ރިޕޯޓް

ބަޖެޓަށް މެންބަރުންގެ ތައުރީފު، "މިއީ ދަރަނި ކުޑަ، އުއްމީދީ ބަޖެޓެއް"

ޢާއިޝަތު ނުހާ ، ދެން އޮންލައިން

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ބަހުސްގައި އެ ބަޖެޓަކީ ޑެފެސިޓް ކުޑަ, އުންމީދީ ބަޖެޓެއް ކަމަށް ގިނަ މެންބަރުން ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިއްޔެ ފެށި ބަޖެޓު ބަހުސްގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތަކުރާރުކޮށް ވިދާޅުވި އެއް ބަހަކީ "އުންމީދު" އެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ ބަޖެޓްގެ ބަހުސް ހޯމަ ދުވަހުވެސް ކުރިއަށްގެންދާ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެފައިވެ އެވެ.

ބަޖެޓް ބަހުސްގައި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް ސިފަކުރި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ގައުމުގެ މިސްރާބު ހިފާފައިވާ ގޮތް ވަޒަންކޮށްލައިދޭ ވަސީލަތެކެވެ.

އެގޮތުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއާއި އެ އާމްދަނީ ހޯދާނެ ގޮތާ, އެ އާމްދަނީ ހަރަދުކުރެވޭނެ ކަންކަމުގެ އިތުރުން އެ ހަރަދު ކުރުމުން ގައުމުގެ ތަރައްގީގައި ހާސިލްކުރެވޭނެ ކަންކަން އެ ބަޖެޓުން ވަޒަން ކުރެވޭ ކަމަށް ހުސްނީ ވިދާޅުވި އެވެ.

"2025 ވަނަ އަހަރަށް ލަފާކޮށް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ މި ބަޖެޓަކީ އުންމީދީ ބަޖެޓެއް"

އާމްދަނީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާއިރު އާމްދަނީ އިތުރުކުރަން ހިމަނާފައިވަނީ ރައްޔިތު މީހާއަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް ކަމަށް ހުސްނީ ވިދާޅުވި އެވެ.

ބަޖެޓްގެ ތަފްސީލަށް އިޝާރާތްކުރައްވަމުން ހުސްނީ ވިދާޅުވީ ބަޖެޓުގައި ގައުމުގެ ބޮޑެތި މައްސަލަތައް ހައްލު ކުރަން އަމާޒު ހިފާފައިވާކަން އެނގޭ ކަމަށެވެ. އަދި އިޖްތިމާއީ ގިނަ މައްސަލަތަކުގެ ފެށުމަކީ ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު އުޅެން ޖެހުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަށް އެ ބަޖެޓުން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެކަމާއި މެދު އުފާކުރާ ކަމަށް ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ގޮތުގައި ގޯއްޗެއް ނުވަތަ ބިމެއް ލިބުނު ނަމަވެސް ލިބޭ އާމްދަނީން އެތަނެއްގައި ގެދޮރު ބިނާ ކުރެވޭނެ ތަނަސްވަސްކަން ނެތުމުން ގިނަ ބަޔަކު އުޅެން ޖެހެނީ އާއިލާގެ ގިނަ ބަޔަކާއެކު މައިބަފައިންގެ ގޭގައި ކަމަށެވެ. އުޅެން ޖެހެނީ ތޮއްޖެހިގެން ކަމަށްވާއިރު އެއީ އިޖްތިމާއީ ގިނަ މައްސަލަތަކެއް ނިކުންނަ ކަމެއްކަން ހުސްނީ ފާހަގަކުރި އެވެ.

ޒަވާޖީ ހަޔާތެއް ފަށާ ހިސާބުން, އަމިއްލަ ބޯހިޔާވަހިކަމަކަށް ޒުވާނުންނަށް ދެވޭ ހިސާބަށް ބަދަލުކޮށްފިނަމަ ރާއްޖެ ތަރައްގީގައި ކުރިއަރާނެކަން ވިދާޅުވެ ހުސްނީ ފާހަގަކުރެއްވީ ބަޖެޓްގައި ހިމަނާފައިވާ އިސްލާމިކް ފައިނޭންސް ލޯނުތަކުގެ ވާހަކަ އެވެ.

