ދިއްފުށީގައި ފުލުހުންގެ ހިދުމަތް ފަށައިފި
ކ. ދިއްފުށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި, ހިދުމަތްދޭން ފަށައިފި އެވެ.
ދިއްފުށީ ޕޮލިސް ޕޯސްޓް ހުޅުވުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުވާއިދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލް އެވެ.
އެ ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލުގެ ރައީސް ސުނިލެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ސީޕީ ޝުޖާއު އެވެ.
ދިއްފުށީގައި ފުލުހުންގެ ހިދުމަތް ފަށާފައިވާއިރު މި 5 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް އަމާޒު ހިފާފައިވެ އެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވުން މުހިންމު ވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒު ކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށް ދިނުމަށް ކަމަށް ސީޕީ ޝުޖާއު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް ހިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވެފައިވެ އެވެ.