ޚަބަރު ސަރުކާރު

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އޮންނަން ޖެހޭނީ އެންމެ ނިކަމެތި ރައްޔިތުން ރައްކާތެރިކޮށްދޭ ގޮތަށް: ހައިދަރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހައުސިން މިނިސްޓަރު ހައިދަރު / ފޮޓޯ:އޭސީސީ

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ފަރުމާކުރެވިފައި އޮންނަން ޖެހޭނީ މުޖުތަމައުގެ އެންމެ ނިކަމެތި ރައްޔިތުން ރައްކާތެރިކޮށްދޭ ގޮތަށް ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަސާސީ ހިދުމަތްތައް ދޭން ޖެހޭނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނުނެގޭނެ ފަދަ ގޮތަކަށް ކަމަށެވެ.

ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އޮވެއްޖެނަމަ، އެ ހިދުމަތްތަކަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް އެކަހެރިވުމާއި އެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި ނިޒާމުގެ ބޭނުން ނެތިދާނެ ކަމަށެވެ.

"ކޮރަޕްޝަން ނައްތާލުމަކީ ހަމައެކަނި އެކުލަވާލާ ސިޔާސަތަކުން ކުރެވޭނެ ކަމެއް ނޫން. އެއީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއަކީ ހަމަހަމަ ނިޒާމަކުން އެންމެ ބޭނުންވާ ފަރުދުންނަށް ހިދުމަތްދެވޭކަން ޔަގީންކުރުން،" ހައިދަރު ވިދާޅުވި އެވެ.

އިޖުތިމާއީ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތައް އެކި ގޮތްގޮތަށް ހިންގާފައި އެބަހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ވިދާޅުވި ގޮތުގައި އެ ކަންކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެންލުންތަކެއް ލިބި، އާންމު ގިނަ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަހުރި ކަމުގަ އެވެ. އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން މުޅިން އެއްކިބާވެފައި އޮންނަ ނިޒާމަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަދަން ޖެހޭ ކަމުގަ އެވެ.

ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ހިރާސްގެ ދިރާސާ އާންމުކުރައްވަނީ / ފޮޓޯ:އޭސީސީ

އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމު ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ގޮތް ހެދުން ކަމުގަ އެވެ.

"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގަވައިދުން އޮޑިޓްކޮށް، ފަންޑުން ހަރަދު ކުރެވެމުންދާ ގޮތް ހާމަކޮށް، ފަންޑުން ފައިސާ ދޫކުރުމުގެ ޝަރުތުތައް ހަރުދަނާ ކުރަން ޖެހޭ،" ހައިދަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ނިޒާމު ހަރުދަނާ ކުރުމަށް ފަންނިއްޔާތުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ކުރަން ޖެހޭ ކަމަށެވެ. އެކި ފަރުދުންގެ ފަރާތުން ފަސާދަ އާއި ނާޖާއިޒު ފައިދާ ނެގުމަށް ހުޅުވިފައިވާ ދޮރުތައް ފަންނިއްޔާތުގެ ޒަރިއްޔާއިން ބަންދުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ފައިސާ ދެއްކުމުގެ ސުމޭކު ނިޒާމުތަކާއި ބަޔޯމެޓްރިކް އައިޑީ އާއި ބްލޮކްޗެއިންގެ ފަންނިއްޔާތުތަކަކީ ވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކޮށް، އެ ނިޒާމުގައި ނަޒާހަތްތެރިކަން އިތުރުކޮށްދޭ ވަސީލަތްތައް ކަމުގައި މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

Ads by Ooredoo
  1. އާދަމް

    މާފަންނަު ސަހަރާ ހަލާކުކޮށްލަނީ އާޒިމްގެ އަމިއްލަ އެދުމަށް. މުޖުތަމައުއަށް ނުބަލާ. އާއިލާތަކުގެ އިހްސާސަށް ނުބަލާ.