ރާއްޖޭގެ މިނިވަންކަމަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ: އަޒާން
ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަމެއް އަންނާނެ ފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެންބަރު އަހްމަދު އަޒާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ-އިންޑިއާ ދެމެދު އެއްބަސްވުން ތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ އެއްވެސް އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފައިނުވާ ކަމަށެވެ.
"އިންޑިއާއިން އާންމު އުސޫލުން ދިވެހިރާއްޖޭގެ ރައީސަކު އެ ގައުމަށް ވަޑައިގަތުމުން, އެ މީހުން ބޭނުންވާ ބައެއްކަންކަމާ މެދު މަޝްވަރާކުރި. އެކަމަކު ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައި."
ކޮންގްރެސް ޕާޓީ އިދިކޮޅުގައި އޮތްއިރު އެންމެ ބޮޑަށް ދެކޮޅު ހެދިކަމަކީ ރާއްޖޭގައި، އެކި ނަންނަމުގައި އިންޑިއާ ސިފައިން ގާއިމުވެގެން ތިބި ތިބުމަށް ކަމަށް އަޒާން ވިދާޅުވި އެވެ.
އަދި ރައީސް ވެރިކަމުގެ ހުވާކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ އާއި ވާހަކަ ދައްކައިގެން ސިފައިން ފޮނުވާލާފައިވާކަން ވެސް އަޒާން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިއަދު އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ ދައްކާ ބައެއް ފަރާތްތަކަކީ މީގެ ކުރިން އެއީ ރާއްޖޭގައި ނެތް ބައެއް ކަމަށް ބުނި މީހުން ކަމަށާއި އެމީހުން ތިބުމަކީވެސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރި މީހުން ކަމަށެވެ.
"ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ ރާއްޖެ ބަނޑަށް ޖެހިދާނެއޭ ކުރީ ސަރުކާރުގެ ވަޒީރުންނާއި, އެމްޑީޕީން ހިންގާ ނޫސްތަކުން ކުރިން ބުނެފައިވޭ. މިވާހަކަތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ."
އަޒާން ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ގައުމުގެ ހާރިޖީ ސިޔާސަތަކަށް ވެފައި އޮތީ "އިންޑިއާ އޮންލީ" އާ ހިލާފަށް ސަރުކާރުން ގެންގުޅުނީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ.
އޭގެ މާނައަކީ އެހެން ގައުމުތަކާއިއެކު ބާއްވާ ގުޅުންތައް ބާއްވަނީ ރާއްޖޭގެ މަސްލަހަތަށް އިސްކަންދީގެން ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަދަލުނުވާ ކަމަށް ރައީސް އިންޑިއާއަށް މިހާރު ކުރަމުންދާ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެން ރޭގައި ދިވެހީންނާއި ބައްދަލުކުރެއްވި ކުރެއްވުމުގައި ވިދާޅުވެފައިވެ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ މުހިންމީ ގައުމިއްޔަތެވެ.
އިންޑިއާ އެކު ސޮއިކުރެވުނު ވިޝަން ޑޮކިއުމަންޓްގައި އެކަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ހިމަނާފައި ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ކުރިއެކޭ އެއްގޮތަށް ކަންކަންކަންދަނީ ބުނާ ބަހާ އިދިކޮޅަށް. އެހެން ވީމަ މިއަދު މިޔަޤީން ވީ މިނިވަންކަން ބުރޫ އަރުވައިފިކަން.