މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމުތަކަށް އެހީ ދޭން އައިސީޖޭގައި ރާއްޖެއިން ގޮވާލައިފި
ދިވެހިރާއްޖެ ފަދަ މޫސުމީ ބަދަލުތަކަށް ނާޒުކު ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ރާއްޖެއިން ގޮވާލައިފި އެެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި އދ. އާންމު މަޖިލިހުން ހުށަހަޅާފައިވާ މައްސަލައިގައި، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފައިވާ ކަމަށެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އުފެދޭ ގާނޫނީ ބައެއް ސުވާލުތަކާ ގުޅޭގޮތުން، އައިސީޖޭގެ ސްޓެޓިއުޓްގެ 65 މާއްދާ އާ އެއްގޮތްވާ ގޮތުގެ މަތިން އެ ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް އދ. ގެ 77 ވަނަ އާންމު މަޖިލިހުގެ 276/77 ވަނަ ގަރާރުގެ ދަށުން ހުށަހެޅުނު މައްސަލައެއް ކަަމަށް އޭޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ކުރިއަށްދާ އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ، ބަޔާނެއް ހުށަހެޅުމުގެ ފުރުސަތު ގައުމުތަކަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަަމަށެވެ.
އައިސީޖޭގައި ބޭއްވި އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރައްވަމުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތު ކުރެެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އެހީ ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ރާއްޖެ ނާޒުކުކަން ފާހަގަކުރައްވައި، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަން ޖެހުމަކީ ދިވެހި ސަރުކާރުން ދެކޮޅު ކަމެއްކަން ފާހަގަކުރައްވާފައިވެ އެވެ،"
ރާއްޖެ ތަމްސީލު ކުރެއްވި ބައިނަލްއަގުވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލެއްވި ކަަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފުސީލުކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމުގަ އާއި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާ އެކު އޮންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.