ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަނީ
ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން ނިންމައިފި އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި އިންޑިއާ ސިފައިން ތިބި މައްސަލައަކީ އެންމެ ބޮޑަށް ހޫނުވި މައްސަލަ އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ގައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވައި، މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމަށެވެ.
ވެރިކަަމަށް އައުމުގެ ކުރިން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ވައުދުވަޑައިގެންފަ އެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި މަދަނީ މީހުން އެ ބޯޓުތައް ދުއްވަން ގެނެސްފަ އެވެ. ނަމަވެސް އިދިކޮޅުން އެކަން ގަބޫލެއް ނުކުރެ އެވެ.
އެ މައްސަލައިގައި ފާޑުކިއުންތައް އަމާޒުވެފައި އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު ބޭރު ސިފައިން ރާއްޖޭގައި ތިބުމުގެ ކުރިން ރުހުން ހޯދަން ޖެހޭ ގޮތަށް ބިލަށް މަޖިލީހަށް މިހާރު ވަނީ ވައްދައިފަ އެވެ.
ރާ ގާާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ ތާވަލުވެސްކޮށްފަަ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިންނަށްދީ އަދި ބޭރުގެ ސިފައިން ގާއިމުވެ ތިބުމަށް ވެސްދީގެން ނުވާނެ އެވެ.