އެމްއެސްޕީއޭ ފިލްމު އެވޯޑު: މަގްސަދަކީ ފަންނާނުންނަށް ހިތްވަރު ދިނުން
ރާއްޖޭގައި ފިލްމު އުފައްދާ ފަރާތްތަކާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ މަގްސަދުގައި މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގް އާޓްސް, އެމްއެސްޕީއޭ އިން ބާއްވާ ފިލްމު އެވޯޑަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި އެވޯޑު ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މި އެވޯޑާއި ގުޅޭގޮތުން މުހައްމަދު ރަޝީދު (ދަރާބެ) ވަނީ ދެން އޮންލައިން އަށް މައުލޫމާތު ދެއްވައިފަ އެވެ.
މިހާތަނަށް އައިއިރު އެމްއެސްޕީއޭއިން ވަނީ ރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެހެންނަމަވެސް އެ ސޮސައިޓީން އެވޯޑެއް ތައާރަފުކޮށް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މިއަހަރުގެ އެވޯޑު ހާއްސަކުރަނީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކުރި ފިލްމުތަކަށެވެ.
އެންމެ ފަހުން ފިލްމު އެވޯޑެއް ބޭއްވީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން 2019 ވަނަ އަހަރެވެ. ދިވެހި ފިލްމު އެވޯޑްސް 9 ގެ ނަމުގައި ބޭއްވި އެ އެވޯޑު ހާއްސަކުރީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކަށެވެ. އެމްއެސްޕީއޭ ފިލްމު އެވޯޑުގައި, ދިވެހި ފިލްމު އެވޯޑުގައި ބައިވެރިކުރި ފިލްމުތައްވެސް ބައިވެރި ކުރެވޭނެ އެވެ.
ފިލްމު އެވޯޑެއް ބާއްވާއިރު ފިލްމު ބައިވެރި ކުރާ ފަރާތްތަކުގެ ހިތުގައި އުފެދޭނެ އެންމެ މުހިންމު ސުވާލަކަށް ވާނީ ޖަޖިންގް ޕެނަލްއާމެދު އުފެދޭ ސުވާލެވެ.
“ޖޫރީގަ ހިމެނޭނީ 5 މެމްބަރުންގެ ޕެނަލްއެއް އެކުލަވާލާނަން. އޭގެ ތެރޭގަ ހިމެނޭނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ދެ ފަރާތަކާއި ރާއްޖޭގެ ތިން ފަރާތެއް”
ޖަޖުންގެ ތެރޭގައި ތިއްބަވާ ބޭރުގެ ފަރާތްތަކުން އިންސާފު ކުރައްވާނީ ޓެކްނިކަލް ކެޓެގަރީތަކަށެވެ. ދެން ހުރި ބައިތަކަށް ޖަޖު ކުރާނީ ރާއްޖޭގެ ފަނޑިޔާރުންނެވެ.
ފިލްމީ ފަންނާނުންނަށް ހާއްސަކޮށް އެވޯޑު ހަފްލާއެއް ބޭއްވުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދަރާބެ ވިދާޅުވީ އެވޯޑަކީ ވަރަށް ގިނަ ބައެއްގެ އުއްމީދެއް ކަމަށެވެ. އެފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ އެވޯޑެއް ބޭއްވުމުގެ އެންމެ މުހިންމު ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ. ފިލްމީ ދާއިރާގެ ފަންނާނުންނަށް ހިތްވަރު ދިނުމާއި އަދި އިތުރު މަސައްކަތްތައް ކުރުމަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމަކަށްވެސް އެވޯޑު ވެގެން ދެ އެވެ.
ދިގު މުއްދަތަކަށް ދެމުން ގެންދާ ހަމައެކަނި ފިލްމު އެވޯޑަކީ ސަރުކާރުގެ ފަރާތުން ބާއްވާ ދިވެހި ފިލްމު އެވޯޑު އެކަންޏެވެ. އެހެންނަމަވެސް އެ އެވޯޑު މެދުކެނޑިފައި އޮންނަތާ 5 އަހަރު ވެއްޖެ އެވެ. ދަރާބެގެ އުއްމީދަކީ އެހެން ފަރާތްތަކުންވެސް ފިލްމީ ފަންނާނުންނަށް ހާއްސަކޮށް އެވޯޑު ބޭއްވުމެވެ.
