ސައުދީގެ ސަފީރުކަމަށް ސަރީރު އައްޔަންކުރަނީ
ދިވެހިރާއްޖެއިން ސައުދި އަރަބިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އަހުމަދު ސަރީރު އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒު މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީ އިދާރީ މޭޒުން ތަޅުމަށް އިއްވާދެއްވާފައިވެ އެވެ.
ފޮރިން ސާވިސް ގާނޫނުގެ ދަށުން އެ މަގާމަށް ސަރީރު އައްޔަންކުރެއްވުމާމެދު މަޖިލީހުގެ މަޝްވަރާ ހޯދުމަށްފަހު ގޮތެއް ނިންމަށް އެ ސިޓީގައި ރައީސް އެދިވަޑައިގެންފައިވެ އެވެ.
އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
މިހާރު އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި ސަރީރު ވަނީ ހާރިޖީ ގުޅުންތަކާ ގުޅުން ހުރި ގިނަ މަގާމުތައް ފުރުއްވާފަ އެވެ.
އެގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރުގެ މަގާމާއި ފޮރިން ސެކެޓަރީގެ މަގާމާއި ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ތިންވަނަ ސެކްރެޓަރީގެ މަގާމު ހިމެނެ އެވެ.
އޭގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމްވެސް ސަރީރު ފުރުއްވާފައިވެ އެވެ.
އަދި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ދެވަނަ ސެކްރެޓަރީގެ މަގާމުވެސް ސަރީރު ފުރުއްވި އެވެ.