ޚަބަރު ސަރުކާރު

ރާއްޖެ ދެމި އޮންނާނީ އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނު އެ ގައުމުގެ ރިޔާސީ ގަނޑުވަރު، ރާޝްވަރަޕަތީ ބަވަންގައި އޮތް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

އެ ރަސްމިއްޔާތަށް ފަހު، ދިއްލީގައި ހުންނަ މެހެމާނުން ތިއްބަވާ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި ބޮޑުވަޒީރު މޯދީ އާ ވަނީ ބައްދަލު ކުރައްވާފަ އެވެ. ބައްދަލު ކުރެއްވުމަށްފަހު ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ގުޅިގެން ދެއްވި ޖޮއިންޓް ޕްރެސްގައި އެމަނިކުފާނު ވިދާޅުވީ ދެ ގައުމު ގުޅިގެން ތަރައްގީއަށް ކުރެވިފައިވާ މަސައްކަތްތަކާއި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

"ފުރިހަމަ އިގުތިސޯދީ އަދި ކަނޑުގެ ސަލާމަތާ ބެހޭ ޕާޓްނާޝިޕެއްގެ ތަސައްވުރާ އެކު ވިޔަފާރި އާއި އިގުތިސޯދީ ޕާޓްނާޝިޕްތަކާއި ޑިޖިޓަލް އަދި މާލީ އިސްނެގުމާއި ހަކަތައިގެ މަޝްރޫއުތަކާއި ސިއްހީ ދާއިރާގެ ގުޅުންތަކުގެ އިތުރުން މެރިޓައިމް އަދި ސެކިއުރިޓީ ކޯޕަރޭޝަން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާއަކީ ރާއްޖޭގެ އިޖުތިމާއީ، އިގުތިސޯދީ، އުމްރާނީ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށާއި އަދި އެހީތެރިކަން ބޭނުންވި ހާލަތްތަކުގައި އެހީ ދިން ގައުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެ ގައުމުން ފޯރުކޮށްދިން އެހީތެރި ކަމަށް ބޮޑުވަޒީރު މޯދީގެ ސަރުކާރަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި:

  • ކޯޕަރޭޝަން ބިޓްވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އާއި ރާޝްތްރިޔާ ރަކްޝާ ޔުނިވާސިޓީ އާ ދެމެދު އެކުލަވާލި އެއްބަސްވުން
  • ކޮރަޕްޝަން މަދުކުރަން ގުޅިގެން މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު އެކުލަވާލި އެއްބަސްވުން
  • ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީނު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑެމީ އޮފް އިންޑިއާ އާ ދެމެދު އެކުލަވާލި އެއްބަސްވުން
  • އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭންޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް އާ ދެމެދު އެކުލަވާލި އެއްބަސްވުން

މި އެއްބަސްވުންތަކުގެ އިތުރުން ކަރަންސީ ސްވޮޕް އެގްރިމެންޓެއްގައި އެކުލަވާލާފަ އެވެ. އަދި ވިޝަން ޑޮކިއުމަންޓެއް ތައާރަފުކޮށް ހުރަވީ ޝިޕް އިފުތިތާހުކޮށްފައިވެ އެވެ. އޭގެ އިތުރުން ރުޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރުން ވެސް ވަނީ އިފުތިތާހުކޮށްފަ އެވެ.

އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީއަށް ރައީސް ވަޑައިގެންފައި ވަނީ އިއްޔެ އެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި ދިއްލީގެ އިތުރުން މުމްބާއީއަށާއި ބެންގަލޫރަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ އިއްޔެ ބައްދަލު ކުރެއްވި އެވެ. އަދި ނިއުދިއްލީގައި އުޅޭ ދިވެހިންނާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ.

  1. އިންޑިޔާ

    ކޮބާ އިންޑިޔާ އައުޓް ޕިސް ޕިސް