ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 50 ކުދިން، މަހަކު 5،000 ރުފިޔާގެ އެލަވަންސް އާއެކު ފޮސްޓާކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މިނިސްޓްރީން ބުނެފައި ވަނީ ކުދިންނާ ގުޅުމެއް ނެތް ފަރާތްތަކަށް ކުދިން ފޮސްޓާކޮށްދެނީ ވަކި ޝަރުތުތަކަކަށް ފެތޭ ފަރާތްތަކަށް ކަމަށެވެ. އަދި ކުއްޖާގެ ކިޔެވުމުގެ ކަންކަމާއި ވަކި އުމުރަކަށް ދިއުމުން ކުދިންނަށް މަތީ ތައުލީމާއި ހުނަރު ދިނުމުގެ ޕްރޮގްރާމުތައް ހިންގައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ އެވެ.
ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖް "52 ހަފުތާ - ސަރުކާރާއެކު ކުރިޔަށް" ގައި ބައިވެރިވެވަޑައިގެން އާއިޝާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ނަސީބެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުޑަކުދިންނާ ދޭތެރޭގައި ބޮޑެތި މީހުންގެ ހިތުގައި އޮންނަ ހާއްސަ ލޯތްބާއި އަޅާލުން ކަަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުނު ނަމަވެސް އެފަދަ ކުދިންނަށް ވީހާވެސް އަވަހަކަށް އާއިލާއެއް ހޯދައިދިނުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 50 ކުދިންނަށް އާއިލާތަކެއް ހޯދައިދެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެގޮތަށް ހަވާލުވެގެން ގެންދާ ކުދިންނާ މެދު ތަފާތެއް ނުކޮށް ގެންގުޅެމުންދާ ކަމުގަ އެވެ. ފޮސްޓަކުރެވޭއިރު ކަމާ ގުޅޭ އިތުރު ޕްރޮގްރާމުތައް ހިންގަމުންދާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ހޭލުންތެރިކަމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
"ކުދިން ހަވާލުވާ ގަވާއިދުގެ ދަށުން އެ އާއިލާއަކަށް، ކޮންމެ ކުއްޖެއްގެ ބެލެހެއްޓުމަށް ވެސް 5،000 ރުފިޔާ ވެސް އަޅުގަނޑުމެންނަށް އެބަ ދެވޭ. ކުދިން ގެންގުޅުމަކީ ހަރަދެއް ހިނގާނެ ކަމަކަށް ވާތީވެ އެގޮތަށް ވެސް އެބަ ގެންދެވޭ،" އާއިޝާ ވިދާޅުވި އެވެ.
ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ ކުދިން ތިބެނީ އާއިލާއެއްގެ ތެރެއަށް ދާހިތުން ކަމުގަ އެވެ. ސެންޓަރުތަކުގައި ކުދިން ތިބޭއިރު އެފަދަ ކުދިން އާއިލާއެއްގެ ތެރެއަށްދާ ދުވަހަކީ ސެންޓަރުތަކަށް އަންނަ އުފާވެރި ދުވަހެއް ކަމުގަ އެވެ. ފޮސްޓަކުރުމަށް ފަހުގައި ވެސް ކުދިންގެ ހާލަތު ބަލައި، އާއިލާގައި ކުއްޖާގެ ދިރިއުޅުމުގެ ހާލަތު މޮނިޓަކުރާނެ ކަމަށް އާއިޝާ ވިދާޅުވި އެވެ.