ގާނޫނު އިސްލާހުކުރީ ރައީސަށް 10 އިންސައްތަ ވެސް ލިބޭނެ ކަމުގެ ޔަގީންކަން ނެތީމާ: ފައްޔާޒު
މިއަދު ވޯޓެއް ނެގިޔަސް 10 އިންސައްތަ ވެސް ލިބިވަޑައިނުގަންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި ގާނޫނު އަސާސީއަށް އިސްލާހުތައް ހުށަހެޅުއްވީ އެކަމާ ގުޅިގެން ކަމުގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހަރަދުކޮށްގެން ވެސް އިންތިހާބުތައް ބޭއްވުމަކީ އެ ޕާޓީން ގަބޫލުކުރާ މަފުހޫމެއް ކަަމަށެވެ.
އެހެން ނަމަވެސް އިންތިހާބުތައް ގިނަގިނައިން ބޭއްވުމަކީ ވަރަށް ހަރަދު ބޮޑު އަދި ގޯސްކަމެއް ކަމުގައި މި ސަރުކާރުން ބުނަމުންދާ ކަމަށެވެ.
އެގޮތުން ދައްކަމުން އަންނަ އެއް ވާހަކައަށް އަލިއަޅުއްވާލައްވާ އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް އޮތުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމުގަ އެވެ. އެކަމަކު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ލިބޭ އެފަދަ ހައްގުތަކުން މަހުރޫމުކުރަން ކަމުގަ އެވެ.
"އެއްބުރުން އޮޅުވާލައިގެން ވޯޓު ނެގުމަށް ރައީސް މުއިއްޒު އެ މަސައްކަތް ކުރަނީ. ރައީސް މުއިއްޒަށް ސާފުކޮށް އެނގިވަޑައިގަންނަވާ ދިވެހިރާއްޖޭގައި މިއަދު ވޯޓެއް ނަގައިފިއްޔާމުން 10 ޕަސެންޓް ވެސް ރައީސް މުއިއްޒަށް ލިބިވަޑައިނުގަންނަވާނެ ކަން،" ފައްޔާޒު ވިދާޅުވި އެވެ.
ރައީސް ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވި ނަމަވެސް ކަން ކުރައްވަމުން ގެންދަވާތަން ފެންނަނީ އެއާ މުޅިން އިދިކޮޅަށް ކަމުގައި ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިންތިހާބުތައް ގިނައިން ބޭއްވުމަކީ ރައްޔިތުންނަށް އެކަމުން އުދަނގޫވެ، ހަރަދު ބޮޑު ވެދާނެ ކަމަކަށް ވެސް ވެދާނެ ކަމުގަ އެވެ. އެހެންނަމަވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވެން އޮތީ އިންތިހާބުތައް ބޭއްވިގެން ކަމުގަ އެވެ.
"މިފަދަ ގާނޫނުތައް ހަދާއިރުގައި އެ އިލެކްޝަންތަކާ ދުރު ބޭފުޅުން މިގޮތަށް މި ހުށަހަޅުއްވަނީ. އިލެކްޝަންތަކެއް އޮވެދާނެ މަފްހޫމެއްގެ ތެރޭގައި،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް އެބަހުރި ކަމަށެވެ. މިހާރު އޮތް ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ގަބޫލުކޮށްގެން ތިބީ ވެރިކަމުގެ ތިން ބާރު ކަމުގައިވާ ސަރުކާރާއި ރައްޔިތުންގެ މަޖިލިހާ އަދި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ވަކިވާ ނިޒާމެއް އޮތުމުން އެކަން ގަބޫލުކޮށްގެން އެ ވިސްނުމުގައި ސިޔާސީ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގެ ނިސްބަތްވާ ޕާޓީއަކަށް އަދި އޮތް ކަމުގައި ވިނަމަވެސް ރައްޔިތުންގެ މަޖިލިހުން ސަރުކާރު ޖަވާބުދާރީކުރަން ކަންތައްތަކެއް ކުރާނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.
