބޭއިރު، އެއިން ކޮންމެ ކުއްޖަކަށް ގިނަ ފަހަރަށް "އެޓެންޑް" ވާނެ ވަގުތު ޓީޗަރަކަށް ނުލިބެ އެވެ. ގޭގައި މަސައްކަތް ކުރަން ދިނުމުން އެފަދަ ދަރިވަރުންނަށް މަސައްކަތް ކުރުމަށް އުދަނގޫވެ އެވެ. އެފަދަ ދަރިވަރުންނަށް "އިންޑިވިޖުއަލީ އެޓެންޝަން" ލިބުމުން ފިލާވަޅުތައް ދެނެގަންނަން ފަސޭހަވެ އެވެ.

"ޓިއުޝަނަށް ދިޔައީމާ އެހެން ކަހަލަ ސުވާލެއް ޓިއުޝަން ޓީޗަރު ބުނެދެނީ. ސީދާ ހޯމްވޯކް ނޫނަސް. ބުނެދިނީމާ ދެން އެ ކުއްޖާއަށް އެބަ އެނގޭ ހޯމްވޯކް މަސައްކަތް ކޮށްލަން. މިކަހަލަ ހާލަތްތަކުގައި ޓިއުޝަން ނަގަން އަސްލު މުހިންމުވޭ،"

އެހެންނަމަވެސް އަޒޫ ދެކޭ ގޮތުގައި ހުރިހާ މާއްދާތަކަކުން ޓިއުޝަން ނަގާކަށް ނުޖެހެ އެވެ. ބައެއް ބެލެނިވެރިން ދަރިވަރުންނަށް ހުރިހާ މާއްދާއަކުން ޓިއުޝަން ނަގައިދެވޭތޯ މަސައްކަތްކުރާ ކަމަށާއި ކަމުގައި މުހިންމީ ކުއްޖާއަށް އެންމެ އުދަނގޫ މާއްދާ ބަލައި، އެ މާއްދާއަށް ވަކިން "އިންޑިވިޖުއަލް" ރަނގަޅު ޓީޗަރެއް ހޯދުން ކަމުގަ އެވެ. އަދި އެގޮތަށް ފާހަގަ ކުރެވޭ ޓީޗަރުން އެބަތިބި ކަމުގަ އެވެ.

ކަމުން ފާހަގަކުރެވުނު އަނެއް ކަމަކީ ކޯސް ހެދިޔަސް ދަރިވަރުންނަށް ރަނގަޅަށް ފިލާވަޅު "ޑެލިވާ" ނުކޮށްދެވޭ ޓީޗަރުން ތިބުން ކަމުގަ އެވެ. ކޯސް ނަހަދާ ތިބި ނަމަވެސް ކުއްޖާއަށް ފަސޭހައިން އުނގަންނައިދޭ ޓީޗަރުން އުޅޭ ކަމުގަ އެވެ.

އިތުރަށް ބުނެފައި ވަނީ "އޮންލައިން" ކޮށް ޓިއުޝަން ނަގައިދިނުމާއި "ފިޒިކަލީ" އެކަން ކުރުމުގައި ވެސް ތަފާތުތަކެއް ހުރި ކަމަށެވެ. "ފިޒިކަލް" ކޮށް އެކަން ކުރާއިރު ކުއްޖާ މަސައްކަތް ކުރަމުންދާ ގޮތް ފެންނަ ކަމަށެވެ. ހަދާ ގޯސްތައް ފަސޭހައިން ދެނެގަނެވޭ ކަމަށެވެ. "އޮންލައިން" ކޮށް ކިޔަވައިދޭއިރު، "ފިޒިކަލީ" ދެވޭ ވަރަކަށް "އިންޑިވިޖުއަލް އެޓެންޝަން" ނުދެވެ އެވެ. "އިންޓަރެކްޝަން" ބައި ދަށްވެ އެވެ. އެކަމަކު، ޝައުގުވެރިކަމާ އެކު ކިޔަވާ ހިތުން ކިޔަވާ ދަރިވަރުން ވެސް އޭގެ ތެރޭގައި އެބަތިބި ކަމަށެވެ.

