ރާއްޖެއިން ކޮވިޑް ފެނުނުތާ 188 ދުވަސް، ގިނައިން ބަލި ޖެހިފައި ވަނީ ފިރިހެނުންނަށް
ރާއްޖެއިން ކޮވިޑް19 އެންމެ ގިނައިން ޖެހިފައި ވަނީ ފިރިހެނުން ކަަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 8990 މީހުންގެ ތެރެއިން 6,279 މީހުންނަކީ ފިރިހެނުންނެވެ. މިއީ ފައްސިވީ މީހުންގެ 69.8 އިންސައްތައެވެ.
ފައްސިވީ ފިރިހެނުންގެ އުމުރަށް ބަލާއިރު، އެންމެ ގިނައިން ފައްސިވެފައި ވަނީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. މި އުމުރުގެ 1671 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ދެން އެންމެ ގިނަިއން ފައްސިވެފައި ވަނީ އުމުރުން 31 އަހަރާއި 40 އަހަރުގެ ފިރިހެނުންނެވެ. އެއީ 1623 މީހުންނެވެ.
އިއްޔެ ވެސް ރާއްޖެއިން އިތުރު 90 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ މީގެ ކުރިޔާއި އަޅާބަލާއިރު ދަށް އަދަދެކެވެ. ރާއްޖެއިން އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 32 ބިދޭސީއެކެވެ.
ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބައްޔަށް ފަރުވާ ދޭ 2107 މީހަކު އެބަތިއްބެވެ. އިއްޔެ އާއި ހަމައަށް މިއަދަދު ހުރީ 2304 ގައެވެ.
އަދި ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން 120 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެނެވެ.
ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 6846 މީހެކެެވެ. އަދި މިހާތަނަށް މި ބަލީގައި ރާއްޖެއިން 31 މީހަކު ނިޔާވެފައި ވެއެވެ.