ޚަބަރު

ނާޒިމް އެދިވަޑައިގެންނެވީ ޒަމީރު އެސްއޯއީތަކަށް ފިޔަވަޅު އަޅުއްވަން

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.

Ads by STELCO

ނާޒިމް އެކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގައި މިހާރުކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްގަ އެވެ. އެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރުވެސް ހާޒިރުވެވަޑައިގެންނެވި އެވެ.

ބަޖެޓްގައި ހުރި ރިފޯމްގެ ބައެއް ކަންކަމަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ ސަރުކާރުގެ ކުންފުތަކަކީ ބޮޑެތި ޒަހަމްތަކާއެކު 'ލޭ މަނާނުވެ' އޮތް ކުންފުނިތަކެއް ކަމަށެވެ. މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 940 މިލިއަން ރުފިޔާ އެ ކުންފުނިތަކަށް ދިންނަމަވެސް ކުންފުނިތައް ރަނގަޅުވާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ ނާޒިމް ކަންބޮޑުވުން ފާޅުކުރި އެވެ.

ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން ހުއްޓޭތަން ނުފެންނަ ކަމަށާއި ކުރިއެކޭ އެއްފަދައިން މިހާރުވެސް ސުރުހީތަކުން ކޮރަޕްޝަންގެ ވާހަކަތައް ފެންނަ ކަމަށެވެ.

"އިއްޒަތްތެރި މިނިސްޓަރު ވަޑައިގެން އިންނެވުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މަނިކުފާނު ކެރިވަޑައިގެން އެސްއޯއީތަކާ ދޭތެރޭ ފިޔަވަޅު އަޅުވަން ޖެހިވަޑައިގަންނަވައޭ އެބަ"

އެއީ އެސްއޯއީގެ ބަލަދުވެރިކަން އޮތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އުވާލައި, ފިނޭންސް މިނިސްޓްރީގެ ދަށަށް އެ މަސައްކަތްތައް ގެންދަވަން ނިންމަވާފައި އޮތް ދަނޑިވަޅެއްކަން ފާހަގަކުރައްވަމުން ނާޒިމް ވަނީ އެސްއޯއީތައް އިސްލާހުކުރަން މަސައްކަތް ކުރައްވާ, އެތަންތަން ރަނގަޅުކުރައްވާ ފަރާތަކީ މިނިސްޓަރު ކަމުގައިވުމަށް ގޮވާލައްވާފަ އެވެ.

ނާޒިމް ވިދާޅުވީ އެސްއޯއީތައް މިހާރު ހިނގަމުންދާ ގޮތަށް ހިނގާކަމުގައިވާނަމަ ފެންނަމުންދާނީ އެއް ނަތީޖާއެއް ކަމަށެވެ.

އޭގެ އިތުރުން ބަޖެޓަށް އިޝާރާތްކުރައްވަމުން ނާޒިމް ވިދާޅުވީ ގައުމުގެ ހާލަތު އޮތީ ބޭނުންވާ ގޮތަކަށް މަޝްރޫއުތައް ކުރިއަށްގެންދެވޭ ފަދަ ގޮތަކަށް ނޫން ކަމަށާއި އެހެން ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ އިގްތިސޯދު 'ރީސެޓް'ކުރުމަށް ހުށަހެޅޭ ބަޖެޓެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ އެފަދަ އެންމެ ބަޖެޓަކުން ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅިގެން ނުދާނެ ކަމަށާއި އެހެންނަމަވެސް އޭގެ 3 ބަޖެޓުން އެކަން ހައްލުވެގެންދާނެ ކަމަށެވެ. މިހާރު ހުށަހެޅިފައިވާ ބަޖެޓަކީ ހައްލެއް ކަމަށް ވިދާޅުވި އެވެ.

އިގްތިސޯދުގެ އަސާސީ މައްސަލަތައް ހައްލުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ނާޒިމް ފާހަގަކުރެއްވި އެވެ.

ބަޖެޓް ބަހުސްގައި ނާޒިމް ވަނީ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން އާސަންދައާއި އެންސްޕާއިން ކުރަމުންދާ ބޭކާރު ހަރަދުތަކަށް އިޝާރާތްކުރައްވަމުން ނާޒިމް ފާހަގަކުރެއްވީ ދާދިފަހުން ފެންމަތިވި 24,000 ރުފިޔާގެ އިންޖެކްޝަނަށެވެ.

އާސަންދައިގެ އިސްވެރިއަކާ ހަވާލާދެއްވަމުން ނާޒިމް ވިދާޅުވީ މިދިޔަ 2 އަހަރު ދުވަސް ތެރޭގައި އޭގެ 1000 އަށްވުރެ ގިނަ އިންޖެޝަން ޖަހާފައިވާއިރު އެ ކުންފުންޏަށް 24 މިލިއަން ރުފިޔާ އާސަންދައިން ދިފައިވާ ކަމަށެވެ.

"އާސަންދައިގެ ކަންތައްތައް މާލިއްޔަތު ކޮމިޓީއިން ބެލި ބެލުމުގައި އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އާސަންދަ މި ވަނީ ރަނގަޅު ނުކުރެވޭ ވަރަށް ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފައި. އަސްލު ކެންސަރު ޖެހިފައި ވަނީ އާސަންދައަށް"

ނާޒިމް ވިދާޅުވީ އެއާ މޯލްޑީވްސް ފަދަ ކުންފުނިތައް ދޫކޮށްލާ އަލުން ފެށި ފަދައިން އާސަންދަވެސް އަލުން ފެށުމާ ދޭތެރޭގައި ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ. އަދި އެގޮތަށްވެސް އާސަންދަ ހަމަމަގަށް އަޅުވަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.