"ޓީޗަރު މިސާލަކަށް ފިޒިކަލީ އެވެއިލަބަލް ނޫނަސް އަޑުއަހައިގެން، ދައްކާ ވާހަކަ ބަލައިގެން ހަމަ ދަސްކުރާނެ. ދަސްކުރަން ބޭނުންވާ ކުއްޖެއް ވެއްޖިއްޔާ. އޮންލައިންކޮށް މި އަންނަ ގިނަ ކުދިންނަކީ ދަސްކުރާ ހިތުން ދަސްކުރަން އަންނަ ކުދިން. އެހެންވެއްޖިއްޔާމު އެ ކުއްޖާ އެ ވަރަށް މަސައްކަތް ކުރަންޏާ ކުރިއަށް ދެވޭނެ،"

އަޒޫ "ދެން" ގެ ސެޓުގައި / ފޮޓޯ:ދެން އިމޭޖްސް

ތައުލީމީ ނިޒާމަށް ބަދަލެއް މުހިންމު

އުސޫލެއްގެ ގޮތުން ޓީޗަރުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވެމުން އަންނަނީ ސްކޫލުތަކުގަ އެވެ. ދުވަސް ހާއްސަވެ، ސަމާލުކަން ބޮޑަށް ދެވިފައި އޮންނަނީ ވެސް އެ ޓީޗަރުންނަށެވެ. އެހެންނަމަވެސް ކަމުގެ ތެރޭގައި ޝާމިލުވާ، ޓިއުޝަން ދެމުން އަންނަ ޓީޗަރުން ވެސް ދުވަހުގެ އުފަލުގައި ބައިވެރިކުރަން އަޒޫ ބޭނުންވެ އެވެ.

"އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔައިގެން އެބަ ޖެހެޔޭ ރާއްޖޭގައި އެޑިއުކޭޝަން ސިސްޓަމް ތަންކޮޅެއް ފަސޭހަކޮށްލަން. އަޅުގަނޑަށް ފެންނަނީ ޓީޗަރުން ވަރަށް ބުރަކޮށް އުޅޭ ތަން. ލެސަން ޕްލޭން ހެދުމަކީ އޮންނަ ކަމެއް. އޭގެ ތެރޭގައި ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހޭ. ކީއްވެތޯ އެޔަށް ވުރެ މަސައްކަތް މަދު ނުކުރެވެނީ. ލެސަން ޕްލޭނެއް ކީއްވެތޯ އަޅުގަނޑުމެންނަށް ހުރިހާ ރަށަކަށް އެއްގޮތަކަށް ގެންދެވޭ ކަހަލަ ފޯމެޓެއް ނުގެންގުޅެންވީ،"

ބައެއް ސްކޫލުތަކުގައި ވަރަށް ފަސޭހަކޮށް އެކަން ކުރަމުން އަންނައިރު އަނެއް ބައި ސްކޫލުތަކުގައި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެކަމުގެ އިތުރުން ސްކޫލުގައި އިތުރު ހަރަކާތެއް ބޭއްވިޔަސް، ފެއާއެއް ހިންގިޔަސް އަދި އިތުރު އެހެން ކަމެއް ކުރި ނަމަވެސް އެކަމެއްގައި ގިނައިން ހަރަކާތްތެރި ވަނީ ޓީޗަރުންނެވެ. އަޒޫ ބުނި ގޮތުގައި ޓީޗަރަކު އުފުލަން ޖެހިފައިވާ ބުރަ އެނގޭނީ ސްކޫލަކަށް ގޮސް ވަގުތު ހޭދަކޮށްލުމުން ކަމުގަ އެވެ. އެ މީހުންގެ އަމިއްލަ އާއިލާއަށް ވަގުތު ދެވޭ ވަރަށް ވުރެ އުޅެން ޖެހެނީ "ބިޒީ" ލައިފެއްގައި ކަމުގަ އެވެ. ޓީޗަރުން އުފުލަމުންދާ ބުރަ އެޑިޔުކޭޝަން މިނިސްޓްރީއަށް އެނގެން ޖެހޭ ކަމަށާއި ޓީޗަރުންގެ ފަރާތުން ކަންކަން ލުއިކޮށްދިނުމަށް އެދެން ވެސް ޖެހޭ ކަމުގަ އެވެ.

