ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުލިބޭ ކަމަށާއި، އެ ރޭޓުން ޑޮލަރު މާރުކުރަން ޖެހުމަކީ އިންޑަސްޓްރީ ހަލާކުވެގެންދާނެ ވަރުގެ ކަމެއް ކަމަށް ސަން ސިޔާމް ރިޒޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އެ ތަންތަނަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވައިލާފަ އެވެ. އަދި އެ ގަވާއިދު ގާނޫނަކަށް ހެދުމުގެ މަސައްކަތް އެ ބޭންކުން އަންނަނީ ކުރަމުންނެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއް ގައި އެކަމާ ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް އެމްއެމްއޭއިން ހަދާފައިވާ ގަވާއިދުގެ ސަބަބުން ގެއްލުންވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ތިބި އިންވެސްޓަރުންނަށް ކަމަށެވެ.
އިންވެސްޓަރުން ރިޒޯޓް ތަރައްގީކޮށް، އެތަނަށް ފަތުރުވެރިންގެ ގޮތުގައި އާއިލާތައް ގެންނަނީ އާއިލާތަކުގައި ތިބޭ ކުޑަކުދިންނަށް އެއްވެސް އަދަދެއް ޗާޖު ނުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ. އެހެންވެ، އެކުދިންގެ ބޮލަށް ޑޮލަރު ނުލިބޭކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ބޮލެއްގެ މައްޗަށް 500 ޑޮލަރު އެކްސްޗޭންޖު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރެވޭނެ ކަންތަކުގެ ވާހަކަ އަޅުގަނޑުމެން ކައިރީގައި ދެއްކީމާ އެކަން ކުރެވޭނީ. އެހެންނަމަވެސް، މަޖުބޫރުކޮށްފިއްޔާ އެކަން ކުރަން މަޖުބޫރުވާނެ. ދެން އަޅުގަނޑު ކުންފުނިތާ ހަލާކުވާނީ،" ސިޔާމް ވިދާޅުވި އެވެ.
ރާއްޖޭގައި 5 ރިޒޯޓް ހިންގަމުންދާ ސިޔާމް ވިދާޅުވީ، އިގްތިސާދު ކުރިއަރައިގެންދާނީ، ހުޅުވާލެވިގެންވާ އިގްތިސާދެއް އޮވެގެން ކަމަށެވެ.
ޑޮލަރާއި ގުޅިގެން އެމްއެމްއޭއިން އެކުލަވާލި ގަވާއިދަށް ފާޑު ކިޔަމުން ސިޔާމް ވިދާޅުވީ، ރިސޯޓް އޯނަރުންނަށް އެ ލިބޭ ޑޮލަރަކީ އެމީހުންނަށް ލިބޭ ހަލާލު ފައިސާ ކަމަށެވެ. އަދި އެ ފައިސާ އަތުލަން އެމްއެމްއޭއިން ކުރާ މަސައްކަތަކީ "ފޭރުން" ކަމަށް ސިޔާމް ސިފަކުރި އެވެ.
"އަޅުގަނޑުމެންގެ ހަލާލު ފައިސާއެއް ނޫންތޯ އެއީ؟ ކިހިނެއްތޯ އަޅުގަނޑުމެން އަތުގައި އޮތް އެއްޗެއް އަތުލަން ދިމާކޮށްލާނީ؟ އެއަށް ކިޔާނީ ފޭރުން. އެ ފޭރިގެންނެއް ނުވާނެ އިނގޭތޯ،" ސިޔާމް ވިދާޅުވި އެވެ.
ސަރުކާރުން ކުއްލި ކުއްލިއަށް ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެންނަމުންދާތީ ސިޔާމް ކަންބޮޑުވުން ފާޅުކުރި އެވެ. އެކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ، ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ހަރުކަށި ކަމަށް ބުނެ ވޭޕް ބޭން ކުރުމުން ވެސް ފަތުރުވެރިން ބުކިން ކެންސަލް ކުރި ކަމަށެވެ. އެހެންވެ، ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނައުމުގެ ކުރިން ނޯޓިސްއެއް ދެއްވަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި އެވެ.
އެމްއެމްއޭއިން ފަތުރުވެރިކަމުގެ ސިނާއަތުން ބޮލަކަށް ވަކި ވަރަކަށް ޑޮލަރު މާރުކުރަން ޖެހޭގޮތަށް ގަވާއިދު އެކުލަވާލުމުން، ގިނަ ވިޔަފާރިވެރިން ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.