ޑްރަގް އޮފެންޑަރު ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ހިންމަފުއްޓާއި ހުޅުމާލޭގައި ހުޅުވައިފި
ޑްރަގް އޮފެންޑަރު ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ހުޅުވައިފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ދިނުމަށް އިއްޔެގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކުށުގެ ވެށިން ނެގުމަށް ފަހު ލާނެ މަރުކަޒެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ޑްރަގް އޮފެންޑަރު ރިމާންޑް ސެންޓަރެއްގެ ބޭނުމަކީ މަސްތުވާތަކެތި ނަގާ މީހުން އަދި މަސްތުވާތަކެތި ފެޑްލްކުރާ މީހުން ކުށުގެ ވެށިން ނެގުން. އަދި އެ މީހުންނަށް ދޭން ޖެހޭ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ސެންޓަރެއް ހުންނަން ޖެހޭނެ ކަމަށް ގާނޫނުގަ އެބަވޭ. އަދި އެންމެ މުހިންމު ކަމަކީ މަސްތުވާތަކެތި ނަގާ މީހުންނަށް ވަގުތުން ފަރުވާ ފެށުމަށްޓަކައި ރިމާންޑް ސެންޓަރެއް ހުރުމަކީވެސް މުހިންމު ކަމެއް."
ލުބްނާ ވިދާޅުވީ ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންތައް ކުޑަކޮށް ފެށި ނަމަވެސް ޖުލައި މަހުގެ ތެރޭގައި މީހުން ނަގަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އޮޕަރޭޓް ކުރަން ފެށީ ހުޅުމާލޭގެ ސެންޓަރުގެ ހިދުމަތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ ނިޒާމް ބަދަލުކޮށް، ފަރުވާ ހަރުދަނާކޮށް މަރުކަޒުގައި މިހާރު ހިންގަމުންދާ ކަމަށްވެސް އެންޑީއޭއިން ފާހަގަކުރި އެވެ.
އެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމެންޓްގެ ހެޑް ނާހިދު ހުސެއިން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަގުމަތީގައި ސަލާން ޖަހަން އުޅޭ މީހުންނާއި ވައްކަމާއި ފޭރުމުގައި އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުންނާއި އަދި މިސްކިތްތަކުގައި ނިދާ ހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑް ސެންޓަރުތަކަށް ގެންދަން ފަށާފައިވާ ކަމަށެވެ.
އެ މަަސައްކަތުގެ ތެރެއިން 9 އޮކްޓޫބަރު 2024 އިން ފެށިގެން މިހާތަނަށް 14 މީހުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއްގައި ބަންދު ކުރެވިފައިވާ ކަމަށް ނާހިދު ވިދާޅުވި އެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަންދުގައި ބައި ތިއްބައިގެން އެ ފަރާތްތަކުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމާ ގުޅޭ އިދާރާތަކާ އެކީގައި ކުރެވެމުންދާ ކަމަށްވެސް ނާހިދު ވިދާޅުވި އެވެ.