ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ހިދުމަތް ދ. ކުޑަހުވަދޫގައި ފަށައިފި އެވެ.
މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދޭން ފަށާ ދެވަނަ ފަހަރެވެ. މީގެކުރިން މި ހިދުމަތް ދެމުން އައީ ވެލާނާގެ ބިލްޑިންގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުންނާއި ގއވިލިނގިލީގަ އެވެ.
އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ހިދުމަތް ކުޑަހުވަދޫގައި ފެށީ ދ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާ އެކީގަ އެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން އާއި ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
އެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސައިން ހަމީދާއި ދ އަތޮޅު ކައުންސިލުގެ ރައީސް އަދި ކައުންސިލް މެމްބަރުން އަދި ޑީއެންއާރު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީގެ އިތުރުން ހޯމްލޭންޑް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އައިޑީ ކާޑުގެ ހިދުމަތް ދިނުމަށް ބޮޑު ހޭދައެއް ކުރާއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ހިދުމަތް ދިނުމަށް ހޯމްލޭންޑް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށްފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 1993 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގަ އެވެ.
ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
އަދި ކާޑު ޕްރިންޓް ކުރުމަށްފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތް ވަނީ ތައާރަފުކޮށްފަ އެވެ.