އެސްއޯއީތަކުގެ ބަޖެޓު ފިނޭންސްއާއި ޕީސީބީއަށް ފޮނުވަންޖެހޭ ގޮތަށް އާ އުސޫލެއް ހަދައިފި
ދައުލަތުގެ ކުންފުނިތައް(އެސްއޯއީ)ތަކުގެ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭ ގޮތަށް އާ އުސޫލެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު(ޕީސީބީ)އިން އެކުލަވާލައިފި އެވެ.
ޕީސީބީން މިއަދު ޝާއިއުކުރި "ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު" ގައި ބުނީ މިއީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ބަޖެޓު އެކުލަވާލުމާއ ރިވިއުކުރުމުގެ ޕްރޮސެސް އެއްގޮތްކޮށް އެ ތަންތަނުގެ ހިންގުން ހަރުދަނާކޮށް އިތުބާރު އިތުރުކުރުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ އުސޫލެއް ކަމަށެވެ.
އާ އުސޫލުގައި ވަނީ ބަޖެޓު ޕްލޭން ތައްޔާރުކުރުމުގެ އިތުރުން ބަޖެޓު ހާމަކޮށް އަދި ބަޖެޓު ހާމަކޮށް ރިވިއު ރިޕޯޓް ފޮނުވުމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނައިފަ އެވެ.
އެހެން ނަމަވެސް އަންނަ އަހަރަށް ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ކުންފުނިތަކުން ފަށާފައިވާތީ އާ އުސޫލާ އެއްގޮތަށް ބަޖެޓުގެ ލިޔެކިޔުންތައް އެކުލަވާލަން ފަށާނީ އަންނަ އަހަރު ބަޖެޓު އެކުލަވާލާއިރު ކަމަށް ޕީސީބީން ބުނެފައިވެ އެވެ.
އެހެން ނަމަވެސް ބަޖެޓު ރިވިއު ފޮނުވުމުގެ މަސައްކަތަކާއި ބަޖެޓު ހާމަކުރުމުގެ މަސައްކަތުގެ އިތުުރުން ބަޖެޓަށް ބަދަލު ގެންނަން ޖެހޭ ހާލަަތެއްގައި ބަދަލުތައް ގެނައުމާއި އިންޓާނަލް އޮޑިޓް ފަންކްޝަނިން މަސައްކަތްތައް ކުރަން ޖެހޭނީ އާ އުސޫލާ އެއްގޮތަށް ކަމަށް ބުންޏެވެ.
އެގޮތުން އެސްއޯއީތަކާއި އެފަދަ ކުންފުނިތަކުން ބަޖެޓު ރިވިއު ރިޕޯޓް ފިނޭންސް މިނިސްޓްރީން އަންގާގޮތެއްގެ މަތިން ފޮނުވަން ޖެހޭނެ ކަަމަށް ވެސް ބުނެފައިވެ އެވެ.
އަދި ހަމަ އެ ބަޖެޓު ރިވިއު ރިޕޯޓް ކޮންމެ އަހަރެއްގެ ޖެނުއަރީ އަދި ޖުލައި މަހު ޕީސީބީއަށް ވެސް ފޮނުވަން ޖެހޭނެ ކަމަށް ބުންޏެވެ.