ފިލްމު އެވޯޑުގެ އިތުރުން ޑިސެމްބަރު މަހުގެ 22 އިން 29 އަށް ފިލްމު ފެސްޓިވަލެއް ބޭއްވުމަށްވެސް އެމްއެސްޕީއޭއިން ވަނީ ނިންމައިފަ އެވެ. އެ ފެސްޓިވަލްގައި ސިނަމާގައި ދައްކާނީ އެވޯޑުގައި ބައިވެރިކުރާ ފިލްމުތަކެވެ.
“ކުރެވުނު ތަޖުރިބާތަކެއްވެސް އެބަހުރި. ފިލްމު ފެސްޓިވަލެއްގެ މުހިންމު ކަމަކީ އަސްލުގަ ކޮންމެހެން ލާރިތަކެއް ހޯދުމެއް ނޫން. އޭގެ ބޭނުމަކީ ހުރިހާ ފިލްމެއްގަ މަސައްކަތް ކޮށްފަ ތިބި ހުރިހާ އެންމެންނަށްވެސް މި ހުރިހާ ފިލްމުތަކެއް ބަލާލުމުގެ ފުރުސަތު ދިނުން”
އެވޯޑު ހަފްލާއަށް ދިޔުމުގެ ކުރިން ބާއްވާ މި ފެސްޓިވަލަށް ފިލްމީ ފަންނާނުންނަށް ދައުވަތު އަރުވާނެ އެވެ. ބާކީ ވާ ސީޓުތަކަށް އާންމުންނަށް ހުޅުވާލައިގެން ޓިކެޓު ވިއްކާނެ އެވެ. އެހެންނަމަވެސް ޓިކެޓު ވިއްކާނެ ސީދާ އަގެއް އަދި އެމްއެސްޕީއޭއަކުން ނުނިންމަ އެވެ.
2018 ވަނަ އަހަރު ރިލީޒްކުރީ 5 ފިލްމެވެ. 2019 ވަނަ އަހަރު 10 ފިލްމެއް ރިލީޒް ކުރިއިރު 2020 ވަނަ އަހަރު ރިލީޒްކުރީ އެންމެ ފިލްމެކެވެ. އެ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމީ އުފެއްދުންތަކަށް ހުއްޓުން އައި އަހަރެވެ. 2021 ވަނަ އަހަރު ދެ ފިލްމެއް ރިލީޒްކުރި ނަމަވެސް އެފިލްމުތައް ރިލީޒް ކުރީ އޯޓީޓީ ޕްލެޓްފޯމުތަކުގަ އެވެ. އެހެންނަމަވެސް މިފިލްމުތައްވެސް އެވޯޑަށް ހުށަހެޅޭނެ އެވެ.
2022 ވަނަ އަހަރު އޮލިމްޕަސް ރިނޮވޭޝަންއަށް ބަންދުކޮށްފައި އޮތުމުން އެ އަހަރު އޯޓީޓީގައި ރިލީޒްކުރީ އެންމެ ފިލްމެކެވެ. ޖެހިގެން އައި 2023 ވަނަ އަހަރަކީ އަނެއްކާވެސް ދިވެހި ސިނަމާ ހިނގައިގަތް އަހަރެވެ. އެގޮތުން އެއަހަރު އެކަނި 10 ފިލްމު ރިލީޒް ކުރި އެވެ. މިއަހަރު ބާއްވާ ފިލްމު އެވޯޑަށް ހުށަހެޅޭނީ މި 24 ފިލްމަށެވެ.
އެމްއެސްޕީއޭ ފިލްމު އެވޯޑްސް ބާއްވަނީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް, އެންސީއޭއާއި ގުޅިގެންނެވެ.
މި އެވޯޑުގެ ފޮޓޮގްރަފީ ޕާޓްނަރަކީ ލައިޓްސް އައުޓު ޕްރޮޑަކްޝަނެވެ. މީގެ އިތުރުން ހައިޕް މޯލްޑިވްސް, އިންޑިއާ ހައި ކޮމިޝަން, އިންޑިއާ ކަރްނާޓަކާގެ އޭބީ ނެޓްވޯކްސް އަދި ދިވެހި ސްކްރީނުން ބައިވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ އެވެ. މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަރަކާޓްތެރިވާނީ ޕީއެސްއެމްގެ އިތުރުން ދެން އޮންލައިން އެވެ.