ބިލާ ދެކޮޅަށް އެމްޑީޕީ މެންބަރުން ތަޅުމުގައި އިހުތިޖާޖުކުރަނީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލާ ދެކޮޅަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖުކުރަން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް 5 އިސްލާހެއް ހުށަހަޅާފައިވެ އެވެ. އެ ބިލު ފާސްކުރުމަށް މަޖިލީހުގެ ޖަލްސާ ކުރިއަށްދާއިރު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ދަނީ ރިޔާސަތުގެ ޗެމްބާ ކުރިމަތީގައި އަޑު އުފުލަމުންނެވެ. މެންބަރުން ތިއްބެވީ "ގާނޫނު އަސާސީގެ ދިފާއުގައި" ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެންނެވެ. ބިލާ ދެކޮޅަށް އެ މެންބަރުން ގެންދަވަނީ ޝުއޫރު ފާޅުކުރަމުންނެވެ.
އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެ ބިލުގެ އިބްތިދާއީ އަޑުއެހުން ނިންމާ މުޅި މަޖިލިސް ކޮމިޓީއިން ފާސްކޮށްފައިވާއިރު މިހާރު ކުރިއަށް ދަނީ ކޮމިޓީ ރިޕޯޓަށް ވޯޓު އެހުމެވެ. ޖަލްސާ ފެއްޓެވި ގަޑީގައި ދުންމާރި ފުމޭތީ އެކަން ނުކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެންގެވި އެވެ. އެ އިސްލާހުތަކުގެ ތެރެއިން އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުންދަނީ ސިޔާސީ ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނެ ކަމަށް ބުނާ އިސްލާހެވެ. އެ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީސް ސަރަަހައްދުގައި ވެސް ދަނީ އިހުތިޖާޖުކުރަމުންނެވެ.




ކޮމެންޓް