ލައިފްސްޓައިލް

ކޮވިޑް-19: މާސްކު ދޮންނަންވީ ރަނގަޅު ގޮތް އެނގޭތަ؟ ޑޮކްޓަރުން މިއޮތީ ބުނެދީފަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ކުރުން އެންމެ މުހިންމު އެއް ކަމަކީ މާސްކު އެޅުމެވެ. އަނގައާއި ނޭފަތް ފޮރުވޭނޭހެން މާސްކު އަޅައިގެން ބޭރަށް ނުކުތުމަކީ ތިމާއާއި އެހެން މީހުން ވެސް މިބަލިން ރައްކާތެރި ވުމަށް އެޅޭނެ ވަރަށް މުހިންމު އެއް ފިޔަވަޅެވެ.

Ads by STELCO

މާސްކު އެޅުން މުހިންމުވާ ފަދައިން، ތިމާ އަޅާ މާސްކު ދޮވެ ސާފުކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ސާފު ޠާހިރުކޮށް މާސްކު ނުގެންގުޅެވޭނަމަ، އެމާސްކުގެ ސަބަބުން ހަށިގަނޑުގެ އެތެރެއަށް ތި ފޮނުވާ ލެވެނީ ވަރަށް ބައިވަރު ޖަރާސީމު ތަކެކެވެ.

ހަގީގަތުގައި މޫނުމަތީގައި އަޅާ މާސްކު ދޮންނަން ޖެހެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ ކަމާއިބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، އަތުގައި ސެނިޓައިޒަރ ހޭކުމާއި އެއްފަދައިން މޫނުގައި އަޅާ މާސްކު ވެސް ސާފުޠާހިރުކޮށް ބެހެއްޓުމަކީ އެހާމެ މުހިންމު ކަމެކެވެ.

"މާސްކު ދޮވެ ސާފު ކުރުމުން، އޭގެ ފޮތީގައި ނުވަތަ ފެބްރިކުގައި ހަރުލާފައި ހުންނަ ޖަރާސީމުތައް ފިލައިގެން ދާނެ. ބައެއްފަހަރު އެކަކު އަޅާ މާސްކު އަނެކަކު ވެސް އަޅާތީ، މާސްކު ދޮވެފައި ބަހައްޓާނަމަ، ތިމާގެ ހަށިގަނޑުން ބޭރުވެފައި ހުންނަ ޖަރާސީމުތައް އެހެން މީހެއްގެ ހަށިގަނޑު ތެރެއަށް ވަނުމުން ސަލާމަތް ވާނެ" މެސެތިލިއޮމާ ސެންޓަރުގެ ނަރުހެއް ކަމަށްވާ ޝޯން މާޝޭޒް ބުނެފައިވެއެވެ.

ނަމަވެސް މޫނުމަތީގައި އަޅާ މާސްކު ދޮންނަންވީ ކިހިނެއްކަމެއް އެނގޭ ހެއްޔެވެ؟

އާދައިގެ ފޮތި މާސްކު، އެހެން އެއްޗެއްސާ ވެސް އެކީ ދޮންނަ މެޝިނުން ހަމަ ދޮވެލެވިދާނެއެވެ. ވަކިން ދޮވުން ކޮންމެހެން ލާޒިމެއް ނޫނެވެ.

"ލާ އަންނައުނު ތަކާއެކީ ދޮންނަ މެޝިނުން އާދައިގެ ފޮތި މާސްކު ދޮވެލެވިދާނެ. ނަމަވެސް ދޮންނަން ވާނީ މެޝިނު އާދައިގެ ވަރަކަށް ދަށް ލެވެލެއްގައި. އެހެން ނޫންނަމަ މާސްކު ހަލާކުވެދާނެ. މީގެއިތުރުން ޑްރަޔަރ އެއް ނުގެންގުޅޭނަމަ، މާސްކު ދޮންނައިރު ހޫނު ފެންފޮދެއް މެޝިނުތެރެއަށް އަޅާލުން ރަނގަޅު. އޭރުން އެހުންނަ ޖަރާސީމުތައް އިތުރަށް މަރުވެ، އަވަހަށް މާސްކު ހިކޭނެ" މާޝޭޒް ބުންޏެވެ.

އިންޓުއޭޓިވް ހެލްތުގެ އެމަޖެންސީ ރޫމް ފިޒިޝަން އެންޑް ޗީފް މެޑިކަލް އޮފިސަރ ޖޭ ވުޑީ ބުނެފައިވަނީ، ތަފާތު އެކިކަހަލަ މެޓީރިއަލްތަކުން ހަދާފައި ހުންނަ މާސްކު އެންމެ ރަނގަޅުވާނީ ކޮންމެވެސް ވަރަކަށް ހޫނުކަމެއް ހުންނަ ފެނުން، މަދު ޑިޓާޖެންޓު ކޮޅެއް ބޭނުން ކޮށްގެން އަތުން ދޮވެލުން ކަމުގައެވެ.

ޖޭ ބުނެފައިވާ ގޮތުގައި މިފަދަ ބަލިމަޑުކަމެއްގައި، ފޮތިން ހަދާފައި ހުންނަ މާސްކު ބޭނުން ކުރުން އެހާ ރައްކާތެރިއެއް ވެސް ނޫނެވެ. ނަމަވެސް ވަރަށް ގިނަ މީހުން އެމާސްކު ބޭނުން ކުރާތީއާއި އަގު ވެސް ހެޔޮކަމުން، ޖޭ ނަސޭޙަތް ދީފައިވަނީ ފޮތި މާސްކު ވެސް ބޭނުން ކުރުމަށްފަހު ކޮންމެ ފަހަރަކު ވެސް ރަނގަޅަށް އެމާސްކު ދޮވެލުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!