ކޮވިޑް-19: އަލްޙަމްދުލިﷲ. އިތުރު 209 މީހުން ބަލިން ފަސޭހަ ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސީ މީހުންގެ ތެރެއިން އިތުރު 209 މީހަކު މިބަލިން ފަސޭހަ ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 44 ދިވެހިންނާއި 18 ބިދޭސީންނެވެ.
އިއްޔެގެ އިރުއޮއްސި 18:00 އިން މިއަދުގެ އިރުއޮއްސި 18:00 އަށް 62 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 9،052 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 7،055 މީހުންނެވެ. އަދި މިބަލީގައި ނިޔާވެފައިވަނީ 31 މީހުންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 908 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 116 މީހުންނެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮަށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި ރޭގަނޑު 20:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި ރޭގަނޑު 21:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 22:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.