"އަޅުގަނޑަށް ފެނިގެން ދަނީ ގައުމީ ތަރައްގީގައި އުޖާލާ ކުރިމަގަކަށް މިސްރާބު ހިފާފައިވާ ތަން, ގައުމުގައި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ގޮތެއްގައި މިސްރާބު ހިފާފައިވާ ބަޖެޓެއްގެ ގޮތުގައި މި ބަޖެޓް ފާހަގަކުރެވެނީ"

ބަޖެޓް ބަހުސް ފައްޓަވަމުން މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ވާހަކަދައްކަވަނީ އުންމީދާއެކު ކަމަށެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު މި ހުށަހަޅާފައިވާ އުންމީދީ ބަޖެޓަށް ތާއީދުކުރާ ވާހަކަ ދަންނަވާލަން"

މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޒަމީރު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ތަންފީޒުކުރަން ރާވާފައިވާ އާމްދަނީ އިތުރުކޮށް, ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއެކު ބަޖެޓުގެ ޑެފިސިޓް ދަށްވެގެންދާނެ ކަމަށެވެ. އަދި އެ ސިޔާސަތުތަކުން 4850 މިލިއަން ރުފިޔާ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބަޖެޓާއެކު 7859 މިލިއަން ރުފިޔާ ހަރަދު ކުޑަކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިދާޅުވީ އެ ބަދަލަކީ ދިވެހިން މިއަދު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށްޓަކައި ހަރުދަނާ, ޒިންމާދާރު ފިޔަވަޅުތަކެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށެވެ.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ ބޯހިޔާވަހިކަމަށް ބަޖެޓްގައި ހިމަނާފައިވާކަންކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ބޯހިޔާވަހިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާ ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ބަޖެޓްގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ އެކަމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަަމށެވެ.

އެ ބަޖެޓަކީ އެންމެންނަށްވެސް އުޖާލާ ބަޖެޓަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަންވެސް ޒަމީރު ފާހަގަކުރެއްވި އެވެ.

ބަޖެޓަކީ ގާނޫނާ ހިލާފު ބަޖެޓެއް ކަމަށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ތިމަރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ރިޔާޒު ވިދާޅުވީ އެ ބަޖެޓަކީ ވަރަށް ތަފްސީލީ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓް ފޮތުގައި ރާއްޖެއަށް ބޭނުންވާ ހުރިހާ ކަމެއްގެ ވާހަކަ ވަރަށް ތަފްސީލުކޮށް ލިޔެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ބަޖެޓަކީ މިހާތަނަށް ދިވެހި ދައުލަތަކުން އެންމެ ބޮޑު ބަޖެޓު. އެކަން އަޅުގަނޑުމެން ފާހަގަކުރަން. އޭގެ މާނައަކީ އަޅުގަނޑުމެންނަށް މި ބަޖެޓް ވެގެންދާނީ އަޅުގަނޑުމެންގެ ދިވެހި ލޮބުވެތި ރައްޔިތުން އުފާކުރަނިވި, މަތީ ފަންތިއަކަށް އަޅުގަނޑުމެންގެ މި ގައުމު ބިލްޑްކުރުމަށްޓަކައި ތައްޔާރުކޮށްފައި އޮތް ބަޖެޓެކޭ"

އެ ބަޖެޓަކީ މިހާތަނަށް ތައްޔާރުކޮށްފައި އޮތް އެންމެ ޑެފެސިޓް ކުޑަ ބަޖެޓްކަން ރިޔާޒު ފާހަގަކުރެއްވި އެވެ. ރިޔާޒު ސިފަކުރި ގޮތުގައި އެ ބަޖެޓަކީ "ބޯހިޔާވަހިކަމުގެ" ބަޖެޓެޖެވެ.

ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް ވަކިން ނެތުމުން އެންމެންވެސް އެ ވާހަކަ ދައްކާކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ވަކި ވަކި މަޝްރޫއުތައް ކަނޑައެޅި ނަމަވެސް އެކަންކަން ހިނގާފައި ވަނީ އެކަށީގެންވާ ރަނގަޅު ގޮތަކަށް ނޫން ކަމަށެވެ.

ބަޖެޓްގެ ބަހުސްގައި ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފްގެ ވާހަކަ ފެއްޓެވީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ބޯހިޔާވަހިކަމުގެ މައްސަލައިންނެވެ.

އިމްރާން ވިދާޅުވީ 4000 ފްލެޓުގެ ވާހަކަ ދެކެވެމުންދާއިރު އެ ފްލެޓްތަކަށް 12,000 މީހުން ޝަރުތު ހަމަވާ ކަމަށެވެ. އަދި ކިތަންމެ އިންސާފުވެރިވި ނަމަވެސް 8000 މީހުން ބާކީވެ މަގުމަތިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެކަންކަމަށް ރިއާޔާތްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއެކު ބަޖެޓުގެ ބޮޑުބައެއް ގެދޮރުވެރިކަމާއި ހައުސިން ފައިނޭންސަށް 'ދީލާލާފައި'ވާ ކަން އިމްރާން ފާހަގަކުރެއްވި އެވެ.މި 5 އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަމުގައި އެއްވެސް ފަރާތެއް ބާކީވެ, އިސްތިސްނާވެގެން ނުދާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި އެވެ.

އާސަންދަ އެންސްޕާ އަދި އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ ޕެންޝަން ރިޕޯމް ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަފްސީލީ ގޮތެއްގައި އިމްރާން ކިޔައިދެއްވި އެވެ. އަދި އާސަންދައާއި އެންސްޕާ ކަނޑާނުލާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

"މި ބަޖެޓްގެ ތެރެއިން މި ހުރި ކަންތައްތައް ކުރިއަށްދާނެ ކަން ޔަގީންކުރަން."

25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރުމުގެ މަސައްކަތް ފައްޓަވާފައިވާތީ އެކަމަކީ ބަޖެޓަށް ބުރަ ކަމެއް ނެތި ކުރަމުންދާ ކަމެއް ކަން ފާހަގަކުރައްވާ އިމްރާން ވަނީ ޗައިނާ ސަރުކާރާއި ރައީސް އަދި ޗައިނާ ސަފީރަށް ޝުކުރު އަދާކޮށްފަ އެވެ.

އިމްރާން ވިދާޅުވީ އެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ އިތުރު މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ފަސޭހަ ކަމަށެވެ.

"އަޅުގަނޑު ޔަގީންކުރަން މި ދިވެހި ދައުލަތުން, ސަރުކާރުން ޕާކިންގެ މައްސަލައާއި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި އާސަންދަ, އެންސްޕާ މި ފަދަ ހުރިހާ ކަމަކަށް މި ބަޖެޓްގެ ތެރެއިން ތަސައްލީއެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން, މިއީ ވަރަށް އުންމީދީ ބަޖެޓެއް"

މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވަނީ އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ކަމަށެވެ.

"މިއީ މިހާތަނަށް ސަރުކާރަކުން ހުށަހެޅި އެންމެ ފުރިހަމަ ބަޖެޓް ކަމުގައި އަޅުގަނޑު ދަންނަވާލަން"

ފަލާހު ވިދާޅުވީ މާޒީވެދިޔަ ދައުލަތުގެ ބަޖެޓްތަކާ ބަލާއިރު އަންނަ އަހަރުގެ ބަޖެޓަކީ އެންމެ ދަރަނި ކުޑަ ބަޖެޓު ކަމަށާއި އެއީ ސަރުކާރަކުން ހުށަހަޅާ އެންމެ ބޮޑު ބަޖެޓް ކަމަށެވެ.

ފަލާހު ވިދާޅުވީ އެ ބަޖެޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިމެނޭ ބަޖެޓް ކަމަށެވެ. އަދި އިދިކޮޅުން ދައްކާ ވާހަކަތައް އަޑު ނާހާ, ރައްޔިތުން ބަޖެޓްފޮތް ކިޔުމަށް ފަލާހު އެދިވަޑައިގެންނެވި އެވެ.

"މި ބަޖެޓް ފޮތުން ފަރުވާ ނުލިބޭ, މި ބަޖެޓް ފޮތުން އެހީތެރިކަމެއް ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ"

ފަލާހު ވިދާޅުވީ ބަޖެޓާ ބެހޭ ގޮތުން އިދިކޮޅު މެންބަރުން ރަނގަޅަށް ވާހަކައެއް ދައްކައިފިނަމަ ދެން އަންނަ ދައުރަކަށް ހޮވިދާނެ ކަމަށެވެ.

"މި ބަޖެޓް ދޮގު ކުރާ މެންބަރަކު ރައްޔިތުން ނުވެސް ހޮވާނެ ދެން. އެ ވާނީ ގަމާރަކަށް, ބުރާންޗަކަށް. ބައްލަވާ މިއަށްވުރެ ރަނގަޅު ބަޖެޓަށް ހުށަނާޅައޭ މިތާކަށް"

ފަލާހު ވިދާޅުވީ އެއީ ފުރިހަމަ ބަޖެޓެއްކަން އިދިކޮޅު އެމްޑީޕީގެ މެންބަރު, ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު, މީކާއިލް އަހުމަދު ނަސީމަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ބަޖެޓުން ޝިފާއެއް ނުލިބޭނެ އެންމެ ރައްޔިތަކުވެސް ނުހުންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ބަޖެޓުގައި 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް ވަނީ ހިމަނާފަ އެވެ. އެ ފިޔަވަޅުތަކާ އެކު ދައުލަތުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކުޑަކުރާއިރު، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާ އެކު، އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!