22nd December 2024, Sunday

ޚަބަރު ސަރުކާރު

ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ނޭޕާލްގެ ރައީސް އާ މަޝްވަރާކުރައްވައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ރައީސް ނޭޕާލުގެ ރައީސް އާ ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާގައި އިތުރަށް އެއްބާރުލުންދީ އެ ގުޅުން ހަރުދަނާ ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނޭޕާލުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް މަޝްވަރާ ކުރައްވައިފި އެވެ.

Ads by Sosun Fihaara

މި މަޝްވަރާތައް ކުރައްވާފައި ވަނީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ގެ ހަވާސާގައި ރައީސް، ނޭޕާލުގެ ރައީސް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދެކުނު އޭޝިއާގެ އަވައްޓެރި ގައުމުތަކުގެ ތެރެއިން ރާއްޖެ އާއި ނޭޕާލާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރައްވާފަ އެވެ. އަދި ސިއްހީ ދާއިރާގައި އިތުރަށް އެއްބާރުލުންދީ އެ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެއްބާރުލުން ދެއްވުމަށް ދެ ގައުމުގެ ލީޑަރުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ކޮޕް29 ގައި މަޝްވަރާ ކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުންނެވެ.

އަޒަރުބައިޖާންގެ ބަކޫގައި މިދިޔަ ހޯމަ ދުވަހު ފެށި ކޮޕް ސަމިޓް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!