ނައިބު ރައީސް ކުޅުދުއްފުށި ސިޓީއަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ފުރާވަޑައިގަންނަވައިފި އެވެ.
ނައިބު ރައީސްގެ އަރިއަހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގުރާމަށް ލީޑާރސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، "ލީޑިން ލީޑާރސް"ގެ ނަމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އިއްޔެ ވަނީ މި ޕްރޮގްރާމް ފަށާާފަ އެވެ.
ރައީސް އޮފީހުން ބުނީ، މިއަދު އިފްތިތާހުކުރާ ޕްރޮގްރާމަކީ މި ސަރުކާރުގެ ހަފުތާ 14ގެ ވައުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމެއް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ހަރަކާތެއް ކަމަށެވެ.