ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅުންހުރި ދިރާސާއެއް ކުރުމަށް މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
މިއީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔުނިވާސިޓީ އޮފް އޯކްލެންޑް އާ ދެމެދު ވެވުނު އެމްއޯޔޫ އެކެވެ.
އެ އެމްއޯޔޫގައި އީޕީއީގެ ފަރާތުން ސޮއިކުރެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
އީޕީއޭއިން ބުނީ އެމްއޯޔޫގެ މަގުސަދަކީ ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
އަދި ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާ ގުޅުންހުރި މުހިންމު ކަންކަން ދެނެގަތުން ކަމަށެވެ.
އެ އިސްނެގުމާ އެކު އެފަދަ މާހައުލުތައް ހިމާޔަތް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އީޕީއޭއިން ފާހަގަކުރި އެވެ.
އެ އެޖެންސީން އިތުރަށް ބުނި ގޮތުގައި އެމްއޯޔޫގެ ދަށުން ދޫނިތައް ދިރިއުޅޭ މާހައުލު ރައްކާތެރި ކުރުމުގެ އިތުރުން "އިންވޭސިވް ސްޕީސިސް" ތަކުން ކުރިމަތިވާ ކަންކަމުން ރައްކާތެރިކަން ހޯދުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރެވޭނެ ކަމުގަ އެވެ.
މިއީ ރާއްޖޭގެ ތިމާވެއްޓާއި "ބަޔޯޑައިވާސިޓީ" ހިމާޔަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް އީޕީއޭއިން ފާހަގަކުރި އެވެ.