ގިނަ ދުވަސްވަންދެން ބޭނުން ނުކޮށް ހުންނަ ހެދުމުން ދުވާ ވަސް ވަރަށް ފަސޭހައިން ފިލުވާލެވިދާނެ، މިއޮތީ ޙައްލު!
ގިނަ ދުވަސް ވަންދެން ބޭނުން ނުކޮށް ހުންނަ ހެދުމުން ދުވާ ވަހަކީ އެންމެންނަށް ވެސް އުނދަގޫ ވަހެކެވެ، ނުބައި ވަހެކެވެ. އަދި މި ވަހަކީ ބައެއް ފަހަރު އެންމެ ފަހަރަކު ދޮވެލުމުން ފިލާ ވަހެއް ވެސް ނޫނެވެ.
މި ވަސް ފޮތީގައި ހަރުލަނީ އޭގައި ޖަހާ ފަންގަސް އެއްގެ ސަބަބުންނެވެ. ނަމަވެސް މި ވަސް ފޮހެލާކަށް އެއީކީ އުނދަގޫ ކަމެއް ނޫނެވެ. މިއޮތީ އެކަމުގެ ޙައްލެވެ. ނަމަވެސް ، ޢަމަލު ކުރުން މުހިންމު ދެތިން ނުކުތާއެއް އޭގެ ކުރިން ބަޔާން ކޮށްލާނަމެވެ.
އަބަދު ވެސް ދޮންނަ މެޝިން ރަނގަޅަށް ސާފުކޮށް ބަހައްޓާށެވެ. ސަބަބަކީ ދޮންނަ މެޝިނުން ވެސް ފަންގަސް ޖެހުމަށް މެދުވެރިވެއެވެ. ހަމައެހެންމެ ފަންގަސް ހިފާފައި ހުންނަ ހެދުން ނުވަތަ ގިނަ ދުވަހު ބޭނުން ކޮށްފައި ހުންނަ ހެދުން ދޮންނައިރު މީރު ވަސް ދުއްވާ ލިކުއިޑް އަޅާފައި ހުންނަ ދޮންނަ ލިކުއިޑާއި ފެބްރިކް ދޮންނަ ލިކުއިޑް ބޭނުން ނުކުރާށެވެ. ސަބަބަކީ އެފަދަ ލިކުއިޑުން ދޮތުމުން ނުބައި ވަސް ފިލައިގެން ދިޔަ ނަމަވެސް ފަންގަސް އެއްކޮށް ނުފިލާ ހުރެދާނެތީއެވެ. އަދި އެ ފަންގަސް އިތުރަށް ހެދިދާނެތީއެވެ.
ބޭނުން ނުކޮށް ހުންނަ ހެދުމުން ދުވާ ނުބައި ވަސް ފިލުވާލުމަށް މި ގޮތަށް ހައްދަވާށެވެ.
- ފުރަތަމަ: ހެދުންތައް މެޝިނަށް އަޅާލުމަށް ފަހު ބޮޑު ތައްޓެއް (ފެންބޯތަށި)ގެ ވިނިގަރ މެޝިނަށް އަޅާލާށެވެ. އޭގެ ފަހުން ދޮންނަ ލިކުއިޑް ނާޅާ ހަމައެކަނި ފެން އަޅާ މަތީ ޓެމްޕަރޭޗަރެއްގައި ހެދުންތައް ދޮވެލާށެވެ. ވިނިގަރގައި ހުންނަ އެސިޑަކީ ބެކްޓީރިއާތައް ނައްތާލާ އެއްޗެކެވެ.
- ދެވަނަ: މިފަހަރު ބޭކިން ސޮޑާގެ ބޮޑު ތައްޓެއް އަޅާ ކުރިއެކޭ ވެސް އެއްގޮތަށް ދޮންނަ ލިކުއިޑް ނާޅާ ދޮވެލާށެވެ. ބޭކިން ސޮޑާ އަކީ "ނިއުޓްރަލައިޒް" ކޮށްދޭ މާއްދާ ހިމެނޭ އެއްޗަކަށްވުމާއެކު ފަންގަސްއާއި ހަނގުރާމަ ކުރުމަށް މިއީ ވެސް މުހިންމު އެއްޗެކެވެ.
- އެންމެފަހުން: ދޮވެ ނިމުމަށްފަހު މެޝިނުން ހިއްކުމުގެ ކުރިން އިރުގެ ހޫނުން ހެދުންތައް ހިއްކާށެވެ. އިރުގެ ދޯދިތަކަކީ ޑިސްއިންފެކްޓް ކޮށްދޭ އެއްޗަކަށްވުމާއެކު އިރުގެ އަލިން ހެދުން ހިއްކާލުމުން ބެކްޓީރިއާއެއް ހުރިނަމަ އެ އެއްޗެއް ހެދުމުން ވަކިވެދާނެއެވެ.