2026ގައި ބާއްވާ ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ބައްދަލުވުން ރާއްޖެއިން ކޯޗެއާކުރަނީ

2026 ވަނަ އަހަރު ބާއްވާ ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ބައްދަލުވުން ރާއްޖެއިން ކޯޗެއާ ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެ ކޯ-ޗެއާއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާންކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ.
2026 ވަނަ އަހަރު ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއާއެކު ކޯޗެއަރކަން ކުރާނީ އެއަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާއެކު އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ ކޯޗެއާއެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތްކުރާނީ ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށެވެ.
އަދި ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްއެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.
މި އަހަރުގެ މި ބައްދަލުވުުމުގެ ކޯޗެއާކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީ އެވެ.