Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

އޭސީސީ އާއި އީސީގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަށް އެމްޑީޕީގެ ކަންބޮޑުވުން

އޭސީސީ އާއި އީސީގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަށް އެމްޑީޕީގެ ކަންބޮޑުވުން
އިލެކްޝަން ކޮމިޝަން (އޭސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އަށް ރައީސްއާއި ނައިބު ރައީސް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުން ހުއްޓުވުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ. ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ގާނޫނު އަސާސީން އެކަށައަޅާފައިވާ ފާރަވެރިވުމުގެ ނިޒާމު ފުނޑާލައި، ބާރުތައް އެއްކޮށްލުމުގެ ސިލްސިލާގެ ތެރެއަށް އިތުރުވާ ބޮޅެއްކަމާއި، އެކަން ކުށްވެރިކުރާ ކަމަށެވެ. އެމްޑީޕީން ބުނީ އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސުންނަކީ ކޮމިޝަންތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބޭފުޅުން ކަމަށްވާއިރު، ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެވޭ ގޮތަށް އޮތް މާއްދާތައް ބަދަލުކުރަނީ ސަރުކާރުން ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލައި ސިޔާސީ ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި އެއީ ސަރުކާރުން ހިންގާ ނާތަހުޒީބު އަމަލެއް ގޮތަށް އެ ޕާޓީން ވަނީ ސިފަކޮށްފަ އެވެ. އެއީ ޑިމޮކްރެސީ އަށް ކުރާ ދަތުރުގައި، އެތައް ބައެއްގެ މިންނެތް މަސައްކަތުން އެކަށައެޅި ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް އެމްޑީޕީ ބުންޏެވެ. ގާތްގަނޑަކަށް 50،000 އެއްހާ މެންބަރުން ހިމެނޭ އެމްޑީޕީން ބުނީ ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އީސީ އާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމުގެ ޒިންމާ އޮތް އޭސީސީއަކީ ވަކި ކޮޅަކަށް ނުޖެހި މިނިވަންކަމާ އެކު މަސައްކަތް ކުރާ މުސްތަގިއްލު ކޮމިޝަންތަކަށް ވުމަކީ އެ ކޮމިޝަންތަކުގެ އަސާސީ ސިފައެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސްގެ އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށްވެސް ގޮވާލި އެވެ. ރައްޔިތުން، ގާނޫނުއަސާސީގައި އެކަށައެޅި ފާރަވެރިވުމުގެ ނިޒާމު ހިމާޔަތްކޮށް އެގޮތުގައި ދެމެހެއްޓުމަށް މިޕާޓީ ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި ފަސްނުޖެހޭނޭ ކަމަށްވެސް މިދިޔަ ސަރުކާރުގައި ވެރިކަން ކުރި އެމްޑީޕީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް