ބަނގުރޫޓްވި އެހެން ކުންފުނިތައް ދޫކުރިހެން، އާސަންދަ ދޫކޮށްލައި އާ ގޮތެއް ހޯދަން ވިސްނަން ޖެހޭ: ނާޒިމް
މީގެ ކުރިން ސަރުކާރުތަކުން ހިންގަމުން އައި ކުންފުނިތައް ބަނގުރޫޓްވުމުން ދޫކޮށްލިހެން އާސަންދަ ކުންފުނިވެސް ދޫކޮށްލައި އާ ގޮތްތަކެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ދިއްގަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންސްޕާ އާއި އާސަންދައިން ކުރަން ޖެހިފައިވާ ބޭކާރު ހަރަދުތައް ގިނަވުން ކަމަށެވެ.
ދާދި ފަހުން، ލޮލަށް ޖަހާ އަގު ބޮޑު އިންޖެކްޝަނެއް ކަމަށްވާ ލުސެންޓިސް އިންޖެކްޝަން ބޮޑު އަގުގައި ވިއްކާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ގާތްގަނޑަކަށް 500 އެއްހާ ޑޮލަރަށް ލިބޭ އެ ބޭސް ކްލިނިކަކުން 23،000ރ އަށް އާސަންދައަށް ބިލު ކުރަމުންދާ މައްސަލަ ސޯޝަލް މީޑިއާގައި މީހަކު ވަނީ ތިލަކޮށްފަ އެވެ. އާސަންދައިން އެކަން ބަލަން ފަށާފައިވާއިރު، ނާޒިމް ވިދާޅުވީ ފާއިތުވި އަހަރެއްގެ ތެރޭގައި އެ ކުންފުނިން އެ އަގުގައި 1،000 އެއްހާ އިންޖެކްޝަން ވިއްކާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް 24 މިލިއަނެއްހާ ރުފިޔާ އާސަންދައިން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އޭގެ ހަމަ އަގަކީ ކޮބައިތޯ؟ އޭގެ ހަމަ އަގު 5 މިލިއަން ރުފިޔާވެސް ނާރާ،" ނާޒިމް ވިދާޅުވި އެވެ. ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ހޮސްޕިޓަލުތަކުގައި ހުންނަ މެޝިންތައް ބަދަލުވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އަބަދުވެސް ކަންކަން ހިނގަމުން ދަނީ ވަކި ކުންފުންޏަކަށް އޭގެ ފައިދާ ލިބޭ ގޮތަށް ކަމަށެވެ. މާލިއްޔަތު ކޮމިޓީގައިވެސް އިންނަވާ ނާޒިމް ވިދާޅުވީ އެ ކޮމިޓީން ބެލިބެލުމުން ފާހަގަވީ ކަމަކީ އާސަންދަ ނިޒާމު ވަނީ ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފައިކަން ކަމަށެވެ.
"އަސްލު ކެންސަރު ޖެހިފައިވަނީ އާސަންދައަށް، އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވިސްނުމެއް ގެންގުޅެން އަޅުގަނޑުމެން އެއާ މޯލްޑިވްސްއާ އެކުންފުނިތައް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާފައި އަލުން ބަލަން ފަށަންވީ. ކަމާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭ،" ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އާސަންދައިން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކާ އެކު ހެދިފައިވާ ކޮންޓްރެކްޓްތަކުގައި މެދުވެރިއަކު ނެތްނަމަ ބޭރުގެ ހޮސްޕިޓަލްތަކުން އާދަޔާ ހިލާފު ބޮޑު އަދަދެއް ބިލުނުކުރާނެ ކަމަށެވެ.
"އެހެންވެ ކޮންމެވެސް ބަޔަކަށް ބައި އެޅިފައި ހުރި އެގްރީމެންޓެއް މަތީގައި މި ސަރުކާރަކުން، އަޅުގަނޑުމެން ދެމިތިބޭކަށް ނުޖެހޭ،" އާ ކުންފުންޏެއް އުފައްދައިގެން ނަމަވެސް އާސަންދަ ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނާޒިމް މިހެން ވިދާޅުވިއިރު، އާސަންދަ ނިޒާމަށް ކުރަމުން އަންނަ ހޭދަ ކުޑަކުރުމުގެ ގޮތުން އަންނަ އަހަރުގެ އެޕްރީލު މަހުން ފެށިގެން މައިގަނޑު ދެ ބަދަލެއް ގެނައުމަށް ނިންމައި، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން ވަކި އަދަދެއް ނެގުމަށާއި އައުޓްޕޭޝަން ހިދުމަތް ހޯދާއިރު އަދި "އެސެންޝަލް" ނޫން ބޭސް ގަންނައިރު ބިލުގެ ވަކި މިންވަރެއް "ކޮންޓްރިބިއުޝަން" ގެ ގޮތަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން އެންމެ ގިނައިން އާމްދަނީ ލިބޭ މީހުންގެ އަތުން ފާމަސީތަކާއި ސަރުކާރުގެ ހޮސްޕިޓަލުތަކުން ހޯދާ ބައެއް ސިއްހީ ހިދުމަތްތަކަށް ކޯ-ޕޭ ނިޒާމެއް ތައާރަފުކުރަން ޕްލޭނެއް ހިމަނާފައިވެ އެވެ.
ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި މި ބަދަލުތަކާ އެކު އާސަންދައަށް ކުރަމުން އަންނަ ހަރަދުތަކުގެ ތެރެއިން ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ ކުޑަކުރެވޭނެ އެވެ.
ވައްކަންކުރާ މީހުން ނުހުއްޓުވޭ ނަމަ އަދި ވެސް ވާނީ ހަމަ އެހެން.. ބައިއެޅޭ ގޮތަށް ބޭސް އެތެރެ ކުރެވޭ ގޮތަށް އޮންނާތީ ބޭސް އިންތިހާއަށް އަގުބޮޑު.