އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސްކުރާއިރު ކައުންސިލްތަކަށް ބްލޮކް ގްރާންޓް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މިއަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކައުންސިލުތަކަށް ފާސްކޮށްދީފައި އޮތް ނަމަވެސް އަންނަ އަހަރަށް ކައުންސިލުތަކަށް ދޭން ނިންމާފައިވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބުޅާ ފެސިލިޓީ ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބްލޮކް ގްރާންޓުގެ 5 އިންސައްތައިގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވާނެ ކަމަށެވެ.
"ބްލޮކް ގްރާންޓްގެ 5 ޕަސެންޓް އެއީ ގާނޫނުގައި އޮތްގޮތް. އެގާނޫނުގައި އޮތް ގޮތައް ހުރިހާ ކައުންސިލްއަކަށް މިފަހަރު ބަޖެޓް ފާސްކުރާއިރު 5 ޕަސެންޓް ލިބޭނެ."
އެގޮތުން ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމަވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރަށްވެސް ގާނޫނުގައި ލިޔެފައި ހުރި، މިއަދާ ހަމައަށް ނުކޮށްހުރި ކަންތައްތަކެއް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި މި ސަރުކާރުން ގެންދަނީ އަމަލާއި ބަހާ ދިމާކުރަމުން ކަމަށެވެ. އަދި މިއަދު ހުޅުވިގެންދިޔަ "އޮޅު ހިޔާ" އަކީ އެކަމުގެ ނަތީޖާއެއްކަމަށްވެސް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ބަޖެޓް ގްރާންޓް ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ބަޖެޓާ މެދު ސިޓީތަކުގެ މޭޔަރުންވެ ސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ގާނޫނު، ވުޖޫދުން ފޮހެލަން ކަމަށެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ ކަމަށެވެ.