ލ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް އެހީގެ ގޮތުގައި 1.5 މިލިއަން

ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުރިއަށްގެންދާ އެންހާންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް، އެންދެރި ޕްރޮޖެކްޓުގެ ދަށުން ލ. އަތޮޅުގެ ތިން ޖަމިއްޔާއަކަށް އެހީގެ ގޮތުގައި 1.5 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.
އެންދެރި ޕްރޮޖެކްޓަކީ ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ މާހައުލުގެ "އެކައުންޓްސް" ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތަކެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
އެ އެކައުންޓްސްގެ ބޭނުންކޮށް ފަރުތަކުގެ މާހައުލާ ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދަމަހައްޓައި، މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ އެވެ. އަދި ތަރައްގީގެ މަޝްރޫއުތަކުން ލިބޭ ނޭދެވޭ ގެއްލުން ކުޑަކުރެވޭނެ ގޮތްތައް ހޯދައި، އެފަދަ ގޮތްތައް ނަކަލުކުރެވޭނެ ނިޒާމެއް ހޯދުމަށް މަގުފަހިކުރުމަކީ ވެސް ޕްރޮޖެކްޓުގެ ބޭނުމެކެވެ.
,އެ ޖަމިއްޔާތަކަށް އެހީ ހަވާލުކުރައްވާފައި ލ. ފޮނަދޫގައި ބޭއްވި "އެންދެރި ސްމޯލް ގްރާންޓްސް 2024" ގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގައި އެ ބައެއްގެ މުހިންމު ގުދުރަތީ ވަސީލަތްތަކުގެ އަގުވަޒަން ކުރެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ވަސީލަތްތައް ކަމަށްވާ ފަރުތަކާއި ކުޅި، ފާ، ޗަސްބިންތަކާއި މޫދުވިނައިގެ މާހައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވި ކަމަށެވެ.

ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން ކައުންސިލަކާ އެކު އެއްބަސްވަނީ / ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
ޖަމިއްޔާތަކަށް ފޯރުކޮށްދިން އެހީ އާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ އެ އެހީ ހަވާލުކޮށްފައި ވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އިން ފަންޑުކޮށްގެން ހިންގާ އެންދެރި ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ. އޭގެ އިތުރުން ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރަނގަޅަށް ބަލަހައްޓަން ހަ މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
ވިދާޅުވި ގޮތުގައި އެހީގެ ސަބަބުން އެ އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ލޯކަލް ކައުންސިލުތަކަށާއި މަދަނީ ޖަމިއްޔާތަކަށް ލިބޭނެ ކަމުގަ އެވެ. ތިމާވެށި ހިމާޔަތްކުރުމުގައި ކައުންސިލުތަކާއި ޖަމިއްޔާތަކުން މުހިންމު ދައުރެއް އަދާކުރާ ކަމުގައި ފާހަގަކުރެއްވި އެވެ.
އެންދެރި މަޝްރޫއުގެ ދަށުން ހިންގާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތް ވޭލްސް އާ އެވެ. އެ މަސައްކަތުގެ ތެރެއިން ލ. އަތޮޅުގެ މުރަކަ ފަރުތަކާއި މޫދު ވިނަ އާއި ކުޅި، ފާ، ޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ވަނީ ކޮށްފަ އެވެ.
އެ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި ކަމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކަށް ދޭން ޖެހޭ ތަމްރީނު ދިނުމަށް ޔޫއެންއެސްޑަބްލިއުގެ ޓީމެއް މި އަންނަ މަހު ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.
ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ ފަހަރަށް އެހީ ދީފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ފަހަރު ލ. އަތޮޅުގެ ނުވަ ފަރާތަކަށް އެހީ ފޯރުކޮށްދީފައިވެ އެވެ.