Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި 

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި 
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބަޖެޓް ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ހިމެނޭހެން އެކުލަވާލި ބަޖެޓް ކޮމިޓީން އެ ބަޖެޓް ދިރާސާކޮށްފައިވެ އެވެ. ބަޖެޓް ދިރާސާކޮށް އެކުލަވާލި ރިޕޯޓް މަޖިލީހަށް ހުށަހަޅައިދެއްވަމުން އެ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ވިދާޅުވީ ކޮމިޓީން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ދައުލަތުގެ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ދައުލަތުގެ ފިޒިކަލް ޕޮލިސީއާއި ދަރަނި މެނޭޖްކުރާނެ ގޮތްތަކަށް ކަމަށެވެ. ބަޖެޓަށް ފިނޭންސް މިނިސްޓަރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓާ ޖެނެރަލްގެ ލަފާ ލިބިފައިވާ ކަމަށާއި ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި ވުޒާރާތައް ހިމެނޭހެން 23 އޮފީހެއްގެ ބަޖެޓާ ގުޅޭ ގޮތުން ލިޔުމުން މައުލޫމާތު ހޯދިފައިވާ ކަމަށް ފަޒާދު ވިދާޅުވި އެވެ. ފަޒާދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި އިގްތިސޯދު ކުރިއަރާނެ ގޮތާއި 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު ލަފާކުރާނެ ގޮތް އެ ބަޖެޓްގައި ބަޔާންކުރާ ކަންކަންވެސް ކޮމިޓީން ދިރާސްކޮށްފައިވާނެ ކަމަށެވެ.

ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން:

  • 2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓްގެ ފިޒިކަލް ޕޮލިސީއާއި ބަޖެޓްގެ ތަސައްވަރެއް އޮތްކަން.
  • 2025 - 2027 އަށް އެކުލަވާލާފައިވާ ފިޒިކަލް ސިޔާސަތުގެ މައިގަނޑު އަމާޒަކީ މެދު ރާސްތާއގެ ފިޒިކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރެވެނިވި ޕްލޭނެއްކަން.
  • 2026 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 އިންސައްތަ ދަށްކުރަމުން ކަނޑައަޅާފައިވާ އަމާޒު ފާހަގަކުރެވުނު.
  • ބަޖެޓްގެ ފްރައިމަރީ ޑެފެސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތާގައި ހިފެހެއްޓުމަށް ކަނޑައެޅިފައިވާ އަމާޒު.
  • 2025 ވަނަ އަހަރު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައްވެސް ވަރަށް ތަފްސީލުގޮތެއްގައި ފާހަގަކޮށްފައިވޭ.
ކޮމިޓީ ރިޕޯޓާ ގުޅިގެން އާންމު ކޮމިޓީން ނިންމާފައިވާ ގޮތަށް ކޮންމެ މެންބަރަކަށް 7 މިނެޓްގެ ފުރުސަތެއް ދީފައިވާއިރު ބައެއް މެންބަރުން އެ ރިޕޯޓަށް ބަހުސްކޮށްފައިވެ އެވެ. ބަޖެޓްގައި، ކޮމިޓީ ރިޕޯޓަށް ފޮނުވި އިސްލާހު ހުށަހަޅުވަމުން މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ޖެނެރަލް ރިކޮމެންޑޭޝަންތައް އުނިކުރަން ހުށަހަޅުއްވާ ކަމަށެވެ. އެ އިސްލާހަށް ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް ތާއިދުކުރެއްވި އެވެ. އެ އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ބަލައިނުގަތުމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. ބަޖެޓް ފާސްކޮށްފައިވަނީ އެ އިސްލާހާއެކު އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމެނޭ 13.3 ބިލިއަން ރުފިޔާ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް