މުސްތަފާގެ ވަޒީފާ ޕީއެސްއެމްއިން އަލުން އިއާދަކޮށްދީފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރި އަހުމަދު މުސްތަފާގެ ވަޒީފާ އަލުން އިއާދަކޮށްދީފި އެވެ.
މުސްތަފާ މަގާމުން ވަކިކުރި އިރު މޯލްޑިވްސް މީޑިއާ ކައުންސިލްއިން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމިގެ އިނާމު ދިނުމުގެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއާ ގުޅޭ ގޮތުން އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމަންޓްރީގެ ކްލިޕެއް ދެއްކި މައްސަލަ ވަނީ ހޫނުވެފަ އެވެ.
ޕީއެސްއެމްގެ އިސް އޮފިޝަލަކު "ދެން"އަށް ވިދާޅުވީ މުސްތަފާ ވަޒީފާއިން ވަކިކުރުމުން އެކަން އެޕީލް ކުރި ކަމަށެވެ.
އަދި ބޯޑުން އެކަމާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ބައްދަލުވުމުވައި ކުރިން ނުލިބޭ އެހެން މައުލޫމާތުތަކަށް ރިއާޔަތްކޮށް އަލުން މުސްތަފާއަށް ވަޒީފާ ދިނީ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭގެ ތަފްސީލެއް އޮފިޝަލު ނުދެއްވަ އެވެ.
"ސްކީލާން" ޑޮކިއުމަންޓްރީގެ ވީޑިއޯ ކްލިޕްއަކީ ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ކަމަށް ޕީއެސްއެމްއިން ބުނެފައި ވެއެވެ. އަދި ބުދަ ދުވަހުގެ ރޭ މީޑިއާ ކައުންސިލްއިން އެ ވީޑިއޯ ދެއްކީ ގަސްދުގައި ދުރާލާ ރާވައިގެން އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓް ގެނެސްދިނުމަށް ކަމަށް ވެސް ޕީއެސްއެމްއިން ބުނެފައި ވެއެވެ.
އެހެންވެ އެކަން ހަރުކަށި އިބާރާތުން ޕީއެސްއެމްއިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.