ޚަބަރު ސަރުކާރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް، ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް އައްޑޫ ސިޓީގައި އަދި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ހެދުމަށް މަޝްވަރާ ކުރައްވައިފި އެވެ.

Ads by MWSC

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ މިއަދު ހެނދުނު ވަނީ ބައްދަލު ކުރައްވާފަ އެވެ. ދިއްލީގައި ހުންނަ މެހެމާނުން ތިއްބަވާ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމާ ގުޅުންހުރި ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެގޮތުން އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އޮފީހަކާއި ރާއްޖޭގެ ކޮންސިއުލޭޓެއް ބެންގަލޫރުގައި ގާއިމުކުރުމާ މެދު މަޝްވަރާ ކުރައްވާފައިވާކަން ވަނީ ހާމަކޮށްފައި ވަނީ ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ގުޅިގެން ދެއްވި ޖޮއިންޓް ޕްރެސްގައި ބޮޑުވަޒީރު މޯދީ އެވެ.

އިންޑިއާގެ ދިއްލީގައި ރާއްޖޭގެ ހައި ކޮމިޝަނެއް އަދި ޓްރިވަންތަޕޫރަމްގައި ކޮންސިއުލޭޓެއް ހުރެ އެވެ. އަދި ހުޅުމާލޭގައި އިންޑިއާގެ ހައި ކޮމިޝަނެއް ހުރެ އެވެ.

އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ގާއިމު ކުރުމާ ދެ ގައުމުގެ މެދުގައި މިއަދު މަޝްވަރާކޮށްފައިވާކަން ހާމަކުރިއިރު، ސަރުކާރުގައި ތިއްބެވި ބޭފުޅުން މީގެކުރިން އިދިކޮޅުގައި ތިބިއިރު އޭރުގެ ސަރުކާރުން އެފަދަ އޮފީހެއް އައްޑޫގައި ގާއިމުކުރަން ކުރަމުންދިޔަ މަސައްކަތާ މެދު ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ. ކަމާ ގުޅިގެން އޭރު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބޭ ކޮންސިއުލޭޓް ޖެނެރަލް އޮފީހެއް ރާއްޖޭގެ ވަކި ސަރަހައްދެއްގައި ގާއިމުކުރަން އިންޑިއާގެ ސަރުކާރުން ނިންމި ނިންމުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ.

ބުނީ އާންމު ގޮތެއްގައި ބޭރު ގައުމެއްގެ އޮފީހެއް ނުވަތަ ކޮންސިއުލޭޓެއް ގާއިމުކުރަން ސަރުކާރުތަކުން ކުރަމުންގެންދާ އާދަކާދައަށް ބަލާއިރު، ކަމާ ގުޅުންހުރި ރަސްމީ މަޝްވަރާތައް ދެ ގައުމުގެ ދޭތެރޭ ކުރާ ކަމަށެވެ. އަދި އެކަމުގައި ނިންމުމެއް ނިންމަން ވާނީ އެފަދަ ހުށަހެޅުމެއް ދިވެހި ސަރުކާރަށް ލިބި، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ދިވެހި ސަރުކާރަށް ފެނިއްޖެ ހިނދެއްގައި ލިޔެވި ގެޒެޓު ކުރެވިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ސަބަބުތައް ތަފުސީލުކޮށް ހާމަކޮށްދިނުމަށް ވެސް އޭރު އިދިކޮޅުގައި އޮތް ކޯލިޝަނުން ގޮވާލާފައިވެ އެވެ.

Ads by Ooredoo