ޚަބަރު

އެއާޕޯޓް ޓެކްސް ބޮޑުކޮށްގެން ޓޫރިސްޓުން މަދެއް ނުވާނެ: މަންޑޭ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއާޕޯޓް ޓެކްސް ބޮޑުކޮށްގެން ރާއްޖެ އަންނަ ފަތުރުވެރިން މަދުވާނެ ކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުން ދައްކަމުންދާ ވާހަަތަކަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ރައްދު ދެއްވައިފި އެވެ.

Ads by Hajj Corporation

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ. މިއަދު ކުރިއަށް ދިޔަ އިސްލާހުގެ ބަހުސްގައި މަންޑޭ ވިދާޅުވީ އެއީ މިހާރުން މިހާރަށް ފާސްކޮށް ތަންފީޒުކުރަން ޖެހޭ އިސްލާހެއް ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑަކަށް ނޭނގޭ މި އިއްޒަތްތެރި މަޖިލީހުގެ މިތިބަ ބައެއް މެންބަރުން އަޅުގަނޑު ހަނދާންވާ ގޮތުން މިދިޔަ ހަމަ މި ބީދައިން ޓެކްސްތައް ބޮޑުކުރީއިރު ދެއްކި ވާހަކައާއި މިއަދު ދައްކަމުންދާ ވާހަކައާ ހާސްބައި ތަފާތު"

މަންޑޭ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އެންމެ ގޯސް މިސްރާބަށް ދިޔަ ވަގުތުގައި ރައްޔިތުންގެ ޖީބުން ދައުލަތަށް އާމްދަނީ އިތުރުކުރުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި އޭރު ވެރިކަމުގައި ތިބި އެމްޑީޕީއަށް ފެނުނު ކަމަށެވެ.

އެކަމަކު މި ސަރުކާރުގެ ތަފާތަކީ ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއިން އާމްދަނީ އިތުރުކުރެވެން އޮތް ގޮތްތައް ހޯދުން ކަމަށް ވިދާޅުވި އެވެ. މަންޑޭ ވިދާޅުވީ އެކަންކުރަން މި ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"މި އިސްލާހުތައް ގެނެވޭއިރު މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރައްވާ ފަތުރުވެރިން މި ރާއްޖެއަށް އައުން މަދުވާނެ އޭ ބުނާ ވާހަކައާ އަޅުގަނޑަކަށް އެއްބަސް ވެވޭކަށް ނެތް"

އޭނާ ވިދާޅުވީ އެގޮތަށް ބިލުތަކަށް ވާހަކަދައްކާއިރު މާޒީގެ ތެރެއިން އަހަރުން އަހަރަށް ހިސާބުތައް ބަލައިލަން ޖެހޭ ކަމަށެވެ.

2023 ވަނަ އަހަރު އެމްޑީޕީގެ އަތުން ވެރިކަން ބީވެގެން ދިއުމާ އެކީގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓްކުރަން އެމްޑީޕީގެ ލީޑާޝިފުން ގޮވަމުން ދިޔަކަން މަންޑޭ ފާހަގަކުރި އެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިސްރާބަކަށްދާތަން ފެންނަ ކަމަށް މަންޑޭ ވަނީ ފާހަގަކުރައްވާފަ އެވެ.

Ads by Ooredoo