"އެންމެން އެކައްޗެއް ކިޔައިގެން މި ސިސްޓަމް ޓީޗަރުންނަށް ފަސޭހަވާ ކަހަލަ ގޮތަކަށް އުފައްދަން މަސައްކަތް ކުރަމާ. އަދި ކުދިންނަށް ތަންކޮޅެއް މަޖާ، ކޮންމެހެން ކިޔަވައިދޭއިރު ބަންދު ކުލާހެއްގައި ނުބައިތިއްބާ އެޔަށްވުރެ އޯޕަން ކޮށްލަން ކިހިނެއްތޯ އޭ ވާނީ ކިޔަވައިދިނުން. ފޫހި ނުވެ ކުދިން ކިޔަވާ ކަހަލަ ގޮތަކަށް،"

އިތުރަށް އޭނާ ބުނީ ބެލެނިވެރިން ވެސް ޓީޗަރުންގެ މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށެވެ. ދިމާވާ ކަމަކާ ގުޅިގެން ކުއްޖާގެ މައްސަލަ ބެލެނިވެރިޔާ އާ ހަމައަށް ގެންދިއުމުން ގިނަ ފަހަރު އެކަމެއް ގަބޫލުނުކޮށް ޓީޗަރު ކުށްވެރިކުރާ ހާލަތު އަންނަ ކަމަށެވެ. ކަމަކީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ދެކެ އެވެ.
ފާހަގަކުރަމުން މިދާ ޓީޗަރުންގެ ދުވަހާ ގުޅިގެން އޭނާ ދޭން ބޭނުންވި މެސެޖަކީ މި އެވެ.

އަޒޫ "ދެން" ގެ ސެޓުގައި / ފޮޓޯ:ދެން އިމޭޖްސް

ޓިކްޓޮކް ތަރިންގެ ރަށުން އުފެދުނު މި ވެސް ތަރިއެއް

ޓިކްޓޮކަށް ނަން ހިނގާ ތަރިން ތިބި ރަށަށް ނިސްބަތްވާ އަޒޫ ބުނި ގޮތުގައި އޭނާގެ "ސާކަލް އޮފް ފްރެންޑްސް" ނިސްބަތުން ކުޑަ ކަމުގަ އެވެ. އެ މީހުންގެ ތެރެއިން މީހަކު ބުނެގެން ވީޑީއޯ ހަދަން ފެށީ "ޕްރައިވެޓް" ކޮށެވެ. "ޝެއާ" ކުރަމުން އައީ ވަރަށް "ކްލޯސް ގްރޫޕް" އެއްގަ އެވެ. އެ އެންމެނަށް ވެސް އޭނާގެ ވީޑިއޯތައް ކަމުދިޔަ އެވެ. އެހެންނަމަވެސް "ޕަބްލިކް" އަށް ދޫކޮށްލުމަކީ ކަމުދާ ކަމެއް ކަމަކަށް އެ މީހުންނަކަށް ނުފެނުނެވެ. ކަމަކީ ގިނަ ފަހަރު މީހުންގެ ނުރަނގަޅު ފާޑުކިޔުން އަމާޒުވާ ކަމަކަށް ވުމާ ވެސް އެކުގަ އެވެ.

އެހެންނަމަވެސް އަޒޫ އެކަން އެގޮތަކަށް ނުދެކުނެވެ. ކުޅެފައި ޓިކްޓޮކަށް ލާން ފެށި ވީޑިއޯތަކަށް މީހުންގެ ސަމާލުކަން ލިބެން ފެށި އެވެ. އޭނާ ފާހަގަކުރި ގޮތުން ނަމަ ބެލުންތެރިންނަށް އެންމެ ކަމުދަނީ އޭނާ ހަދާ އިޝްތިހާރުތަކެވެ. ގާދިރުގެ ނަން "މެންޝަން" ކޮށްފައި ދިގު ހެދުމެއް ލައިގެން ކުޅުނު އިޝްތިހާރާ މެދު "އެހާ ކޮމްފޯޓަބަލް" ނުވި ނަމަވެސް، "ވިއުސް" އަށް ބަލާއިރު ވަރަށް ގިނަ މީހުންނަށް އެ އިޝްތިހާރު ކަމުދިޔަ ކަމަށެވެ. އޭގެ އިތުރުން އުދަނގޫ ބޮޑު އަވަށްޓެރިޔާ ސީރީޒްއަކީ ވެސް ބެލުންތެރިންގެ މަގުބޫލުކަން ލިބުނު ސީރީޒްއެއް ކަން ފާހަގަކުރި އެވެ.

