އިސްލާމީ އުސޫލުން ލިބޭ ފައިސާއިން ޒުވާން އުމުރުގައި ގެދޮރުވެރި ބަޔަކަށް ދެން ވެވޭނެ: ފިރުޒުލް
އިސްލާމީ އުސޫލުން ލިބޭ ފައިސާއިން ގެ އަޅައިގެން ޒުވާން އުމުރުގައި ގެދޮރުވެރި ބަޔަކަށް ވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ގެދޮރުވެރިކަމަކީ ބިލާހެއްގެ ގޮތުގައި އޮންނަ އޮތުން މި ސަރުކާރުން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ލީގަލް އެފެއާޒް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދައުލަތުގެ ބަޖެޓުގައި 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާާޒާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމެނޭ 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ އިތުރުން ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރަން ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އެވެ. އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ހިމެނޭއިރު، އޭގެ ތެރޭގައި ފަސް އިންސައްތަ އިންޓްރެސްޓްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޖަހައިގައި ރޭ ބޭއްވި "ރައްޔިތުންގެ ސައްލާ" ގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެެއްބަޔަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުން ކަމަށެވެ. މާލެ ސަރަހައްދުގެ 83 އިންސައްތަ ގޭބީސީގައި މީހުން ދިރިއުޅެނީ ކުއްޔަށް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ މި ދައުރު ނިމޭއިރު އެ ހަގީގަތް އޭގެ އަނެއް ކޮޅަށް ބަދަލުކުރަން ކަމަށެވެ.
"މިއަދު 80 އިންސައްތައަކީ އެއީ ކުއްޔަށް ދިރިއުޅޭ މީހުން ކަމަށް ވަންޏާ މި ފަސް އަހަރު ނިމޭއިރު، އޭގެ ތެރެއިން ބޮޑު އިންސައްތައަކީ 60 ނުވަތަ 70 އިންސައްތަ މީހުންނަކީ އެ މީހަކު ފަހުރުވެރިކަމާ އެކު މިއީ ތިމަންނަގެ އަމިއްލަ ތަނެކޭ ބުނާނެ ތަނެއްގައި ދިރިއުޅޭނެ ހަގީގަތަށް ބަދަލުކުރަން ބޭނުންވަނީ،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި ގޯތި ދޫކޮށްފައި ހުރިއިރު، އޭގެ ތެރޭގައި 25 އަހަރު ވާއިރު ވެސް ގެއެއް އެޅޭނެ ގޮތެއް ނެތި ހުސްކޮށް ހުރި ތަންތަން އެބަހުރި ކަމުގަ އެވެ. އެކަން އެހެން މެދުވެރިވެފައި ވަނީ ގެދޮރު އެޅުމަށް ބޭނުންވާ ފައިސާ ފަސޭހަ ގޮތުގައި ލިބޭނެ ގޮތެއް ނެތުމުން ކަމުގަ އެވެ. ބަޖެޓުން އެއް ބިލިއަން ރުފިޔާ ހޭދަކޮށްގެން ފަސް އިންސައްތަ ރޭޓުގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެހެން ހުންނަ ގޯތިތަކުގައި ގެ ބިނާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގަ އެވެ.
ޒުވާނުންނަށް އެންމެ މުހިންމުވާ އެއް މައްސަލައަކީ ވެސް ގެދޮރުވެރިކަމުގެ މައްސަލަ ކަމުގަ އެވެ. މިހާތަނަށް އައިއިރު އެކި ވެރިކަންތަކުގައި ބޯހިޔާވަހިކަމުގެ ބޭނުމަށް ތަންތަން ދޫކުރެވުނު ނަމަވެސް ޒުވާނުންނަށް ޖާގަ ލިބެނީ އެފަދައިން ހަދާ ލިސްޓުތަކުގެ އެންމެ ފަހަތުން ކަމުގަ އެވެ.
"ޕޮއިންޓް ދެވޭ ގޮތުގެ ތެރެއިންނާއި މި ހުރިހާ ކަމެއްގެ ތެރޭގައި ގެދޮރުވެރި ކަމެއް ލިބޭނެ ގޮތެއް ނޯވޭ. ހާއްސަކޮށް ޒުވާން އުމުރުގެ، ޒުވާން އާއިލާއަކަށް އަމިއްލަ މިލްކުވެރި ކަމެއް އޮތް ގެޔެއްގައި އުޅުމަކީ ބިލާހެއް. ހަގީގަތަކަށް ނުވާ ހުވަފެނެއް،" ފިރުޒުލް ވިދާޅުވި އެވެ.
އެހެންނަމަވެސް ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވެސް ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ފިރުޒުލް ވިދާޅުވީ އަބަދުވެސް ދައްކާ ވާހަކައަކީ މި ވީހާތަނަށް ސަރުކާރުތަކުންނާ އަދި ބޭންކުތަކުގެ ތެރެއިން ވެސް އިސްލާމީ އުސޫލުން ގެ އެޅޭނެ ފުރުސަތު އެއްވެސް ސަރުކާރަކަށް ފަހިކޮށްދެވިފައި ނުވާ ކަމަށެވެ. ބޯހިޔާވަހި ކުރަން ޖެހެނީ އިސްލާމީ އުސޫލުން ބޭރުން ލިބޭ ފައިސާގެ މުއާމަލާތްތަކުގެ ތެރެއިން ކަމަށެވެ. އެކަމަކު މި ސަރުކާރުން ފަސް އިންސައްތައިގެ ލޯނު ދޫކުރާނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމުގައި ފާހަގަކުރެއްވި އެވެ.
"އިސްލާމީ އުސޫލުން ލިބޭ ފައިސާއިން ގެ އަޅައިގެން ޒުވާން އުމުރުގައި ގެދޮރުވެރި ބަޔަކަށް ވެވޭނެ. އުންމީދަކީ ގެދޮރުވެރިކަމަކީ ބިލާހެއްގެ ގޮތުގައި އޮންނަ އޮތުން ހަގީގަތަކަށް ވެގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަސް އިންސައްތައިގައި ދޫކުރާ ލޯނުގެ އިތުރަށް އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ހާއްސަ ކުރެވިފައި ވަނީ އެކަން ހަގީގަތަކަށް ހެދުމަށް ކަމުގަ އެވެ.
ކޮންގްރެސް ޕާޓީން ބޭއްވި ސައްލާގައި ފިރުޒުލްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ބައިވެރިވެ ވަޑައިގަތެވެ. އެ ޕާޓީން ބުނެފައި ވަނީ ކޮންމެ ހަފުތާއަކު އެއްފަހަރު، ހާއްސަ މައުލޫއަކަށް ސިލްސިލާކޮށް ޖަލްސާތައް ކުރިއަށް ގެންދާނެ ކަމަށެވެ.