ޕީއެންސީން އެމްޑީޕީއަށް: މި ސަރުކާރަކީ ހާމަކަންބޮޑު މާލީ ގޮތުން ޒިންމާދާރު ސަރުކާރެއް
މި ސަރުކާރަކީ ހާމަކަންބޮޑު މާލީ ގޮތުން ޒިންމާދާރު ސަރުކާރެއް ކަމަށް ބުނެ ވެރިކަަންކުރާ ޕީއެންސީން އިދިކޮޅު އެމްޑީޕީއަށް ރައްދު ދީފި އެވެ.
އެމްޑީޕީން ރައްޔިތުންނަށް ހަގީގަށް އޮޅޭ ގޮތަށް މައޫލޫމާތު ފަތުރާކަމަށް ބުނެ ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ހަަރަދުތައް ކުޑަކުރުމަށް މި އަހަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަހަރުން އަހަރަށް ހަލުވިކޮށް ބޮޑުވަމުން އައި ހަރަދުތައް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަދި ހަރަދުތައް ކޮންޓްރޯލް ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓްވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މި އަހަރުގެ ޖުމްލަ ބަޖެޓުގެ ޑެފިސިޓު 378 މިލިއަން ރުފިޔާއިން ކުޑަކުރެވި 3.8 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި ކުރީ ސަރުކާރުން ހަރަދުތައް ރެކޯޑްނުކޮށް އޮތުމުން ދިމާވި މައްސަލަތާ ހުރެ ހަފްތާއަކު އެއް ފަހަރު ހަރަދުތަކާއި އާމްދަނީގެ މައުލޫމާތު ހާމަކުރުން ހުއްޓާލައިފައި އޮތުމަށް ފަހު މިހާރު އެ މައުލޫމާތުތައް ވެސް ހާމަކުރަން ފަށާފައިވާ ކަަން ޕީއެންސީން ފާހަގަކޮށްފައިވެ އެވެ.
އަދި މީގެ އިތުރުން މައުލޫމާތު ހޯދުމަށް ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ދީފައިވާކަން ވަނީ ހާމަކޮށްފަ އެވެ.
އަދި 70 އަށް ވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުންތައް ސަރުކާރުން ބާއްވައި 700 އަށް ވުރެ ގިނަ ފަހަރު ސަރުކާރުގެ އެކި ވަޒީރުން އެކި މީޑިއާތަކަށް މައުލޫމާތު ދިންކަން ފާހަގަކޮށްފައިވެ އެވެ.