Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ރާއްޖެ ގެނެސް ހާލުގައި ޖެއްސި އިންޑިއާ މީހަކު ސަލާމަތްކޮށްފި

ރާއްޖެ ގެނެސް ހާލުގައި ޖެއްސި އިންޑިއާ މީހަކު ސަލާމަތްކޮށްފި
ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރި އިންޑިއާގެ ޒުވާނެއް ލައްވާ މަޖުބޫރުން ގިނަ ވަގުތު މަސައްކަތް ކުރުވައި، އެކަށީގެންވާ ވަރަށް ކާބޯތަކެތި ފޯރުކޮށްދީފައިނުވާ ކަމަށް ބުނެ، އެ މުވައްޒަފު އަނބުރާ ގައުމަށް ގެންގޮސްފައިވާ ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފި އެވެ. ރިޕޯޓުތައް ބުނާގޮތުން އިންޑިއާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މާން ޕަރީކްއަށް ރާއްޖޭގެ ރިސޯޓަކުން ޝެފެއްގެ ވަޒީފާ ލިބިގެން ރާއްޖެ އައިސްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭނާގެ މަންމަ އާ ހަވާލާދީ ހަބަރުތަކުގައިވާ ގޮތުން މާން ލައްވާ މެދުނުކެނޑި ދުވާލަކު 20 ގަޑިއިރު މަސައްކަތް ކުރުވަ އެވެ. އެ ރިސޯޓުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އޭނާގެ މަންމަ ބުނެފައިވާ ގޮތުގައި ވަޒީފާއަށް ދިޔަތާ ހަފުތާއެއް ނުވަނީސް މާން ވަނީ އެ ރިސޯޓާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. މާން އަނބުރާ އިންޑިއާއަށް ގެނައުމަށް އޭނާގެ ވަޒީފާގެ ކޮންޓްރެކްޓް ބާތިލު ކޮށްދިނުމަށް ރިސޯޓުގައި އެދުނު ނަމަވެސް، މާންގެ ޕާސްޕޯޓު ރިސޯޓުން ހިފަހައްޓާފައިވުމުން އޭނާއަށް އަނބުރާ ގައުމަށް ނުދެވި ތާށިވީ ކަމަށް މާންގެ މަންމަ އާ ހަވާލާދީ ރިޕޯޓު ކޮށްފައިވެ އެވެ.
"އަހަރެންގެ ދަރިފުޅު މިނިވަންކޮށްދިނުމަށް އެދި ރާއްޖޭގައި ހުރި އިންޑިއާގެ އެމްބަސީއަށް ސިޓީ ފޮނުވިން. ޕޮލިހަށް ދިޔައިން. ހަ މަސް ދުވަސް ވަންދެން ދަރިފުޅަށް މިނިވަންކަން ހޯދައިދޭން އިދާރާތަކަށް ގޮސް އާދޭސް ކުރިން. އެކަމަކު އެއްވެސް ކަމެއް ނުވި،" މާންގެ މަންމަ ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުން އެ ރިސޯޓުގައި އެގޮތަށް މަޖުބޫރުން މަސައްކަތް ކުރުވާ އެތައް ބަޔަކު އެބައުޅެ އެވެ. ބަރޯސާ ސެލްގެ ޕޮލިސް ސަބް އިންސްޕެކްޓަރު ޓެޖާޝްރީ ޝިންޑޭ ހިންދުސްތާން ޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ސެލްގެ އެހީތެރި ކަމަށް މާން އެދިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެެވެ. އަދި އެހީތެރި ކަމަށް އެދުނު ހިސާބުން އޭނާ މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގެ މެނޭޖްމެންޓާ ވާހަކަ ދައްކައިގެން މިދިޔަ އާދިއްތަ ދުވަހު މާން އަނބުރާ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް