ޚަބަރު

ކާރެއްގައި ރޯކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކަކު 15 ދުވަހަށް ބަންދުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކަކުގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

Ads by MWSC

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާއްމުކޮށްފައިވެ އެވެ.

އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ބުރުޒުމަގު, ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. އަރާރަތްކުރި, ހާލިދު މަހްމޫދު (35އ) އަދި އދ. މާމިގިލި, ބްލޫވިންޑް، ހަސަން ނަސީމް (31އ) ކަމަށެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ނަސީމްގެ ބަންދަށް 15 ދުވަހުގެ ބަންދުގެ މުއްދަތު މިއަދު ޖަހައިފައިވެ އެވެ.

ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުށް ކުރުމުގައި އަމަލީ ގޮތުން ނަސީމް ބައިވެރިވި ކަމަށް ވަރަށް ބޮޑަށް ބެލެވޭ އެވެ.

އެ މައްސަލަގައި ހައްޔަރުކުރި ހާލިދުގެ ބަންދާމެދު ގޮތެއް ނިންމިކަމެއް ސާފެއް ނުވެ އެވެ. އެކަމާމެދު ފުލުހުންގެ ބަހެއް ނުލިބެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!