Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގެ ބެންގަލޫރުގައި ހުންނަ ހޮޓަލެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ބެންގަލޫރުގެ ހުންނަ ހޮޓަލެއްގެ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 43 އަހަރުގެ މީހެކެވެ. ހަސަން ސުހައިލް ނަމަކަށް ކިޔާ އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އޭނާ އިންޑިއާއަށް ގޮސްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހޮޓަލުން ޗެކްއައުޓް ވުމަށް ހަމަޖެހިފައިވާ ދުވަހު ކަމަށެވެ.

Advertisement
HDC — Sidebar (box)

ހޮޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސުހައިލް އެންމެފަހުން ފެނިފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. ބުދަ ދުވަހު ކޮޓަރިން ނިކުމެފައި ނުވާތީ އާއި ކާތަކެއްޗަށް އޯޑަރުނުކުރާތީ، އޭނާއަށް ގުޅުމަށް ހޮޓަލުގެ މުވައްޒަފުން މަސައްކަތްކުރި އެވެ. އެހެންނަމަވެސް ސުހައިލުގެ ހަބަރެއް ނުވުމުން ހޮޓަލުގެ ފަރާތުން އެކަން ފުލުުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

ނޫސްތަކުން ބުނީ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ފުލުހުން ވަތްއިރު ފެނުނީ އޭނާ ބިންމަތީގައި އޮތްތަން ކަމަށާއި އޮތީ ހޮޑުލެވިފައި ކަަމަށެވެ. ފުލުުހުން ޝައްކުކުރަނީ ސުހައިލް މަރުވެފައި ވަނީ ލޭގެ ޕްރެޝަރު ދަށްވުމާ އަދި ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ކަމުގަ އެވެ.

ފުލުހުންނާ ހަވާލާދީ ނޫހުގައި ވަނީ ބެންގަލޫރުން ބޮޕާލަށް ހޯމަ ދުވަހު ދަތުރު ކުރުމަށް ޓިކެޓެއް ބުކްކުރި ނަމަވެސް އޭނާ އެ ދަތުރުކޮށްފައި ނުވާ ކަމަށެވެ. ބުރާސްފަތި ދުވަހު ބޮޕާލުން މުމްބާއީއަށް އައުމަށް ފަހު، މުމްބާއީން ރާއްޖެއަށް ދަތުރުކުރަން މިއަދަށް ޓިކެޓު ނަގާފައިވާ ކަމަށެވެ.

ރާއްޖޭގެ އެމްބަސީ އާއި އިމިގްރޭޝަނުގެ އޮފިޝަލުންނަށް ކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަަމަށާއި ސުހައިލުގެ ދަތުރުގެ މަގުސަދު އޮޅުންފިލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމާ މެދު އާއިލާއިން ވަކި ގޮތެއް ނިންމަންދެން އޭނާ ހަށިގަނޑު ބާއްވާނީ ރަމާއިއާ ހޮސްޕިޓަލުގެ މޯޗަރީގައި ކަަމަށް ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ އޭނާ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ބެންގަލޫރަށް ދަތުރެއް ކޮށްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް