ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި 4،000 ފްލެޓް އެ ސަރުކާރުގެ އިސްވެރިންގެ އާއިލާތަކަށް ބަހާލާފައިވާ ކަމަށާއި އެ މައުލޫމާތު ލިސްޓާ އެކު އާންމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގަ އެވެ.
މިދިޔަ ސަރުކާރުން ފްލެޓް ލިސްޓް އާންމުކުރި ނަމަވެސް އާންމުންގެ ގިނަ ޝަކުވާތަކާ އެކު ލިސްޓުގެ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެ ލިސްޓުގެ 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީގެ ތަހުގީގުން ފާހަގަވެފައިވެ އެވެ.
މި ސަރުކާރުން އެ ލިސްޓް މުރާޖާކޮށް, ލިސްޓް އާންމުކުރަން ތާރީހުތަކެއް ދިން ނަމަވެސް މިހާތަނަށް ފްލެޓް ލިސްޓް އާންމުކޮށްފައި ނުވުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.
އެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގެޒެޓްކޮށްފައި އޮތް އެއްވެސް ގޯޗެއް އަދި ފްލެޓެއް އަތުލުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އޮޅުވާލައިގެން, މަކަރު ހަދައިގެން ނުވަތަ ލިޔެކިޔުންތައް ނުލާ ފްލެޓް ނުވަތަ ގޯތިދީފައިވާ ނަމަ ކެންސަލް ވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ މީގެ ކުރިން ވެސް އެކަން ކުރަމުންދާ ގޮތް ކަމަށެވެ.
އުސޫލުގެ ތެރެއިން ހުށަހަޅާ, ޕޮއިންޓް ހަމަވެފައިހުރި މީހުންނަށް ފްލެޓާއި ގޯތި ވެސް ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ފޭސް 2 ގޯތިތައް މި ސަރުކާރުން ހަވާލުކުރި ކުރުމެވެ. އަދި ފޭސް 3, ގިރާވަރުފަޅު އަދި ގުޅީފަޅުން ދީފައިވާ ގޯތި، މަސައްކަތް ނިމޭއިރަށް ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފްލެޓް ލިސްޓް އާންމުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކުރައްމުންދާ ކަމަށެވެ. އަދި އެކަމަށް ޓަކައި ނަގާފައިވާ ކޮމިޓީތަކުން ވެސް އެކަންކަން ބަލަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަން މި ކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒު އެއަށް ނުވަންނަ ގޮތަށް. އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ. އެކަމެއް ނުކުރެވޭނެ،"
ރައީސް ވިދާޅުވީ އިއުލާނުކޮށްފައިވާ ޝަރުތުތަކާއި ފޮއިންޓް ދިނުމުގެ ނިޒާމާ އެއްގޮތަށް އެންމެ ތަރުތީބުން 4،000 މީހުންނަށް ފްލެޓް ދޭނެ ކަމަށެވެ.
އޭސީސީން ބެލި މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ އެ ލިސްޓުގައި އުސޫލާ ހިލާފަށް އޮޅުވާލައިގެން ކޮށްފައިވާ ކަންކަން ހާމަކުރައްވާފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގައި ހިމެނޭ ސިޔާސީ ފަރާތްތަކަށް އުސޫލާ ހިލާފަށް ފްލެޓް ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައި ހުރި ކަމަށް ވިދާޅުވި އެވެ.
"މިކޮށްފައި ހުރި ކަންތައް. އަދަދުތަކާ އެއްކޮށް އަޅުގަނޑުމެން ލިސްޓް ނެރޭއިރުގައި ކޮންމެ މީހެއްގެ ނަން ކައިރީ އޮންނާނެ ތަފްސީލް. ތަފްސީލާއެކީ އަޅުގަނޑުމެން ނެރޭނީ. ވަރަށް ދެފުށް ފެންނަ ލިސްޓެއް ނެރޭނަން އަޅުގަނޑުމެން. ކޮންމެ މީހަކުގެ ތަފްސީލް. ހޮވުނު ގޮތް ވިޔަސް ނުހޮވުނު ގޮތް ވެސް އޮންނާނެ،"
ރައީސް ވިދާޅުވީ އުސޫލާ ހިލާފަށް ކުރީ ސަރުކާރުގެ އިސްވެރިންގެ އާއިލީ ފަރާތްތަކަށް ފްލެޓް ދީފައިވާއިރު، އެއް އާއިލާއެއްގެ ގިނަ މީހުންނަށް ވެސް އެ އުސޫލުން ފްލެޓް ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ފޯޓަލްއަށް ހުށަހެޅި ލިޔުންތަކުގެ އިތުރުން ބައެއް ފަރާތްތަކުގެ ލިޔުންތައް ބަލައިގަނެ ދީފައިވާއިރު، ފޯމު ނުލާ އައިޑީކާޑުގެ އެއްފަޅި ހުށަހަޅަައިގެން ވެސް ފްލެޓް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ލިސްޓް އާންމުކުރުން ލަސްވަނީ އެ ހުރިހާ ސަބަބަކާ ހުރެ ކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް ބެލުމަށްފަހު ގޮތް ނިންމާނީ އިންސާފުވެރިކަމާ އެކު ކަމަށެވެ.