"ހޮބީ" އެއްގެ ގޮތުގައި ޓިކްޓޮކް ކޮންޓެންޓް ހަދަން ފެށި އަޒޫގެ ފޮލޮވަރުންގެ އަދަދު މިއަދު 84.6 ހާހަށް ވުރެ އިތުރެވެ. ކުރިއަރައި މިހާރު އޭނާއަކީ ބްރޭންޑް އެމްބެސަޑަރެއް ވެސް މެ އެވެ.

ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި ނަމަ ޓީޗަރެއްގެ ގޮތުގައި ސްކޫލެއްގައި މަސައްކަތް ކުރަން އަޒޫ ބޭނުންވެ އެވެ. އެހެން ނޫން ނަމަ އޭނާ ބޭނުން ވަނީ ކުރިން ފާހަގަކުރި ކަންކަން ހިމެނޭހެން "ޕްރައިވެޓް ޓިއުޝަން ސެންޓަރެއް" ގާއިމުކޮށް މަސައްކަތުގައި ކުރިއަށްދާށެވެ. އޭނާ ދެކޭ ގޮތުގައި ސްކޫލަކަށް ގޮސް ގިނަ ކުދިންތަކަކަށް ކިޔަވައިދޭއިރު، ދޭން ޖެހޭ "އިންޑިވިޖުއަލް އެޓެންޝަން" އެއް ނުދެވޭނެ އެވެ.

"އަޅުގަނޑަށް ބެލެހެއްޓޭނެ ގަޑިއަކަށް 15 ކުދިން ވެއްޖިއްޔާ. އެ ވަރަށް ކުދިން ގެނެސްގެން މެނޭޖް ކުރެވޭނެތާ. އެކަހަލަ ގޮތަކަށް ވިސްނަނީ ހަމަ. އަޅުގަނޑަށް ޓައިމް ލިބޭ ވަރަކުން ކުރިއަށް ދާން،"

އަމިއްލަ ދިރިއުޅުމުގައި ކުރެވުނު ތަޖުރިބާތަކާ ކިޔަވައިދިނުމުގެ މަސައްކަތާ ގުޅުވާލާ އަޒޫ ބުނީ ކުދިން ލިބުނަސް ކިޔެވުމައިގެން ކުރިއަށް ދެވޭނެ ކަމަށެވެ. ކިޔަވަން ފެށިއިރު އުޅުނީ އާއިލާ އާ އެއްކޮށް ނަމަވެސް ދެ ކުދިން ގޮވައިގެން މިފަހުން އޭނާ އުޅުނީ އެކަންޏެވެ. ރޭގަނޑު ގަޑީގައި ކިޔަވަމުން އައީ ދުވާލު ކުދިން ގުރުއާން ކުލާހަށް ގެންދަމުން ސްކޫލާ ގުޅުންހުރި ކަންކަން ކުރަމުން ޓިއުޝަން ދެމުންނެވެ. ގާތްގަނޑަކަށް ހަތް މަސް ދުވަހު އެގޮތުގައި "މެނޭޖް" ކުރި އެވެ. ފުރަތަމަކޮޅު އުދަނގޫވި ނަމަވެސް ފަހުން ކަންކަން ހަމައަކަށް އަޅުވަން އޭނާ ދަސްކުރި އެވެ.

"ބުނަން ބޭނުން ވަނީ އަޒުމް ކަނޑައަޅައިފިއްޔާ ވާނެ އޭ. ބައެއް ފަހަރު ފިޒިކަލީ ވަރަށް ބޮޑަށް ޑައުންވޭ. ހުރިހާ ކަމެއް އެކަނި ކުރާތީ. އެކަމަކު ޝެޑިއުލެއް މެއިންޓެއިންކޮށްގެން މި ކުރެވެނީ. މިހާރު ސޯޝަލްމީޑިއާއިން ވެސް ގިނަ ފަހަރު ނުފެންނަނީ ވެސް ވީޑިއޯތަކަށް ޓައިމް ނޯންނާތީ،"

އަޒޫގެ ޑެއިލީ ޝެޑިއުލަށް ބަލާއިރު އޭނާއަށް ކުރާ ބާރު ކިތަންމެހާ ވެސް ރަނގަޅަކަށް ވަޒަން ކުރެވެ އެވެ. އަޒުމަކީ މީގެ 10 އަހަރު ދުވަސް ކުރިން އޭނާ ކުރަން ބޭނުންވެ، ނުކުރެވުނު ކަންތައް ކުރުމެވެ.

"އަޒުމް ކަނޑައަޅާފައި މި އޮންނަނީ ދުލެއް ނުކުރާނަމޭ ކޯހެއް، މި ދެ އަހަރޭ މި އޮތީ. ޕްރޫވްކޮށްދޭން ސެލްފަށް އެކަން ވާނެކަން. އެހެންވީމާ ކުރިއަށް މި ދަނީ،"

އުމުރުން 29 އަހަރުގެ ޒުވާނާ ހިތްވަރު އެލުވައި ނުލާ ކުރިއަށް ދިއުމުގައި ގެންގުޅޭ މޮޓޯއަކީ މިއެވެ.

  1. ހެޔޮއެދޭ ކުއްޖެއް

    އަޒޫގެ ހިތްވަރަށްސާބަސް ދެން. ކުރިއެރުމަށް އެދެން. އަޒޫ އަޅުގަނޑަށް ޤަބޫލުކުރެވެނީ ވަރަށް ޕޮޒިޓިވް ތިންކިންގ ގެންގެޅޭ ކުއްޖެއްގެ ގޮތުގައި ޓިކްޓޮކްގައި ވެސް. ޓީޗަރުންނަކީ ހަޤީގަތުގައި ވެސް ވަރަށް ބިޒީ ލައިފެއްގައި އުޅޭ ބައެއް. އެހެންވެ ކިޔަވައިގެންވެސް ބައެއް ޓީޗަރުން ސުކޫލުގައި އުޅުމަށްވުރެ ޓިއުޝަން ދިނުންވެސް ރަނގަޅުކަމަށް ޤަބޫލުކުރަނީ. މިކަމުގެ ސަބަބުން ސުކޫލުތަކަށް ގިނަ ރަނގަޅު ޓީޗަރުން ގެއްލެނީ. ޓީޗަރުންގެވޯކްލޯޑް ކުޑަކުރަން މިނިސްޓްރީ އަށްވެސް ކުރެވޭނެ ކަންކަން އެބަހުރި އަޒޫ ތި ބުނި ހެން. އަޅުގަނޑަށް ޤަބޫލުކުރެވެނީ އަޒޫއަށް ޓިކްޓޮކް ޕްލެޓް ފޯމް ބޭނުން ކޮށްގެން ޓީޗަރުންގެ ހައްޤުގައި ވަކާލާތު ކޮށްދީފިނަމަ މި ދާއިރާއިން ވަރަށް ގިނަ ކަންކަން އިސްލާހުވުމުގެ ފުރުސަތު އޮތްކަމަށް. ކިޔަވައި ދިނުމުގެ އިތުރަށް ޓީޗަރުން ގޭނެންޖެހޭ އިތުރު ހަރަކާތްތަމާއި ކަންކަމުގައި އަޒޫ އަޑު އުފުލައިދީފިނަމަ މިކަން މީހުންގެ ސަމާލުކަމަށް އައިސް ، މިނިސްޓްރީއިން ހެޔޮ ފިޔަވަޅުތަކެއް އަޅަން ވިސްނާނެ ދުވަހެއް ދެކެން ވަރަށް ބޭނުން.. ޝުކުރިއްޔާ މިހާރުވެސް ޓީޗަރުންގެ ހައްޤުގައި ތިޔަ ދައްކަވާ ވާހަކަތަކަށް