ޚަބަރު

"ފިލިވަޒީރު"ކަމަށް ސިފަކޮށް އާދަމް ޝަރީފަށް ފާޑުކިޔައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ބަދަލުތަކާ ގުޅިގެން ސިޓީސް, ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އިދިކޮޅު އެމްޑީޕީއާ ބައްދަލުކުރަން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

Ads by MWSC

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުންގެ ޓީމަކުން މިނިސްޓަރު ޝަރީފްއާ ބައްދަލުކުރައްވަން، އިއްޔެ މިނިސްޓްރީއަށް ވަޑައިގެންނެވި އެވެ. އެހެން ނަމަވެސް މިނިސްޓަރާ ބައްދަލުވާ ގޮތެއް ނުވި އެވެ.

ސަރުކާރުގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްއާއި ނާއިބު ރައީސް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ނާޒިލް ވިދާޅުވީ ފެހި ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި ރައްޔިތުންނަށް ބާރުތަކެއް ކަށަވަރުކޮށް ދިނުމުގެ ވާހަކަތައް ދެކެވުނު ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު އައުމާއެކު އެންމެ ފުރަތަމަ ފެނުނީ ލާމަރުކަޒީ ގޮތުން ރާއްޖެ ހިންގަން ރައްޔިތުން ހަވާލުކުރި ކައުންސިލްތަކުގެ ބާރު މުށުތެރެއަށް ލީ މަންޒަރު ކަމަށެވެ. އެހެންވެ ކަންބޮޑުވުން ހިއްސާކުރަން މިނިސްޓަރާ ބައްދަލުކުރަން ކުރި މަސައްކަތްވެސް ނާކަމިޔާބުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އިއްޔެގަވެސް ހިނގާދިޔަ ކަމަކީ އެ ވުޒާރާގެ ވަޒީރަށް ސިޓީއެއް ހަވާލުކުރަން ގުޅާފައި ދެންނެވީމަ އަވަހަށް ވަޑައިގަންނަވާށޭ ވިދާޅުވީމާ އެ ތަނަށް ދިޔައީ. ރައްޔިތުންގެ ހައްގުގައި ދިޔައީ. ފިއްލެވީ އެއީ ފިލި ވަޒީރު މިހާރު.

ނާޒިލް ވިދާޅުވީ ގޮތުގައި އެމްޑީޕީން ދޮޅު ގަޑިއިރު ވަންދެން ވަޒީރާ ބައްދަލުކުރެވޭތޯ މަސައްކަތްކުރި ކަމަށެވެ.

މިނިސްޓަރު ބައްދަލުނުކުރެއްވުމުން ފެންނަނީ ރައްޔިތުންގެ ބާރުތައް, ރައްޔިތުން އަތުން ބީގެވެގެންދާތަން ކަމަށް ވިދާޅުވި އެވެ. އީސީ އާއި އޭސީީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަަޅާފައިވާ އިސްލާހަކީވެސް ރައްޔިތުންގެ ބާރުތައް ބީވެގެންދާނެ އިސްލާހެއް ގޮތުގައި ނާޒިލް ސިފަކުރެއްވި އެވެ.

ނާޒިލް އިތުރަށް ވިދާޅުވީ އޭސީސީގެ ބާރުތައް ވަކި ބޭފުޅެއްގެ ދަށަށް ގެންދާ ކަމަށާއި އީސީގެ ބާރު ވަކި ބޭފުޅެއްގެ ދަށަށްވެސް ގެންދާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!