ޚަބަރު

ދިވެއްސަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 އަށް ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.

ނޭޝަނަލް އެމްޖެންސީ ސެންޓަރުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއަށްއައި ދިވެއްސެއް ކަމަށެވެ.

އިނގިރޭސި ވިލާތުން އައި ދިވެހި މީހާ ކަރަންޓީން ކޮށްފައިވަނީ މިމަހުގެ 22 ގައި ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި އޭނާގެ ޓެސްޓްތައް ހަދަން ފޮނުވީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާ އަދި ފޮޒިޓިވް ކަމުގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށެވެ.

އޭނާ އަކީ، ހޮލިޑޭ އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ހުރި މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ދިވެހި މީހާ ކަރަންޓީނުކޮށްފައި ހުރީ ވަކިން އެކަނި ކޮޓަރިއެއްގައި ކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓު ވި މީހުން ހޯދުމަށް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ، ރާއްޖޭގައި ދިވެއްސަކު އެ ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!