ޚަބަރު

މި ސަރުކާރު ވެރިކަމަށް އަންނަން ވައުދުވީ ހިސާބެއް ކިތާބެއް ނުބަލާ: ސޯލިހު

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އަންނަން ވައުދުވީ ހިސާބެއް ކިތާބެއް ނުބަލާ ކަމަށް ވިދާޅުވެ މިދިޔަ 5 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

Ads by MWSC

ސޯލިހު އެހެން ވިދާޅުވީ "ލާމަރުކަޒީ ގުޅުން" ނަމުގައި އިދިކޮޅު އެމްޑީޕީން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިއަށްގެންދާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެންނަން އުޅޭ ކަމަށެވެ. ސޯލިހު ސިފަކުރެއްވި ގޮތުގައި ސަރުކާރުން އުޅެނީ ލާމަރުކަޒީ ނިޒާމު ފުނޑާލާށެވެ.

މިި ސަރުކާރުން އުފެއްދި ކައުންސިލު މިނިސްޓްރީއަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެޓޯލް މިނިސްޓްރީ އުފައްދައިގެން ބާރުތައް ޖަމާކުރުމުގެ މަސައްކަތް ފައްޓާފައިވާ ކަމަށެވެ.

"އެއީ ރާއްޖެ ތަރައްގީކުރެވޭނެ ގޮތް ކަމުގައި އެމްޑީޕީއިން އެއް އިރަކުވެސް ނުދެކެން."

އެކަމާ ދެކޮޅަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ މިއަދު ވެރިކަމުގައި ތިބީ ރައްޔިތުން ދައްކާ ވާހަކަ ގަބޫލު ކުރާ ބައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން ހުރިހާ ކަމެއް ކުރަމުންގެންދަނީ ހިތުހުރި ގޮތަކަށް, ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ހުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ"

ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންނާ ހިސާބަށް ގޮސް ވޯޓެއް ނަގައިގެން ސަރުކާރު ބަދަލުކުރުމެއް ނޫންކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ޑިމޮކްރަސީގައި ރައްޔިތުންގެ އަޑުއަހާ, މަޝްވަރާކޮށް އަދި ރައްޔިތުންނާ ކައިރިން ހިދުމަތް ދޭން ޖެހޭ ކަމަށެވެ.

"މި ސަރުކާރު ވެރިކަމަށް އައީ އަޅުގަނޑުމެން އޭރުވެސް ބުނަމުން އައީ ދޮގާ އޮޅުވާލުމާއި ފިތުނައާ ފަސާދައިން, ދޮގު ދޮލަނގޭ ބޮލަށްލައިގެންދާ ވާހަކަ މި އިންނެވި އަބްދުﷲ ޝާހިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި މިއަދު އެކަން އެދަނީ ހާމަވަމުން"

ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ދޮގުވެރި, މަކަރުވެރި އަދި ހީލަތްތެރި ރޭވުންތަކުގެ ތެރެއިން ކަމަށާއި މިއަދު އެކަން ސާފުވެގެންދާ ކަމަށެވެ. އަދި ވެރިކަމަށް އަންނަންވީ ވައުދުތަކަކީ ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބަށް އިޝާރާތްކުރައްވާ ސޯލިހު ވިދާޅުވީ އޭރު ދައްކަމުން ދިޔައީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ ވާހަކައާއި ރާއްޖެއިން ދީން ނެތިގެންދާ ވާހަކަ ކަމަށެވެ.

އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާތީ ތަފާތު ވާހަކަތަކެއް ދެއްކި ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު އިންޑިއާއިން ވަޑައިގަތީ އެ އެއާޕޯޓްގެ ރަންވޭއާ ހަވާލުވެވަޑައިގަތުމަށްފަހު ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންނަށް ކޮން ކަހަލަ އަނިޔާއެއްތޯ ދެމުން އެ ގެންދަނީ. މި ސަރުކާރު ވެރިކަމަށް އަންނަންވެގެން އޭރުގެ ކެންޑިޑޭޓް, މިހާރުގެ ރައީސް ޑރ. މުއިއްޒު ވިދާޅުވަމުން ގެންދެވީ ތިމަންނަގެ އެންމެ އެއް މުހިއްމު ވައުދަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިން ހައްލެއް ގެނައުމޭ"

ސޯލިހު ވިދާޅުވީ އެއް އަހަރުވެގެން ދިޔައިރުވެސް އެންމެ ގާ ފޮއްޗެއްވެސް ބޭންދިފައި ނުވާ ކަމަށާއި އެއްވެސް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ނުވާ ކަމަށެވެ.

Ads by HDC
  1. ހަސީނު

    ކޮސްނުގޮވާ މަޑުންހުރޭ

  2. ބަނޑުދިޔާ

    އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ލިބުނީމަ ވެރިކަން ކުރަން ނޭގުމީހަކު އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ. ވަރަށް ސަލާމް.