ތާރީހުގައި ކަން ހިނގައިދިޔަ ގޮތަށް އަލިއަޅުއްވާލައްވާ މަޖިލިސް މެމްބަރުކަން ވެސް މީގެކުރިން ކުރެއްވި ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރު އެ ޕާޓީއަށް މަޖިލިހުގެ މެޖޯރިޓީ ލިބިފައި ނުވާ ކަމުގަ އެވެ.
އެހެންނަމަވެސް ކުރެވުނު މަސައްކަތުން ހެޔޮ ބަދަލުތަކެއް ގައުމަށް ގެނެވުނު ކަމުގަ އެވެ. މަޖިލިހުގެ ތެރެއިން މަސައްކަތްކޮށް ވެރިކަން ނިމުމަކަށް ނުގެނެވުނީމާ، އެންމެފަހުން ބަގާވާތަކުން ވެރިކަން ވައްޓާލީ ކަމުގަ އެވެ.
އެއާ އެކު ދެން ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލިބުނު މެޖޯރިޓީގެ ބޭނުންކޮށް، މި ސަރުކާރުން އިއްޔެ ގެނައި ފަދަ ބަދަލުތައް މަޖިލިހުގެ ތެރެއިން ގެނައި ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުނު ނަމަވެސް ކަންވީ ގޮތް ފެންނަން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގައި ތިބި މީހުންނަށް ދަތިވެ، އުދަނގޫވާ ވަރަށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ދިޔައީ ސަރުކާރަށް ފާޑުކިޔަމުން. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ވެރިކަން ގެއްލިދިޔަ ދިޔުމުގެ އެއް ސަބަބު ވެސް މެ އެއީ،" ފައްޔާޒު ވިދާޅުވި އެވެ.
ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެމްޑީޕީގެ މެމްބަރުން ފަހަތަށް ނުޖެހި އެ ބޭފުޅުންނަށް ފެންނަ ގޮތް ދިޔައީ ހާމަކުރަމުން ކަމަށާއި، ނަތީޖާއެއްގެ ގޮތުން ސަރުކާރުން ބޭނުންވި އެތައް ކަމެއްގައި ގޮތް ދޫކޮށް ބަދަލުކުރިކަން ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ފިކުރު އަންނަ ކޮންމެ ފަހަރަކު މަސައްކަތް ކޮށްފައި ވާނީ ރައްޔިތުން ބާރުވެރިކުރުވައި އެ މީހުންގެ މިނިވަން ކަމަށް އިހުތިރާމުކޮށް ގާނޫނު އަސާސީގައިވާ މަފުހޫމުތަކާ އެއްގޮތަށް ކަމަށާއި، އެއާ ހިލާފަށް ޕީއެންސީ/ޕީޕީއެމްގެ ފިކުރުގެ ކޮންމެ ވެރިކަމެއްގައި ފެންނަނީ އެއާ އިދިކޮޅަށް މަސައްކަތް ކުރެވޭތަން ކަމަށެވެ.
ގައުމުގައި މިއަދު އޮތީ ރައްޔިތުންގެ މިނިވަން ކަމަށް ވަކާލާތުކުރާ ބަޔަކާއި އެއިރަކު ހުންނަ ވެރިއަކު ބޭނުންވާ ގޮތަށް ވަކާލާތުކުރުމުގެ މައްޗަށް ބިނާވާ ދެ ފިކުރެއްގެ މައްޗަށް ކަމުގައި ފައްޔާޒު ވިދާޅުވި އެެވެ.
ހުރިހާ އެންމެން ވެސް ތިބެނީ ރައްޔިތުންގެ ފަޅީގައި ކަމަށް ބުނެ ވަކާލާތު ކުރި ނަމަވެސް އަމަލުކުރަމުން ދަނީ ރައްޔިތުންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ކަމުގައި ވާހަކައިގައި ފާހަގަކުރެއްވި އެވެ.