ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އޭސީސީގެ ނައިބުރައީސް އާއި ތޯހާ އިސްތިއުފާ ދެއްވައިފި
ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން "ދެން އޮންލައިން" އަށް ކަށަވަރުކޮށްދެއްވަމުން ސަލާމް ވިދާޅުވީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް މިއަދު ހެނދުނު ލިޔުމުންނާއި އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.
ގިނަ ތުހުމަތުތަކަކާ ގުޅިގެން ސަލާމާއި ތޯހާ ވަކިކުރުމަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާއެއްކޮށްފައިވެ އެވެ. އެ ދިރާސާގެ މައްޗަށް ކޮމިޓީން އެކުލަވާލި ރިޕޯޓް މިއަދުގެ ޖަލްސާގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވަނީ މަޖިލީހުގެ ތަޅުމަށް އިއްވަވައިދެއްވާފަ އެވެ.
ކޮމިޓީ ރިޕޯޓްގައި ސަލާމަށް ކުރެވޭ ތުހުމަތުތަކުގެ ގޮތުގައި ފާހަގަކުރީ:
- ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުން.
- ބިންވެރިޔާ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް އިރުޝާދުދީފައި ވަނިކޮށް ސަލާމް އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފުރުސަތު ނުދީ މައްސަލަ ހުއްޓުވާފައިވުން.
- ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑު ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށްފައިވުން.
- އޭސީސީގެ އޮނިގަނޑު އިސްލާހުކޮށް, ފޮރެންސިކް ސެކްޝަން ހަދާ އެތަނުގެ ހެޑްއަކަށް ކުރިން އެތަނުގައި މަސައްކަތްކުރި ނައިބު ރައީސާއި އެ ކޮމިޝަންގެ އެހެން މެންބަރަކާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ ނެގުމުގައި އަމަލީ ގޮތުން މަސައްކަތް ކުރުން.
- ވަކި ގޮތަކަށް މައްސަލަ ނިންމަން އެހެން މެންބަރުންނަށް ބާރު އަޅާ, މައްސަލާގައި ހެކި ހުރި ނަމަވެސް ބޭނުން ގޮތަކަށް މައްސަލަ ނިންމުން.
- އަމިއްލަ މަސްލަހަތަށް ބަލާ, މައްސަލަތައް އެޖެންޑާކުރުން.
ކޮމިޓީ ރިޕޯޓްގައި ތޯހާއަށް ކުރެވޭ ތުހުމަތުތަކުގެ ގޮތުގައި ފާހަގަކުރީ:
- އޭސީސީގެ މުވައްޒަފުން ވަކިކުރި މައްސަލަ ޓްރައިބިއުނަލްއިން ނިންމި ނިންމުން އޭސީސީން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް ތޯހާ ނުފޫޒުން އެ އިސްތިއުނާފު ބާތިލުކުރުމަށް އެދި ހައިކޯޓަށް ސިޓީ ފޮނުވާ އިސްތިއުނާފުގެ ދައުވާ ބާތިލުކުރުން.
- އޭސީސީއަށް އަމަލުކުރަމުން ދިޔަ ގޮތާ ހިލާފަށް އެ މުވައްޒަފަށް ބަދަލު ނަގައިދިނުން.
- ކުރީގެ ބަންޑާރަނައިބެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރިނަމަވެސް ދައުވާ ނުކުރެވޭނެ ކަމަށް ނިންމާ ފައިލް ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވުން.
- އޭސީސީގެ މެންބަރުން އެހެން މަގާމެއް އަދާކޮށްގެން ނުވާނެ ކަމަށް ގަނޫނުގައި ބުނާއިރު ލޯ ފާމެއްގައި މިހާރު ވެސް ތޯހާ ދަނީ މަސައްކަތްކުރައްވަމުން.
މި ދެ މެންބަރުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީއިން ފާސްކޮށް, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓުގެ ގަޑީގައި ވޯޓަށް އަހަން ނިންމާފައިވެ އެވެ.