ޚަބަރު ވިޔަފާރި

ސަބްސިޑީގެ ނިޒާމަށް ގެންނަ ބަދަލުގެ އަސަރު ކުޑަކުރަން އެންމެ ފަގީރު ގޭބީސީތަކަށް 2،450 ރުފިޔާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މާލެ ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ދެން އިމޭޖްސް

ސަބްސިޑީގެ ނިޒާމަށް ގެންނަ ބަދަލުގެ ސަބަބުން އެންމެ ފަގީރު ގޭބީސީތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެފަދަ ގޭބީސީތަަކަށް އެވްރެޖްކޮށް މަހަކު 2،450 ރުފިޔާ ކޭޝް ޓްރާންސްފާގެ ގޮތުގައި ލިބޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފި އެވެ.

Ads by MWSC

ސަރުކާރުން އަންނަނީ ކާޑާއި ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ތަކެއްޗާ އަދި ހިދުމަތްތަކުގެ އަގުހެޔޮކޮށް، އެއްވަރެއްގައި ބެހެއްޓުމަށް ޔުނިވަސަލް (އެންމެނަށް އެއްހަމައަކުން) ފޯރުކޮށްދިނުމަށް އިންޑައިރެކްޓް ސަބްސިޑީ ދެމުންނެވެ. އެ ސަބްސިޑީތައް މިހާރު ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ކޮންޓްރޯލް އަގުތަކެއްގައި މި ތަކެތި ފޯރުކޮށްދިނުމުން އެ ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ދޭ ސަބްސިޑީއެއްގެ ގޮތުގަ އެވެ.

އެގޮތަށް އިންޑައިރެކްޓް ސަބްސިޑީ ދިނުމަކީ އޭގެ ބޭނުން ޖެހިފައިވާ މީހުންނެކޭ އެއްފަދައިން ފުދުންތެރި ގޭބީސީތަކާއި ފަތުރުވެރިންގެ އިތުރުން ހުރިހާ ވިޔަފާރިތަކަށް ވެސް ދައުލަތުން ދޭ އެހީތެރިކަން ބެހިގެންދާ އުސޫލެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

"މުއްސަނދި ގޭބީސީތަކަކީ ނިސްބަތުން ގިނައިން މުދަލާއި ހިދުމަތްތަކަށް ހަރަދުކުރާ ބައެއް ކަމަށް ވުމުން، ސަބްސިޑީގެ ފައިދާ އެންމެ ބޮޑަށް ލިބެނީ ވެސް މުއްސަނދި ގޭބީސީތަކަށެވެ.. ސަބްސިޑީތަކުގެ 43.0 އިންސައްތަ ބެހިގެން ދަނީ އެންމެ މުއްސަނދި ގޭބީސީތަކުގެ 40 އިންސައްތަ ގޭބީސީތަކަށެވެ،"

އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 1.2 ބިލިއަން ރުފިޔާއިން 3.2 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެޔޮ އަގުހެޔޮކުރަން ދޭ ސަބްސިޑީއަށެވެ. އަދި 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑުތަނުން އުފުލުމާ ތެލުގެ ސަބްސިޑީގެ ހަރަދު ބޮޑުތަނުން ވަނީ އިތުުރުވެފަ އެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާތީ ކަރަންޓު އަދި ތެލުގެ ސަބްސިޑީ ހަރަދު އަދިވެސް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

އެހެންވުމާ އެކު އެގޮތަށް ދެމުން އަންނަ އިންޑައިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި ހައްގުވެރިންނަށް ސީދާ ދެވޭ ޑައިރެކްޓް ސަބްސިޑީ ނިޒާމެއް ތައާރަފު ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެގޮތުން ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީ މިހާރަށް ވުރެ، އިތުރަށް ހަރުދަނާކޮށް، ޓާގެޓުކުރުމުން ދައުލަތުގެ އެހީތެރި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރު އިތުރުވެ، ޕްރޮގްރެސިވް ސަބްސިޑީ ނިޒާމަކަށް ބަދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ބަޖެޓު ތަފްސީލު ރިޕޯޓުގައި ވަނީ ސަބްސިޑީގެ އެހީ ލިބޭނެ ގޮތާއި ސަބްސިޑީ ލިބޭ ގޭބީސީތައް ކަނޑައަޅާނެ ގޮތާއި މައުލޫމާތުގެ ސައްހަަކަން ކަށަވަރު ކުރާނެ ގޮތާއި ނިޒާމަށް އަަމަލު ކުރާނެ ގޮތުގެ ޓައިމްލައިނުގެ އިތުރުން އެކަމުން ކުރާނެ ފިސްކަލް އިމްޕެކްޓަށް ބަލާލާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ދެމުން އަންނަ ކަރަންޓު އަދި ކާޑުގެ އިންޑައިރެކްޓް ސަބްސިޑީ ނުދޭނަމަ، އެ ތަކެތީގެ މާކެޓް ރިފްލެކްޓިވް އަގުތަކަށް ބަދަލުވެ ގޭބީސީތަކުން ކަރަންޓަށާއި ކާޑަށް ކުރާ ހޭދަ އިތުރުވާނެ ކަމުގަ އެވެ. އަދި ނަރުދަމާގެ ހިދުމަތަށް ސަބްސިޑީ ނުދޭ ނަމަ، ގޭބީސީތަކުން ނެގޭ އިތުރު ފީއެއްގެ ގޮތުގައި ގޭބީސީގެ ހަރަދަށް ނަރުދަމާގެ ހަރަދު ވެސް އިތުރުވާނެ ކަމުގަ އެވެ.

އެހެންނަމަވެސް، ސަބްސިޑީގެ އާ ސިޔާސަތު އެކުލަވާލާފައި ވަނީ އެ ސިޔާސަތު މުރާޖައާ ކުރުމުން އެންމެ ފަގީރު ގޭބީސީތަކަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކުރެވޭނެ ގޮތަށް ކަމުގަ އެވެ.

"އެގޮތުން އެންމެ ފަގީރު 20 އިންސައްތައިގައި ހިމެނޭ ގޭބީސީތަކުގެ ހަރަދު މަހަކު އެވްރެޖްކޮށް ގާތްގަނޑަކަށް 1،770 ރުފިޔާއިން އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެނު ނަމަވެސް، ކޭޝް ޓްރާންސްފާގެ ގޮތުގައި މި ގޭބީސީތަކަށް މަހަކު އެވްރެޖްކޮށް ގާތްގަނޑަކަށް 2،450 ރުފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ،"

މިހާރު ރާވާފައިވާ ގޮތަށް ނިޒާމު ބަދަލުކޮށްފިނަމަ، އާމްދަނީގެ ގިންތީގެ ނިސްބަތުން 20 އިންސައްތައިން ދަށުގެ ގޭބީސީތަކުގެ ހަރަދު އިތުރުވާ މިންވަރަށް ވުރެ، އެ ގޭބީސީތަކަށް ސަބްސިޑީގެ ގޮތުގައި ލިބޭ މިންވަރު އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބަޖެޓް ތަފްސީލު ރިޕޯޓުގައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!