ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަދި ސައުދީއަރަބިއްޔާ އަށް ކަނޑައަޅުއްވާ ސަފީރުން މިއަދު އައްޔަންކުރައްވައިފި އެވެ.
އިންޑިއާއަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ އާއިޝަތު އަޒީމާ އެވެ. އަދި އަލްމަމްލަކަތުލް އަރަބިއްޔަތުއްސައުދިއްޔާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވީ އަހްމަދު ސަރީރެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އަޒީމާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެން 79 މެންބަރުންގެ އިއްތިފާގުންނެވެ.
އަޒީމާގެ އެ މަގާމަށް އައްޔަންކުރައްވަން ރައީސް ނަން ފޮނުވުމުން މި މައްސަލަ ދިރާސާ ކޮށްފައިވަނީ ހާރިޖީ ކޮމިޓީއިންނެވެ.
އެ ކޮމިޓީއިން ވަނީ އެ މަގާމަށް އަޒީމާ ޝަރުތު ހަމަވޭތޯ ކަށަވަރުކުރުމަށް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަނާއި ކަރެކްޝަނަލް ސާވިސް އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝުރީ އެންޑް މިނިސްޓްރޭޝަންއިން މައުލޫމާތު ސާފުކޮށްފަ އެވެ.
އަޒީމާ އެ މަގާމަށް އައްޔަންކުރައްވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް ޝިހާބުގެ ދައުރު ހަމަވާތީ އެވެ.
މިދިޔަ ސަރުކާރުގެ ޗައިނާގެ ސަފީރުކަން ކުރައްވާފައިވާ އަޒީމާ މީގެ ކުރިން ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ފަސްޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި ފޮރިން މިނިސްޓަރީއާއި ފިނޭންސް މިނިސްޓްރީގައި ވެސް އަޒީމާ މަސައްކަތްކުރައްވާފައިވެ އެވެ.
މި މަގާމަށް ސަރީރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވުމުން އެކަން ހާރިޖީ ކޮމިޓީއިން ވަނީ ދިރާސާކޮށްފަ އެވެ.
އެ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އެ ކޮމިޓީގެ މުގައްރިރު, މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލީހަށް ހުށަހަޅައިދީފަ އެވެ.
ޒަރީރު ވިދާޅުވީ މި މަގާމަށް ސަރީރު ޝަރުތު ހަމަވޭތޯ ކަށަވަރުކުރުމަށް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއާއި އިލެކްޝަންސް ކޮމިޝަނާއި ކަރެކްޝަނަލް ސާވިސް އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝުރީ އެންޑް އެންޑްމިނިސްޓްރޭޝަންއިން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ. އަދި ސަރީރުގެ ސަފީރު ކަން އަދާކުރުމުގެ ތައުލީމީ އަދި ތަޖުރިބާ ފެންވަރު ހުރި ބޭފުޅެއްކަން ވަނަވަރުތަކަށް ރިއާޔަތްކޮށް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް ޒަރީރު ވަނީ ވިދާޅުވެފަ އެވެ.
ސަރީރު ވަނީ ހާރިޖީ ގުޅުންތަކާ ގުޅުން ހުރި ގިނަ މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރުގެ މަގާމާއި ފޮރިން ސެކެޓަރީގެ މަގާމާއި ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ތިންވަނަ ސެކްރެޓަރީގެ މަގާމު ހިމެނެ އެވެ.
މީގެއިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމްވެސް ސަރީރު ފުރުއްވާފައިވެ އެވެ. އަދި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމާއި އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ދެވަނަ ސެކްރެޓަރީގެ މަގާމުވެސް ސަރީރު ފުރުއްވި އެވެ.